ކުޅިވަރު

ކ.އަތޮޅުގެ ޗެމްޕިއަންކަން ހިންމަފުށި ހޯދައިފި


ފަހަތުން އަރާ ކ.ގުޅި ބަލިކޮށް، އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ކ.އަތޮޅުގެ ޗެމްޕިއަންކަން ހިންމަފުށި ހޯދައިފިއެވެ.
މިއަދު ހަވީރު މާފަންނު ޓާފް ދަނޑުގައި ކުޅުނު ކ.އަތޮޅު ފައިނަލު މެޗު ހިންމަފުށި ކާމިޔާބުކުރީ 2-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ގުޅިއެވެ. އެޓީމުން ލަނޑު ޖެހިތާ މާގިނައިރުތަކެއް ނުވެ، ހިންމަފުށިން ނަތީޖާ ހަމަހަމަކުރީ ލިބުނު ޕެނަލްޓީއަކުންނެވެ. ފުރަތަމަހާފް ނިމެން ކައިރިވެފައި ވަނިކޮށް ހިންމަފުށިން ލަނޑުޖަހާ މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކުރިއެވެ. ނަމަވެސް މެޗުގެ ދެވަނަހާފްގައި ނަތީޖާ ބަދަލުކޮށްލަން ރަނގަޅު ފުރުސަތުތަކެއް ގުޅިއަށް ލިބުނެވެ. އެހެނަމެވެސް ގުޅީގެ ފޯވާޑުންނަށް ނަތީޖާ ބަދަލުކޮށްލެވޭ ގޮތެއް ނުވިއެވެ.
މެޗަށް ފަހު ވާހަކަދައްކަމުން ހިންމަފުށީގެ ކޯޗު އުސްމާން ނަސީރު ބުނީ މީގެ ދެ އަހަރު ކުރިން އޭނާ ދެކެމުން އައި ހުވެފެން ހަޤީގަތަކަށް ވެއްޖެކަމަށެވެ. އޭނާ ބުނީ ޓީމުން އޭނާއާއި ހަވާލުކުރީ އަތޮޅު ޗެމްޕިއަންކަން ހޯދުމުގެ ޓާގެޓް ކަމަށާއި، އޭނާއާއި ހަވާލުކުރި ޓާގެޓް މިހާރު ފުރިހަމަކޮށްފިކަމަށެވެ. އެހެންނަމަވެސް އޭނާގެ އަމިއްލަ ޓާގެޓެއް އެބައޮތްކަމަށާއި އެއީ ހިންމަފުށި ދިވެހި ޕްރިމިއަރ ލީގަށް ކޮލިފައިކޮއްދިނުން ކަމަށެވެ.
" ވަރަށް އުފާވެއްޖެ ޗެމްޕިއަންކަން ލިބުމުން މިއީ ކައުންސިލާ ރަށުގެ ރައްޔިތުންގެ މަސައްކަތް. އަޅުގަނޑާ ޓީމުން ހަވާލުކުރި ޓާގެޓަކީ އޮތުޅު ޗެމްޕިއަންކަން ހޯދައިދިނުން، އެކަން ހާސިލްވެއްޖެ. އަޅުގަނޑުގެ އަމިއްލަ ޓާގެޓެއް އެބޮތް އެއީ ހިންމަފުށި ގޮވައިގެން މާލޭގެ ޓީމްތަކާ ދެކޮޅަށް ނިކުތުން."

މިއަދު މެޗުގައި ގުޅީ ޓީމަށް އިރުޝާދު ދިން އެސިސްޓަންޓް ކޯޗު އަލީ ސޮބާހު ވަނީ މެޗަށްފަހު މެޗުގެ ރެފްރީއާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އޭނާ ބުނީ ދަށްފެންވަރުގެ ރެފްރީން މެޗުތަކުގައި އިންސާފުކުރަން ނެރުމުން އަތޮޅުތެރޭގެ ފުޓްބޯޅަ ކުރިނާރާނެކަމަށެވެ.
" މެޗުގެ ރެފްރީ ވަރަށްދައްކޮށް ފެނިގެން މިދިޔައީ. ހަޤީގަތުގައި މިފެންވަރުގެ ރެފްރީން ލައިގެން އަތޮޅުތެރޭގެ ފުޓްބޯޅައެއް ކުރިއެއް ނާރާނެ. "

ކ.އަތޮޅުގެ ޗެމްޕިއަންކަން ހިންމަފުށި ހޯދުމުން އެޓީމުން ދެން ވާދަކުރާނީ ޒޯން ހަތަރެއްގައެވެ. ޒޯންގައި ދެން ވާދަކުރާނީ އދ.އަތޮޅުން މުބާރާތުގައި ބައިވެރިވި ހަމައެކަނި ޓީމްކަމަށްވާ ފެންފުށްޓެވެ. މިޒޯންގައި ހިމެނޭ އއ.މާޅޮސް ވަނީ މިދިޔަ އަހަރު ގަދަ ހަތަރު ޓީމްގެ ތެރޭގައި ހިމެނުމުން މިއަހަރުގެ ފައިނަލު ބުރަށް ކޮލިފައިވެފައެވެ.
ފެންފުށްޓާ ހިންމަފުށި ވާދަކުރާ ޒޯން ފައިނަލުގެ ފުރަތަމަ ލެގު ކުޅޭނީ ހުކުރު ދުވަހު ހިންމަފުށީގައެވެ.