ޚަބަރު

އިތުރު ތަހުޤީގުތަކެއް އަދިވެސް ދަނީ ކުރަމުން - އަނިލް


ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަންޖެހުނީ ޤައުމީ ސަލާމަތަށް ނުރައްކާތެރި ގިނަ ކަންތައްތަކެއް ހިގައިގެންކަމަށާއި އެކަމާއި ގުޅޭ އިތުރު ތަހުޤީގުތަކެއް އަދިވެސް ކުރިއަށްދާކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެއްޖެއެވެ.ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ރައީސުލްޖުމްހޫރިއްޔާ ގެންނެވިކަން އިޢުލާންކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ދައުލަތުގެ ބަންޑާރަ ނާއިބު ވިދާޅުވީ މިދިޔަ މަހުގެ ފަސްވަނަދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަންޖެހުނީ ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާތެރި ވަރަށް ގިނަ ކަންތައްތަކެއް ހިނގައިގެންކަމަށެވެ.  އަދި ރައްޔިތުންނަށާއި ރައްޔިތުންގެ މުދަލާއި ދައުލަތުގެ ރައްކާތެރިކަމަށް ބިރުވެރިކަން އުފެދި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލަށް އޭގެ އަސަރުކުރާނެތީކަމަށްވެސް ދައުލަތުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް  ވިދާޅުވިއެވެ.  ރާއްޖެއަށް ގެނަން އުޅުނު ޤައިރު ޤާނޫނީ ބަޣާވާތުގައި ޝާމިލްވި ވަރަށް ގިނަ ފަރާތްތަކުގެ މައްސަލަތައް ޤާނޫނުގެ ތެރެއިން ތަޙުޤީޤުކުރެވި ދައުވާ އުފުލުފައިވާކަމަށާއި ދައުލަތުގެ މުއައްސަސާތަކުން ދީފައިވާ މައުލޫމާތުގެ އެހީގައި އިތުރު ތަހުޤީޤުތައް އަދިވެސް ކުރިއަށްދާކަމަށް ބަންޑާރަ ނާއިބު ވިދާޅުވިއެވެ.ފެބުރުއަރީމިހުގެ އެއްވަނަ ދުވަހު ސުޕްރީމްކޯޓުން ނެރުނު އަމުރަކީ އެ ކޯޓުގެ 2 ފަނޑިޔާރުން ޖިނާޢީ ނިޔަތާއެކު ޖިނާއީ އަމަލުތައް ހިންގުމާއި، ސިޔާސީ ފަރާތްތަކާ ގުޅިގެން ރިޝްވަތާއި އެނޫންވެސް ނުފޫޒު ހިމެނޭގޮތަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ހިންގި ބޮޑު ޖަރީމާއެއްކަމަށް ބަންޑާރަ ނާއިބު އަނިލް ވިދާޅުވިއެވެ. އަދި ޤައުމަށް ދިމާވި ނުރައްކާތެރި ދަނޑިވަޅުގައި ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ މުވައްސަސާތަކާއި ސަލާމާތީ ބާރުތަކުން ޤައުމުގެ މަސްލަހަތު ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިކަން ބަންޑާރަ ނައިބު ފާހަގަކުރެއްވިއެވެ. އަދި އެ ހާލަތުގައި ރައްޔިތުން ކުރި މަސައްކަތާއި ބެހެއްޓި ކެތްތެރިކަމަށް އަނިލް ވަނީ ޝުކުރު އަދާކުރައްވާފައެވެ."މިހާ ހުތޫރަތްތެރި ވަގުތެއްގައި ޚާއްޞަކޮށް ދިވެހި އެންމެހާ ރައްޔިތުން ދައުލަތަށް ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ކޮށްދެއްވި ކެތްތެރި މަސައްކަތަށް ޝުކުރު ދަންނަވަން. އަދި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާ ހުރިހާ ބާރުތައް އެއީ ސަރުކާރާ މަޖިލީހާ ކަމާބެހޭ އަދުލް އިންސާފު ޤާއިމްކުރުމުގެ ބާރާ ސަލާމަތީ ބާރުތަކުން ވަރަށް ފުރިހަމައަށް ރައްޔިތުންގެ ރައްކާތެރިކަމަށް އަގުހުރި މަސައްކަތްތަކެއް ކޮށްދީފައިވޭ.  ރާއްޖޭގެ މަސްލަހަތަށް ބޮޑެތި މަސައްކަތްކޮށްދެއްވި. އެހެންކަމުން މިހުރިހާ  ފަރާތްތަކަށް ޝުކުރު ދަންނަވަން." ދައުލަތުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވިއެވެ.ސަރުކާރުގެ އެންމެ ބޮޑު އަހަމިއްޔަތަކީ ދިވެހި ރައްޔިތުންގެ ސަލާމަތްތެރިކަންމާއި ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓުންކަމަށާއި މިކަމަށްޓަކައި ކުރިއަށްއޮޮތްތަނުގައިވެސް ކުރަންޖެހޭ މަސައްކަތްތައް ޤާނޫނުގެ މަތިން ކުރަމުން ގެންދަވާނެކަމުގެ ޔަޤީންކަން ބަންޑާރަ ނާއިބު މުހައްމަދު އަނިލް ވަނީ ދެއްވާފައެވެ.