އެއަރޕޯޓްތަކަކީ ޢާއްމު ގޮތެއްގައި 24 ގަޑިއިރު މަސައްކަތް ހިނގަ ހިނގަ ހުންނަ ތަނެކެވެ. ބައެއް ވަގުތުތަކުގައި އެއަރޕޯޓުގައި ފަސިންޖަރުން މަދުކޮށް އޮތަސް، ފްލައިޓެއް ޖައްސާ ވަގުތު، ނުވަތަ ފުރަން ތައްޔާރުވާއިރު އެއަރޕޯޓެއްގެ ބިޒީކަން ފެނިގެންދެއެވެ. މީގެ ތެރެއިންވެސް އެންމެ ބިޒީވަނީ އެންމެ ގިނަ މީހުން ދަތުރުކުރާ އެއަރޕޯޓްތަކެވެ.
އެއަރޕޯޓްސް ކައުންސިލް އިންޓަނޭޝަނަލްއަކީ ފަސިންޖަރުން ކުރާ ދަތުރުތަކުގެ ތަފާސް ހިސާބު ބަލަހައްޓާ ބައެކެވެ. 2017 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ދުނިޔޭގެ އެންމެ "ބިޒީ" އެއަރޕޯޓަކީ އެމެރިކާގެ އެޓްލާންޓާ ސިޓީގެ ހާޓްސްފީލްޑް ޖެކްސަން އެޓްލާންޓާ އިންޓަނޭޝަނަލް އެއަރޕޯޓެވެ. މިގޮތުން 104 މިލިއަން ފަސިންޖަރުން މިއެއަރޕޯޓުން ޚިދުމަތް ހޯދާފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ދުނިޔޭގެ އެންމެ ބިޒީ އެއަރޕޯޓަށް އެޓްލާންޓާ އެއަރޕޯޓް ވެފައިވާއިރު، މިއީ އުތުރު އެމެރިކާގެ ޤައުމުތަކަށް ދަތުރުކުރާ ފަސިންޖަރުން އެންމެ ގިނައިން ބޭނުންކުރާ އެއަރޕޯޓެވެ. މީގެ އިތުރުން އެއަރޕޯޓް އޮންނަ ސަރަޙައްދުގެ ގޮތުން އެމެރިކާއަށް ދަތުރުކުރާ ގިނަ މީހުންވެސް މިއެއަރޕޯޓް ބޭނުންކުރެއެވެ.
ނަމަވެސް ތަފާސް ހިސާބުތައް ދައްކާގޮތުން މިއެއަރޕޯޓް ބޭނުންކުރި މީހުންގެ އަދަދު 0.26 އިންސައްތަ ވަނީ ދަށްވެފައެވެ. އެހެންކަމުން އަންނަ އަހަރު އެންމެ ބިޒީ އެއަރޕޯޓުތަކުގެ ލިސްޓުގެ އެއްވަނަ ނުލިބުން އެކަށީގެންވެއެވެ.
ދުނިޔޭގެ އެންމެ ބިޒީ އެއަރޕޯޓުތަކުގެ ލިސްޓުގެ 2 ވަނަ ލިބުނީ ޗައިނާގެ ބެއިޖިންގ ކެޕިޓަލް އިންޓަނޭޝަނަލް އެއަރޕޯޓެވެ. މިދިޔަ އަހަރު 94.4 މިލިއަން ފަސިންޖަރުން މިއެއަރޕޯޓުން ދަތުރުކުރިއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 1.5 އިންސައްތަ އިތުރު އަދަދެކެވެ. ލިސްޓުގެ 3 ވަނަ ލިބެނީ ޔޫއޭއީގެ ދުބާއީ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. މިދިޔަ އަހަރު 88 މިލިއަން ފަސިންޖަރުން މިއެއަރޕޯޓުން ދަތުރުކުރިއެވެ.
އެއަރޕޯޓްސް ކައުންސިލް އިންޓަނޭޝަނަލުން ޢާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ފަސިންޖަރުން ދަތުރުކުރި އަދަދާއި، ކާގޯ ފޮނުވުނު އަދަދާއި ބޯޓުތަކުގެ ދަތުރުކުރުންތައްވެސް ވަނީ އިތުރުވެފައެވެ. މިގޮތުން އެތެރޭގެ އުދުހުންތައް ހިމެނޭ ގޮތަށް ވައިގެ ދަތުރުފަތުރުކުރި ފަސިންޖަރުންގެ އަދަދު ވަނީ 6.6 އިންސައްތަ އިތުރުވެފައެވެ. އަދި އިންޓަނޭޝަނަލް ފަސިންޖަރުންގެ އަދަދު ވަނީ 8.4 އިންސައްތަ އިތުރުވެފައެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން ދުނިޔޭގެ އެންމެ ބޮޑު އެއަރ ކާގޯ ހަބަކީ ހޮންގކޮންގެވެ. ދެވަނަ އެމެރިކާގެ މެމްޕިސް ސިޓީއަށް ލިބޭއިރު 3 ވަނަ ލިބެނީ ޗައިނާގެ ޝަންހާއީއަށެވެ.
އެއަރޕޯޓްސް ކައުންސިލް އިންޓަނޭޝަނަލްގެ ތަފާސް ހިސާބުތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 1200 އަށްވުރެ ގިނަ އެއަރޕޯޓުތަކުން އެއްކޮށްފައިވާ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށްފައިވާ ތަފާސް ހިސާބުތަކެކެވެ.