ޚަބަރު

ރާއްޖެ ވަޑައިގެން އުޅުއްވާ އދ ގެ ވަފުދުން ޑރ. ޝައިނީއާ ބައްދަލުކޮށްފި


މިހާރު ރާއްޖެވަޑައިގެން އުޅުއްވާ އދގެ ޕޮލިޓިކަލް އެފެއަރޒް މިޝަންގެ ބޭފުޅުން ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. މުޙައްމަދު ޝައިނީއާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ. އދގެ ވަފުދާއެކު ބޭއްވި މަޝްވަރާތަކުގައި ވަނީ ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙާބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ސަރުކާރުން އިސްވެ ފަށްޓަވާފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ދިމާވާ ހުރަސްތަކާއިބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.

އދގެ މި ވަފްދުން ރާއްޖެއަށް ކުރައްވަމުންދާ ގެންދާ ދަތުރުގައި މިއަދު ވަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާ ބައްދަލުކުރައްވާ މިއަހަރު އޮންނަ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވިއެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި އިންތިޚާބަށް ވަމުންދާ ތައްޔާރީތަކާއި ބެހޭގޮތުން މައުލޫމާތު ބަދައްލުކުރެއްވިއެވެ.

މީގެ އިތުރުން އދގެ މިޝަންގެ ވަފްދުގެ ބޭފުޅުން މިއަދު ރާއްޖޭގެ ފޮރިންގ ސެކްރެޓަރީ އަޙުމަދު ޝަރީރާ ބައްދަލުކުރެއްވި. ފޮރިން ސެކްރެޓަރީއާއެކު ބޭއްވި ބައްދަލުވުމުގައި ވަނީ، އދ ގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

އދގެ ޑިޕާރޓްމަންޓް އޮފް ޕޮލިޓިކަލް އެފެއަރޒްގެ ވަފުދެއް ރާއްޖެ ވަޑައިގެންނެވީ މިމަހުގެ ފަންސަވީސް ވަނަ ދުވަހު. މި ވަފުދުގެ ބޭފުޅުން ދިވެހި ސަރުކާރާއި ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކާއި ބައްދަލު ކުރާނެކަމަށް ރާއްޖޭގައި ހުންނަ އދގެ އޮފީހުން ބުނެއެވެ.