2011 ވަނަ އަހަރު އައްޑޫ ސިޓީގައި ބޭއްވި 18 ވަނަ ސާކް ސަމިޓަށް އިމާރާތް ކުރި އީކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު އަޅަން ސަރުކާރަށް ނެގި ގޯތިތަށް ހަމަ އެސަރައްޙައްދުން ދޭން ނިންމަވައިފިއެވެ. އީސީ އަޅަން ރައީސް ނަޝީދުގެ ސަރުކާރުން ނެގި ގޯތިތަށް، ރައީސް ޔާމީން އަނބުރާ ދޭން ނިންމެވިކަން ހައުސިންގ މިނިސްޓްރީން ފުރަތަމަ އިއުލާން ކުރީ މިދިޔަ މަހުގެ ތެރޭގައެވެ.
ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި، ގޯތި ދޭން ނިންމާފައިވާ ގޮތުގެ ތަފްސީލް ހާމަކުރައްވަމުން މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރުން ހޭވިހުރިހާ ހަޑިއެއް މިސަރުކާރުން ސާފު ކުރަމުންދާ ކަމަށާއި އެގޮތުން އައްޑޫ ރައްޔިތުންގެ އަތުން ނެގި ގޯތިތަށް ކޮންވެންޝަން ސެންޓަރު ހުރި ސަރަހައްދުން އަލުން ދޫކުރާނެކަމަށެވެ. އެގޮތުން އެސަޙައްދުން 3000 އަކަފޫޓުގެ ގޯތިތަށް މިހާރު ޕްލޭންކޮށް ދޫކުރުމަށް ތައްޔާރު ވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން މިހާރު ލޭންޑް ޔޫޒް ޕްލޭންވެސް ހަދާ ނިންމައިފިން މިހާރު އެސަރަހައްދުން ގޯތި ދޭން. އެހެންވީމަ އެގޯތިތަށް ހަވާލުކުރާން އަޅުގަނޑުމެން އެފަރާތްތަކާ. އާދެ، އަޅުގަނޑުމެން ކޮންވެންޝަން ސެންޓަރު ވަށައިގެން ލޭޑްޔޫޒް ޕްލޭން ހަދާ، މިހާރު ގޯތިދޭނެ ތަންތަން ފާހަގަކޮށް ނިންމާފަ ހުންނާނީ" މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ.
ހައުސިންގ މިނިސްޓްރީން ވަނީ ގޯތި ކުރިން ދޫކޮށްފައިވާ ފަރާތްތަކުން އެކަމުގެ ލިޔުން އޭޕްރީލް މަހުގެ 21 ގެ ކުރިން އެމިނިސްޓްރީ އަށް ހުށެހެޅުމަށް އަންގާފައެވެ. އަދި އެފަދަ ލިޔުންތައް ނެތް، އެހެން ނަމަވެސް ގޯތި ކުރިން ދޫކުރި ފަރާތްތަކުންވެސް އެކަން ސަބިތުކޮށް ދިނުމުން ގޯތި ދޫކުރާނެކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.
"ގޯތި ދޫކުރިކަމުގެ އެއްވެސް ލިޔުމެއް ނެތް ފަރާތްތަކުން ދެން ވަޑައިގަންނަވަންޖެހޭނީ ކޯޓަށް. ކޯޓު މަރުޙަލާއިން ސާބިތުވެއްޖެނަމަ އަޅުގަނޑުމެން ގޯތި ހަވާލުކުރާނަން" މުޢިއްޒު ވިދާޅުވިއެވެ.
އައްޑޫގައި އިމާރާތް ކުރި ކޮންވެސްޝަން ސެންޓަރު އަޅަން އޭރު ގޯތި ސަރުކާރަށް ނެގީ އެހެން ސަރަހައްދުތަކުން ގޯތި ނުވަތަ ބަދަލު ދޭނެކަމަށް ބުނެއެވެ. ނަމަވެސް އޭގެ ފަހުން ގޯތިތަކަށް ބަދަލު ދީފައެއް ނުވެއެވެ.