ޚަބަރު

އިބޫއާއި އާޒިމްގެ ބަންދަށް ނުވަ ދުވަސް ޖަހައިފި


މިދިޔަ ހުކުރު ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއިން ހައްޔަރުކުރި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުޙައްމަދު ޞާލިހު ނުވަ ދުވަހު ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ. ކްރިމިނަލް ކޯޓުން އެގޮތަށް ނިންމީ އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ގެންދިއުމުންނެވެ.

އިދިކޮޅު ފަރާތްތަކުން މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން އިބްރާހީމް މުޙައްމަދު ޞާލިޙް ހައްޔަރުކޮށްފައިވަނީ ޖުމްހޫރީ މައިދާން ސަރަހައްދުގައި ހުންނަވަނިކޮށް، ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުންނެވެ. އޭނާގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމުގެ ތުހުމަތެވެ. އޭނާ ބަންދުގައި ބަހައްޓައި ދިނުމަށް ފުލުހުން އެދުނީ މުޖުތަމައުއައް ނުރައްކަލަކަށްވެ ހެކި ނައްތާލާފާނެކަމަށް ބެލެވޭތީއެވެ. 

އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިތުރުން މިދިޔަ ހުކުރު ދުވަހުގެ ރޭ ކުރި މުޒާހަރާއިން ހައްޔަރަކުރި މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމުގެ ބަންދުގެ މުއްދަތުވެސް ކްރިމިނަލް ކޯޓުން މިއަދު ވަނީ އިތުރުކޮށްފައެވެ. އާޒިމްގެ ބަންދަށްވެސް ކްރިމިނަލް ކޯޓުން އިތުރުކުރީ ނުވަ ދުވަހެވެ.