މިއަހަރުގެ ޖެނުއަރީމަހުގެ އިންފްލޭޝަން އިތުރުވި މިންވަރު މަޑުޖެހިފައިވާކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭއިން ހާމަކޮށްފިއެވެ.
މަރުކަޒީ ބޭނުންކުން ޢާންމުކޮށްފައިވާ މިދިޔަ މަހުގެ އިޤްތިޞާދީ ރިވިއުގައި ވަނީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖޭގައި ތަކެއްޗާއި ޚިދުމަތުގެ އަގުތައް މަތިވި މިންވަރު ނުވަތަ އިންފްލޭޝަން ރޭޓް %3.1 ގައި ހުރުމަށް ފަހު، މިއަހަރުގެ ޖެނުއަރީ މަހު މި ރޭޓް އިތުރުވި މިންވަރު %1.1 އަށް މަޑުޖެހިފައިވާކަމަށެވެ. މީގެ ސަބަބަކީ މި މުއްދަތުގެ ތެރޭގައި ކަރަންޓާއި ކާބޯތަކެތީގެ ބާވަތްތަކުގެ ތެރެއިން ކާޑުގެ ބާވަތްތަކުގެ އަގުތައް ދަށްވެފައިވުންކަމަށް އެމްއޭއިން ހާމަކުރެއެވެ.
ނަމަވެސް، ދިރިއުޅޭ ތަންތަނުގެ ކުއްޔާއި ދުންފަތުގެ ބާވަތްތަކުގެ އަގުތައް މަތިވުމާއި ކާބޯތަކެތީގެ ބާވަތްތަކުގެ އަގުތައް، ޚާއްސަކޮށް ތަރުކާރީގެ އަގު މި މުއްދަތުގެ ތެރޭގައި ވަނީ މަތިވެފައެވެ. މަހުން މަހަށް ބަލާއިރު، 2017 ވަނަ އަހަރުގެ ޑިސެންބަރު މަހު އިންފްލޭޝަން ރޭޓް %9.0 ގައި ހުރުމަށް ފަހު، 2018 ވަނަ އަހަރުގެ ޖަނަވަރީ މަހު އިންފްލޭޝަން ރޭޓް މަތިވެފައި ވަނީ %3.0 އިންނެވެ. މީގެ މައިގަނޑު ސަބަބަކީ ކާބޯތަކެތީގެ ތެރެއިން މަހުގެ ބާވަތްތަކާއި ތަރުކާރީގެ އަގާއި، ދިރިއުޅޭ ތަންތަނުގެ ކުލި މި މުއްދަތުގެ ތެރޭގައި ކުޑަ މިންވަރަކުން އިތުރުވުންކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.