ކުޅިވަރު

އެފްއޭއެމްއިން 65 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި


ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވިސް، އެފްއޭއެމްއިން މިއަހަރަށް 65 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފިއެވެ. 

އެފްއޭއެމްގެ އަހަރީ އާއްމު ބައްދަލުވުމުގައި 65 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރީ މެންބަރު ކުލަބްތަކުގެ އަޣުލަބިއްޔަތުންނެވެ. އެފްއޭއެމްގެ ޚަރަދުގެ ގޮތުގައި މިއަހަރު 65 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ނަމަވެސް އާންމުދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާ ކޮށްފައި ވަނީ 62 މިލިއަން ރުފިޔާއެވެ. އެހެންކަމުން އެފްއޭމް ފާސްކުރި ބަޖެޓް ވެގެންދާނީ ދޭއް ޕޮއިންޓް ނުވައެއް މިލިއަން ރުފިޔާގެ ދަރަނި ބަޖެޓަކަށެވެ.

 އެފްއޭއެމް މިއަހަރަށް ފާސްކުރި ބަޖެޓަށް ތަފާތު އަށް ދާއިރާއަކުން އާންމަދަނީ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އޭގެތެރެއިން ފީފާގެ އެހީގެ ގޮތުގައި 27 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އެފްއޭމް އިން ލަފާކޮށްފަވާއިރު، ސްޕޮންސަރުންގެ އަތުން 14 މިލިއަން ރުފިޔާ ލިބޭނެކަމަށް އެފްއޭމް ފާސްކުރި ބަޖަޓްގައި ހިމަނާފައިވެއެވެ. ސަރުކާރުގެ ފަރާތުން ލިބޭނެކަމަށް އެފްއޭއެމް ބަޖެޓުގައި ހިމަނާފައިވަނީ 7.6 މިލިޔަން ރުފިޔާއެވެ. އަދި އޭޝިޔާގެ ފުޓްބޯޅައިގެ މައި އިދާރާ އޭއެފްސީން 3.8 މިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވެއެވެ. 

އަހަރީ އާއްމު ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ރޭ ފާސްކުރި ބަޖެޓުން އެންމެ ބޮޑު ޚަރަދެއް ކުރާނީ ޓެކްނިކަލް ޑިވޮލެމެންޓައާއި ޓުވާރޑްސް ފިއުޗަރ ޕްރޮޖެކްޓަށްކަމަށެވެ. ބައްސާމް ވިދާޅުވީ މިއަހަރުގެ ތެރޭގައި އެންމެ ބޮޑަށް ޚަރަދު ކުރާނީ އަތޮޅު ތެރެއިން ހުނަރުވެރި ކުޅުންތެރިން ހޯދުމާއި އެކި އުމުރުފުރާތަކުގެ ޓީމްތަކަށް، މެޗުތައް ހޯދަދިނުމާއި، އެކަޑަމީތައް އުފައްދާ، ރާއްޖޭގައި އެކަޑިމީތަކުގެ ހަރަކާތްތައް ފުޅާކުރުމަށްކަމަށެވެ.

" އަޅުގަނޑުމެންގެ މައިގަނޑު ބޮޑު ޚަރަދަކަށް ދާނީ މިހާރުއަލަށް ފަށައިގެން އުޅޭ ޓުވާރޑްސް ފިއުޗަރ ޕްރޮޖެކްޓަށް. އޭގެއިތުރުން އަތޮޅުތަކުން ހުނަރުވެރި ކުޅުންތެރިން ހޯދުމަށް ބޮޑުޚަރެދެއް ހިނގާނެ." ބައްސާމް ވިދާޅުވިއެވެ.