ޚަބަރު

ގަދަ 8 މިރޭ ނިކުންނާނީ ޖަޖުންގެ ފޭވަރިޓް ލަވަތަކާއި އެކު


މޯލްޑިވިއަން އައިޑަލް ސީޒަން 3 ގެ ގަދަ 8 ބައިވެރިން ގަދަ ހަތަކުން ޖާގައެއް ކަށަވަރުކުރުމަށް މިރޭ ނުކުންނާނީ ހިތްގައިމު ވާދަވެރި ހުށައެޅުންތަަކަކާއެކުއެވެ.
މިރޭގެ ޝޯގައި ބައިވެރިން ލަވަ ހުށައަޅާދޭނީ "ޖަޖަސް ޗޮއިސް" މި ތީމަށެވެ. އެހެންކަމުން މިރޭ ޝޯގައި މި ފަހަރުގެ ޖަޖުންގެ ޕެނަލްގައި ހިމެނޭ ހަތަރު ޖަޖުންނަށް އެންމެ ކަމުދާ ލަވަތައް ފެނިގެންދާނެއެވެ.

ގަދަ 8 ގައި ވާދަކުރާ ބައިވެރިން

  • އައިޝަތު އަޒަލް އަލީ ޒާހިރު
  • އަމިނަތު ސައިނާ ރަޝީދު
  • ޙަސަން ޝަހުދާން
  • ތަސްލީމް ޢަބްދުލްކަރީމް
  • ނައުޝާދު ޢަބްދުލްލަތީފް
  • ރައިހާން އާދަމް
  • މަރިޔަމް މައީޝާ
  • ޢަބްދުﷲ މުނާޒް

މިރޭގެ ޝޯވެސް ޓީވިއެމުން ދައްކާނީ 22:30 ގައެވެ. ޝޯ ނިމުމާއިއެކު މި ހަފްތާގެ ޝޯ އިން އެންމެ ކަމުދިޔަ ލަވައެއް ހުށައަޅައިދިން ބައިވެރިޔަކަށް އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު ހުޅުވޭނެއެވެ. އަދި މާދަމާގެ ހަވީރު 4 ޖެހުމާއި ހަމައަށް މި ފުރުސަތު އޮންނާނެއެވެ.
ވޯޓުލުމަށްޓަކާ، MI ޖެހުމަށްފަހު ހުސްތަންކޮޅެއް ދޫކުރައްވާ، އެ ބައިވެރިއަކަށް ދީފައިވާ ކޯޑު ޖެހުމަށްފަހު 303 އަކަށް އެސް.އެމް.އެސް ކުރެވޭނެއެވެ. މިއިން ކޮންމެ އެސް.އެމް.އެސްއަކަށް 3 ރުފިޔާ ޗާޖުކުރާނެއެވެ. އަދި ކޮންމެ ނަންބަރަކުންވެސް އެންމެ ގިނަވެގެން ފޮނުވޭނީ 50 އެސް.އެމް.އެސްއެވެ.
އައިޑަލްގެ ގާލާ ރައުންޑުގެ ޝޯވތައް ހަމަޖެހިފައިވާގޮތުން ކުރިއަށް އޮތް ރައުންޑަށް ދަތުރުކުރާނެ ބައިވެރިން ކަނޑައަޅާނީ ޖަޖުންގެ 50 އިންސައްތަ މާކްސްއާއި، ސަޕޯޓަރުންގެ 50 އިންސައްތަ ވޯޓު އެއްކޮށްލުމުން ޕޮއިންޓް ލިބޭ ތަރުތީބުންނެވެ. އަދި ބޮޓަމް 3 އަކަށް ދަތުރުކުރާ ބައިވެރިންގެ ތެރެއިން އެ ހަފްތާގެ ޝޯވއިން ވަކިވާނެ ބައިވެރިއަކު އިޢުލާންކުރުން އޮންނާނީ ކޮންމެ ހޮނިހިރު ދުވަހެއްގެ ރޭ ބާއްވާ އެލިމިނޭޝަން ނައިޓުގައެވެ.
މޯލްޑިވިއަން އައިޑަލްގެ ޝޯވތައް ވީހާވެސް ތަފާތުކޮށް ބެލުންތެރިންނާއި ހަމައަށް ގެނެސްދިނުމަށް އައިޑަލްގެ ޓީމުން މަސައްކަތްކުރަމުންދާއިރު، އައިޑަލްއަށް އޮންނަ މަޤްބޫލުކަން ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަން ފާހަގަކޮށްލެވެއެވެ. ފްރެންޗައިޒް އުސޫލުން ކުރިއަށްގެންދާ މި ޝޯވއަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ކާމިޔާބު ރިއަލިޓީ ޝޯވވެސްމެއެވެ.