ދުނިޔެ

ސޫރިޔާގެ ޙިމްޞަށް ދިން ހަމަލާއެއްގައި 10 މީހުން މަރުވެއްޖެ


ސޫރިޔާގެ ޙިމްޞްގެ ކައިރީގައި ހުންނަ އެ ޤައުމުގެ ވައިގެ އަސްކަރީ މަރުކަޒަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް އަމާޒުވެފައިވާ ކަމަށާއި، މި ހަމަލާތަކުގެ ފަހަތުގައި ވަނީ އެމެރިކާކަމަށް ސޫރިޔާގެ ދައުލަތުގެ ޓީވީއިން ރިޕޯޓްކޮށްފިއެވެ. ސޫރިޔާއިން މިކަން ރިޕޯޓްކޮށްފައި މި ވަނީ، އެ ޤައުމުގައި ހޮނިހިރު ދުވަހު ދިން ކެމިކަލް ހަމަލާއަކީ ސަރުކާރުން ދިން ހަމަލާއެއްކަން ކަށަވަރުވެއްޖެނަމަ، ރައްދުގައި ވަރުގަދަ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވާފައިވާ ދަނޑިވަޅެއްގައެވެ.

މިދިޔަ ހޮނިހިރު ދުވަހު ސޫރިޔާގެ އިރުމަތީ ޣޫޠާގައި އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ހަމައެކަނި ރަށްކަމަށްވާ ދޫމާއަށް އަމާޒުކޮށް ސޫރިޔާގެ އަސްކަރިއްޔާއިން ކެމިކަލް ހަމަލާއެއް ދިންކަމަށް ތުހުމަތުކޮށްފައިވަނީ، އެ ސަރަހައްދުގައި ސިއްހީ އެހީދޭ މަސައްކަތް ކުރާ ފަރާތްތަކުންނެވެ. އެ ފަރާތްތަކުން ބުނެފައިވަނީ ދޫމާގައި ދިން ހަމަލާގައި 49 މީހުން މަރުވެފައިވާ ކަމަށާއި މީގެ ތެރޭގައި ގިނައީ ދޫމާގައި ދިރިއުޅޭ ޢާއްމު ރައްޔިތުންކަމަށެވެ.

ސޫރިޔާގެ ސަރުކާރުން ވަނީ މިކަން ދޮގުކޮށްފައެވެ. ސޫރިޔާއިން ފެންމަތިވެފައިވާ ރިޕޯޓްތައް ކަށަވަރުވެއްޖެނަމަ، ސޫރިޔާގެ ސަރުކާރުން އެކަމަށް 'ބޮޑު އަގެއް' ދައްކަން ޖެހޭނެކަމުގެ އިންޒާރު، އާދިއްތަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެއްވާފައެވެ. މިކަމާ ބެހޭ ގޮތުން ކުރެއްވި ޓްވީޓެއްގައި ޓްރަމްޕް ވިދާޅުވީ، ސޫރިޔާއިން ކެމިކަލް ހަމަލާދިން ކަމަށް ބުނާ ސަރަހައްދު ސޫރިޔާގެ އަސްކަރިއްޔާއިން ވަނީ ބަންދުކޮށްފައި ކަމަށާއި، ސޫރިޔާގެ ރައްޔިތުންނަށް މި ފަދަ ހަމަލާތައް ދޭތީ، އީރާނާއި ތުރުކީންވެސް ޒިންމާތަކެއް އުފުލަން ޖެހޭކަމަށެވެ.

ޓްރަމްޕް މި އިންޒާރު ދެއްވިތާ މާ ގިނައިރުތަކެއް ނުވެ ސޫރިޔާގެ ޤައުމީ ޓީވީން މިވަނީ އެ ޤައުމުގެ ޙިމްޞްގެ ކައިރީގައި އޮންނަ ސޫރިޔާގެ ވައިގެ އަސްކަރިއްޔާގެ މަރުކަޒަކަށް ވައިގެ ހަމަލާތައް ދިންކަމަށް ރިޕޯޓްކޮށްފައެވެ. މި ހަމަލާގައި 14 މީހުން ވަނީ މަރުވެފައެވެ.

ސޫރިޔާގެ ޤައުމީ ޓީވީން ބުނެފައިވަނީ މި ހަމަލާގެ ފަހަތުގައި ވަނީ އެމެރިކާ ކަމަށެވެ. އެހެން ނަމަވެސް އެމެރިކާގެ ދިފާޢި ވުޒާރާ، ޕެންޓަގަނުން ވަނީ މިކަން ދޮގުކޮށްފައެވެ. މިކަމާ ބެހޭ ގޮތުން ޕެންޓަގަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސޫރިޔާގައި މި ވަގުތު އެމެރިކާގެ ވައިގެ އަސްކަރިއްޔާއިން ހަމަލާތައް ދެމުން ނުދާކަމަށެވެ. އެހެންނަމަވެސް ޕެންޓަގަނުން ދަނީ މައްސަލަ ގާތުން ބަލަމުން ކަމަށާއި، ސޫރިޔާގައި ކެމިކަލް ހަތިޔާރު ބޭނުންކޮށްގެން ދޭ ހަމާލާ ދިނުން ހުއްޓުވުމަށް ސިޔާސީގޮތުން ކުރަމުންދާ މަސައްކަތްތަކަށް އެމެރިކާއިން އެއްބާރުލުން ދެމުންދާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.