ޚަބަރު

އެސްޓީއޯގެ ގުދަންތައް ސިނާއީ ސަރަހަދަށް ބަދަލުކޮށް ތަކެތީގެ އަގުތައް ހެޔޮކުރަނީ


މާލޭގެ އެކި ސަރަޙައްދުތަކުގައި ހުރި އެސްޓީއޯ ގުދަންތައް މާލޭ ސިނާޢީ ސަރަހައްދަށް ބަދަލުވުމުން ތަކެތީގެ އަގުތަކަށް ބަދަލު ގެންނާނެކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަހީރު ވިދާޅުވެއްޖެއެވެ.
ގިނަ ބާވާތްތަކުގެ ވިޔަފާރި ކުރަމުން އަންނަ އެސްޓީއޯގެ ގިނަ އަދަދެއްގެ ގުދަންތައް މާލޭގެ އެކި ސަރަހައްދުތަކުގައި ހުރެއެވެ.
ޕީއެސްއެމް ނިއުސްގެ އެންމެ ފުރަތަމަ ޤައުމު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރު ވިދާޅުވީ މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގުދަންތައް ކައިރީ މުދާ އަރުވާ ބޭލުމަށް ބޮޑެތި ވެހިކަލްތައް ޕާކުކުރުމުން އެކަމުގެ އުނދަގޫ އެތައް ބަޔަކަށް ވަމުން އަންނަކަމަށެވެ. މިގޮތުން މަގުތަކުގެ ބާރު ބޮޑުވެ ޓުރެފިކް ތޮއްޖެހި ދުއްވަން ދަތިވާ ފަހަރުތައް އަންކަންވެސް ޝަހީރު ފާހަގކުރެއްވިއެވެ.

ޝަހީރު ވިދާޅުވީ އާއްމުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެ ކުންފުނީގެ ދަށުން ހިންގަމުން އަންނަ ބޮޑެތި ގުދަންތައް މާލޭ ސިނާޢީ ސަރަޙައްދަށް ބަދަލުކުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށެވެ.
އެގޮތުން ސިނާޢީ ސަރަޙައްދުން ސާޅީސް ހާސް އަކަފޫޓުގެ ބިމެއްގައި މަލްޓި -ސްޓޯރީ ބޮޑު ޢިމާރާތެއް ހަދަން ނިންމާ އެ ޢިމާރާތުގެ ކުރެހުން ނިންމާ ޓެންޑަރކޮށް އަގުތައްވެސް ފައިނަލްކޮށްފައިވާކަމަށް ޝަހީރު ވިދާޅުވިއެވެ. އަދި ވަރަށް އަވަހަށް އެތަނުގެ ޢަމަލީ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކުރާނެކަމަށްވެސް ޝަހީރު ވިދާޅުވިއެވެ.

"އެސްޓީއޯގެ ވަރަށް ގިނަ ބޮޑެތި ގުދަންތަކެއް އަމީނީމަގާ މިހެންގޮސް ބޮޑެތި މަގުތަކާ ވަރަށް ގިނަ ސަރަޙައްދެއްގައި އެބަހުރި. އެތަންތަނުގައި ބޮޑެތި ވެހިކަލް ބާއްވައިގެން މުދާ ލޯޑްކޮށް އަންލޯޑްކުރަމުން މިދަނީ. ބައެއް ދަތިއައް މިކަމުގައި ހުރުމާއެކު އަޅުގަނޑުމެން ޕްލޭންކޮށްފައި މިވަނީ މާލޭ އިންޑަސްޓްރިއަލް ވިލެޖްގައި މަލްޓި-ސްޓޯރީ ބޮޑު ޢިމާރަތެއް އަޅާ އަޅުގަނޑުމެންގެ ގުދަންތައް އެ ސަރަޙައްދަށް ބަދަލުކުރަން. މީހުން އުޅޭ ސަރަޙައްދުން ބޭރަށް މި މަސައްކަތް ބަދަލުކުރުން މާލެތެރެއަށް ވާ އުނދަގޫ މުޅިން ޙައްލުވެގެންދާނެ." ޝަހީރު ވިދާޅުވިއެވެ.

ބޮޑެތި ގުދަންތައް މާލެތެރެއިން ނެގުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ނަގާނީ އިމާރާތްކުރުމަށް ބޭނުންވާ ރެޑީމިކްސް ކޮންކްރީޓް ތައްޔާރުކުރުމަށް ބޭނުންކުރަމުންދާ އެސްޓިއީގެ ހަ ނަމްބަރު ކޮށިކަމަށް ޝަހީރު ވިދާޅުވިއެެވެ. މިގޮތުން ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި އެތަން މާލޭ ސިނާއީ ސަރަހައްދަށް ބަދަލުކުރާނެކަމަށްވެސް ޝަހީރު ވިދާޅުވިއެވެ. އަދި އެސްޓީއޯގެ ގުދަންތައް ސިނާއީ ސަރަހައްދަށް ބަދަލުކުރުމަށްފަހު އަންނަ ބަދަލުތަކަށް ބަލާ އެ ކުންފުނިން ދެމުންގެންދާ ހިދުމަތްތަކާއި ތަކެތީގެ އަގުތަކަށް ބަދަލު ގެންނާނެކަމަށްވެސް ޝަހީރު ވިދާޅުވިއެވެ.

އެސްޓީއޯއިން ވިއްކަމުން ގެންދާތަކެތީގެ އަގު ހެޔޮކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މި އޭޕްރިލް މަހުގެ ހަތަރުވަނަދުވަހު ވަނީ އެކުންފުނިން ވިއްކާ ކާޑުގެ ބާވަތްތަކުގެ އަގުތަކަށްވެސް ހެޔޮކޮށްފައެވެ. އަދި ދާދި ފަހަކުންވަނީ ޕެޓްރޯލްގެ އަގުވެސް ހެޔޮކޮށްފައެވެ.