ކުޅިވަރު

އިންޓަރ ސްކޫލް ބެޑްމިންޓަންގައި އެންމެ ކާމިޔާބު ސްކޫލަކަށް ކެޔޮދޫ


މައިލޯ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތުގެ 16 އަހަރުން ދަށުގެ ޗެމްޕިއަންކަން ވ.ކެޔޮދޫ ސްކޫލް ހޯދައިފިއެވެ. 

16 އަހަރުން ދަށުގެ ދެ ޖިންސްގެ ޗެމްޕިއަންކަންވެސް ހޯދީ ކެޔޮދޫ ސްކޫލެވެ. އަންހެން ބައިގެ ޗެމްޕިއަންކަން ކެޔޮދޫ ސްކޫލް ހޯދީ ފައިނަލްގައި ޅ.ނައިފަރު މަދްރަސަޠުލް އިފްޠިތާހާ ވާދަކޮށް ސީދާ ތިން ގޭމުން މެޗު ކާމިޔާބުކޮށްގެންނެވެ. ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ އިމާދުއްދީން ސްކޫލާ ވާދަކޮށް ފަސް ގޭމަށް ގޮސްގެން، 3-2 ނެވެ. 

ކެޔޮދޫ ސްކޫލް ވަނީ 14 އަހަރުން ދަށުގެ ފިރިހެން ބައިގެ ފައިނަލްގައިވެސް ވާދަކޮށްފައެވެ. ނަމަވެސް ކެޔޮދޫ ސްކޫލް ބަލިކޮށް، ޗެމްޕިއަންކަން ހޯދީ މ.މުލަކު ސްކޫލެވެ. 14 އަހަރުން ދަށުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ މ.އަތޮޅު ތައުލީމީ މަރުކަޒެވެ. އެއީ ފައިނަލްގައި މ.މުލަކު ސްކޫލާ ވާދަކޮށް ސީދާ ތިން ގޭމުން މެޗު ކާމިޔާބުކޮށްގެންނެވެ. 

މ.އަތޮޅު ތައުލީމީ މަރުކަޒު ވަނީ 19 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަންވެސް ހޯދާފައެވެ. އެއީ ފައިނަލްގައި ވިލާ އިންޓަރ ނޭޝަނަލް ހައި ސްކޫލާ ވާދަކޮށް ސީދާ ތިން ގޭމުން މެޗު ކާމިޔާބުކޮށްގެންނެވެ. މި އުމުރުގެ ފިރިހެން ޑިވިޝަންގެ ފައިނަލްގައިވެސް ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލަށް ކުރިމަތިވީ ނާކާމިޔާބެވެ. ވިލާ ބަލިކޮށް ޗެމްޕިއަންކަން ހޯދީ ލ.މާމެންދޫ ސްކޫލެވެ. މާމެންދޫ ޗެމްޕިއަންކަން ހޯދީ ވާދަވެރި ކުޅުމަކަށްފަހު ތިން ގޭމް ދެ ގޭމުން މެޗު ކާމިޔާބުކޮށްގެންނެވެ. 

މުބާރާތުގެ އޯޕަންސް ކެޓަގަރީގެ މެޗުތައް މިއަދު ކުޅޭނެއެވެ.