ރިޕޯޓް

އެމް.ޑަބްލިއު.އެސް.ސީގެ ޚިދުމަތަށް 23 އަހަރު


ފެނާއި ނަރުދަމާގެ ޚިދުމަތް އެންމެ ފުޅާކޮށް ދެމުންދާ މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮންޕެނީ، އެމް.ޑަބްލިއު.އެސް.ސީގެ ޚިދުމަތަށް 23 އަހަރުފުނީއެވެ. ފެނާއި ނަރުދަމާގެ ޚިދުމަތަކީ އަސީސީ ޚިދުތަކަށްވާއިރު މި ޚިދުމަތް ތަރައްޤީކޮށް ދެމެހެއްޓެނިވި ގޮތެއްގައިދިނުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެމަސައްކަތުގައި އެމްޑަބްލިއުއެސްސީގެ ދައުރުވެސް އިންތިހާއަށް ބޮޑެވެ.

މީގެ 23 އަހަރު ކުރިން 1995 ވަނަ އަހަރު އުފެއްދި މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮންޕެނީ، އެމް.ޑަބްލިއު.އެސް.ސީއަކީ ވެރިރަށް މާލޭގެ އާބާދީއަށް ފެނާއި ނަރުދަމާގެ ޙިދުމަތް ދިނުމަށް އުފެއްދި ކުންފުންޔެކެވެ. 60 ހަކަށް މުވައްޒަފުންނާއި 3 އާރް އޯ ޕްލާންޓް އަދި ދުވާލަކު 900 ކޮޑިމީޓަރުގެ ފެން އުފެއްދުމުގެ ޤާބިލްކަމާއެކު އުފެއްދި ކުންފުނީގެ މަސައްކަތް، މިއަދު ވަނީ އެތަށް ގުނައަކަށް ފުޅާވެ ތަރައްޤީ ކޮށްފައެވެ. ކުންފުނީގެ ޚިދުމަތަށް 23 އަހަރުވެ އެކަން ފާހަގަ ކުރަމުން ދާއިރު މާލެ ސަރަޙައްދާއި އަތޮޅުތެރޭގައި ދުވާލެއްގެ މައްޗަށް 32،600 ކޮޑިމީޓަރުގެ ފެންއުފެއްދުމުގެ ޤާބިލްކަން ކުންފުނިންވަނީ ހޯދާފައެވެ. އަދި ޚިދުމަތް ފޯރުކޮށްދިނުމުގައި 700 އަށް ވަރެ ގިނަ މުވައްޒަފުން ހަރަކާތްތެރި ވެއެވެ.

އެމް.ޑަބްލިއު.އެސް.ސީއިން ދަނީ ފެނާއި ނަރުދަމާގެ ޚިދުމަތް، އިތުބާރާ ޔަޤީންކަމާއެކު 24 ގަޑިއިރު ދެމުންނެވެ. މާލެއަށް ދޭން ފެށި ޚިދުމަތް ފުޅާކޮށް، މާލެ ސަރަޙައްދުގެ ރަށްތަކުގެ އިތުރުން، އަތޮޅުތެރޭގެ ރަށްރަށުގައި ޚިދުމަތް ދޭ ކަމީ، ފާއިތުވި 23 އަހަރު ކުންފުނިން ހޯދާފައިވާ ކާމިޔާބީ ދައްކުވައިދޭ ކަމެކެވެ. އެގޮތުން އެމްޑަބްލިއުއެސްސީއިން ދަނީ މާލެ ސަރަހައްދުގެ 5 ރަށުގެ އިތުރުން ކ. މާފުއްޓާއި ހދ. ކުޅުދުއްފުއްޓާއި ރ. ދުވާފަރުގައި ސެންޓަރުތައް ޤާއިމްކޮށް ޚިދްމަތް ދެމުންނެވެ. ހަމަމިއާއެކު އެކުންފުނިން މިހާރު ކުރަމުންދާ އެންމެ ބޮޑު މަސައްކަތަކީ، ކުއްލި ޙާދިސާއަކުން ލިބިދާނެ ގެއްލުން ވިހާވެސް ކުޑަ ކުރެވޭނޭ ގޮތަކަށް ކުންފުނީގެ މަސައްކަތް ބައްޓަންކޮށް، ޙިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތެވެ. މިމަސައްކަތުގެ ދަށުން މާލެ ސަރަޙައްދަށް ބޭނުންވާ ފެން، މެދު ނުކެނޑި ފޯރުކޮށްދިނުމަށްޓަކާ، ހުޅުމާލޭގައި ޤާއިމްކުރާ ޕްރޮޑަކްޝަން ފެސިލިޓި އާއި ސްޓޯރޭޖް ފެސިލިޓީއާއި މާލޭގެ ނެޓްވޯކާއި ގުޅާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެ އިތުރުން އެމް.ޑަބްލިޔު.އެސް.ސީގެ ކަސްޓަމަރ ސަރވިސް ހިންގި އިމާރާތް ތަޅާލާ، އެބިމުގައި ޒަމާނީ ފެންވަރުގެ ޕެނަލް ރޫމަކާއި ޑިސްޓިރިބިއުސަން ސިސްޓަމް ޤާއިމް ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ވޭތުވެދިޔަ 23 އަހަރުގެ ތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތް އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ރިސޯޓް މާކެޓަށް ޚާއްޞަކޮށްގެން، އިތުބާރު ކުރޭވޭ ޔުޓިލިޓީ ސޮލިއުޝަންސް ސަރވިސް ޕެކޭޖުތަކެއް އެމް.ޑަބްލިއު.އެސް.ސީއިން ވަނީ ތަޢާރަފްކޮށްފައެވެ. މީގެ އިތުރުން ކުންފުނިން ދޭ ޚިދްމަތްތަކާއި ވިއްކާ އުފެއްދުންތައް ފަސޭހަކަމާއެކު ލިބޭނެ ގޮތް ހެދުމުގެ ގޮތުން ކުންފުނީގެ ޝޯރޫމުގެ ޚިދުމަތްވެސް ވަނީ ދެމުންނެވެ. އަދި ކުންފުނިން ފޯރުކޮށްދޭ ޚިދުމަތަކީ ތިމާވެށްޓާއި އިޤްތިސާދީ ގޮތުން ދެމެހެއްޓެނިވި ޚިދުމަތެއްކަން ޔަޤީން ކުރުމުގެ ގޮތުން، އިޔާދަ ކުރަނިވި ހަކަތައާއި ރެއިންވޯޓަރ ހާވެސްޓިންގ ވަސީލަތްތައް ބޭނުންކުރަމުންދާ ކަން ފާހަގަކުރެވެއެވެ. އަދި ކުދި އާބާދީ ތަކުގައި ދޭ ޚިދުމަތް ދެމެހެއްޓުމަށްޓަކާ، ފެނާއި ނަރުދަމާ އާއި ކަރަންޓު އަދި ކުނި މެނޭޖްކުރުން ހިމެނޭ ގޮތަށް 'އިންޓަގްރޭޓެޑް ޔޫޓިލިޓީ ސަރވިސަސް މޮޑެލް' ޚިޔާރުކޮށް، ރ. ދުވާފަރުގައި ދޭންފެށި ޚިދުމަތަކީ އަތޮޅުތަކުގައި ޚިދުމަތް ފުޅާކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ.

މިކުންފުނީގެ މަސައްކަތް ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފައްތައިގެން ކުރިއަށް ގެންދިޔުމަށްޓަކާ "އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ" ސްޓޭންޑަޑް ތަޢާރަފް ކޮށް، ފެން ތަޚްލީލު ކުރާ ލެބޯރެޓަރީގެ ޚިދުމަތް ވަނީ އައި.އެސް.އޯ މިންގަނޑަށް ތަރައްޤީ ކޮށްފައެވެ. އެމް.ޑަބްލިޔު.އެސް.ސީ އިން ދޭ ޙިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ބައިނަލައަޤުވާމީ ތަފާތު މިންގަނޑުތައް ވަނީ ހާސިލްކޮށްފައެވެ. އެގޮތުން 2017 ވަނަ އަހަރު އައި.އެސް.އޯ 2015-9001 މެނޭޖްމަންޓް ސިސްޓަމް ވަނީ ޙާސިލްކޮށްފައެވެ. އަދި އެމް.ޑަބްލިއު.އެސް.ސީގެ އިޖްތިމާއި ޒިންމާގެ ދަށުން ވޭތުވެދިޔަ އަހަރުގައި ތަފާތު ގިނަގުނަ ހަރާކާތްތައް ހިންގި، ރައްޔިތުންނަށް ތަފާތު ގޮތްގޮތުންވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.