ކުދިން ގޮއިދޫ ސުކޫލާ ދެތޭރޭ ދެކޭގޮތް ބަދަލުކޮށްލީ ވޮލީން ކަމަށް ޕުރިސިޕަލް އަދި ކޯޗު މުހަންމަދު ނިޒާމް ވިދާޅުވެއްޖެއެވެ.
މިއަހަރުގެ މައިލޯ އިންޓަރ ސުކޫލް ވޮލީމުބާރާތުގެ އެންމެ ކާމިޔާބު ސުކޫލްގެ ކޯޗު މުހަންމަދު ނިޒާމް ވިދާޅުވީ ގޮއިދޫ ސްކޫލުގެ ދަރިވަރުން ސުކޫލާ ދޭތެރޭ ޝައުގުވެރިވާން ޖެހޭނެ ސަބަބެއް އޮންނަށް ޖެހޭނެކަމަށް އޭނާއަށް ޤަބޫލްކުރެއްވުނުކަމަށެވެ. އެގޮތުން ގޮއިދޫ ސުކޫލްގައި ވޮލީ ތާއާރަފް ކުރި ހިސާބުން ކުދިން ސުކޫލާދޭތެރޭ ދެކޭގޮތް ބަދަލު ކުރެވި ރަށުން ބޭރަށް ކިޔަވަންދާކުދިން މަދު ކުރެވުނު ކަމަށް ކުރިން ކޮންމެވެސް ވަރަކަށް ވޮލީ ކުޅެއުޅުނު ނިޒާމް ވިދާޅުވިއެވެ.
ނިޒާމް ވިދާޅުވީ އޭނާ ކުރެއްވި މަސައްކަތް ކާމިޔާބުވި ކަމުގެ ހެއްކަކީ ވިދިވިދިގެން ފަސް އަހަރު ސޯޅަ އަހަރުން ދަށުގެ އަންހެން ތަށި އެ ސުކޫލް ކާމިޔާބުކުރުން ކަމަށެވެ. އޭނާ ވިދާޅުވީ އިންޓަރ ސުކޫލް ވޮލީ މުބާރާތުގައި މިހާރު އެހެން ސުކޫލްތަކުން ގޮއިދޫ ވަރަށް ސީރިއަސްކޮށް ނަގާނެކަމަށާއި އެހެންވެ ދެން މުބާރާތަކަށް ތައްޔާރުވާނީ އެޓީމުތަކުންވެސް މޮޅުވާން ކުރާނެ މަސައްކަތް ވެސް އެނގިހުރެކަމަށެވެ. ނިޒާމް ވިދާޅުވީ ސުކޫލް ހިންގެވުމާ ހަވާލުވެހުންވި ޕްރިންސިޕަލު ސުކޫލް ވޮލީޓީމުގެ ކޯޗަކަށް ހުރުމުން އޭނާއަށް ރަސްމީ މަސައްކަތުން ކުރަނީ ފައިދާކަމަށެވެ. އެގޮތުން ސުކޫލު ވޮލީޓީމުގެ ކޯޗަކަށް ހުރުމުން ކުދިންނާ އޮންނަ ގުޅުން ވަރަށް ރަނގަޅުކަމަށެވެ. ސުކޫލް ވޮލީޓީމަށް ކުޅެމުންދާ ކުދިންގެ ނަތީޖާ ރަނގަޅުނުވެ، ޕްރިސިޕަލް ޓީމް ގޮވައިގެން މާލެ ނާންނާނެކަން ކުދިންނާއި ބެލެނިވެރިންނަށް އެނގޭކަމަށާއި، އެހެންކަމުން ވޮލީން ކުދިންގެ ކިޔެވުމަށް ރަނގަޅު އަސަރުތަކެއް ކޮއްފިކަންވެސް ނިޒާމް ފާހަގަކުރެއްވިއެވެ.
" އެކުދިންނަށް އެނގޭނެ އެކުދިންގެ ކިޔެވުން ގޯސްވަންޏާ އެކުދިންގެ ޕްރިންސިޕަލު އިސްވެހުރެ ކުދިން ގޮވައިގެން މާލެ ނާންނާނެކަން، ޑިސްޕްލިން ގޯސްވަންޏާވެސް އެކުދިން ގޮވައިގެން މާލެ ނާންނެކަން އެނގޭނެ." ގޮއިދޫ ސްކޫލަށް މިފަހަރުވެސް 3 ތަށި ކާމިޔާބުކޮށްދެއްވި ޕްރިންސިޕަލް ވިދާޅުވިއެވެ.
ނިޒާމް ވިދާޅުވީ ވޮލީގެ ސަބަބުން ކުދިންގެ އަހުލާގަށްވެސް ރަނގަޅު ހޮޔެ ބަދަލުތަކެއް ފެނިގެންދާކަމަށެވެ. ފުރަތަމަ ފަހަރަށް ވޮލީ ގޮއިދޫއަށް ތައާރަފްކުރެއްވި ކޯޗު ބުނީ ސުކޫލްގައި ވޮލީ ކުރިއެރުވުމުގައި ހުރިހާ މަސައްކަތެއް ދަނީ ސީދާ އޭނާގެ ބެއްލެވުމުގެ ދަށުންކަމަށާއި، ވޮލީގެ ތަމްރީން ޕްރޮގްރާމްތައް ސުކޫލްގައި ހިންގުމާއި، މުބާރާތްތަކަށް ޓީމްތައް ތައްޔާރު ކުރައްވަނީ އޭނާ އަމިއްލައަށް އިސްވެ ހުންވައިގެންކަމަށެވެ.
ބ.ގޮއިދޫން ވަނީ މިފަހަރު މައިލޯ އިންޓަރ ސުކޫލް ވޮލީ މުބާރާތުގައި ސޯޅަ އަހަރުން ދަށުގެ އަންހެން ތަށި ކާމިޔާބުކޮށް މުބާރާތުގެ ސާދަ އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ބައިގެ ތަށިވެސް ކާމިޔާބުކޮށްފައެވެ. މިއީ އެސުކޫލުން ސޯޅަ އަހަރުން ދަށުގެ އަންހެން ތަށި ކާމިޔާބު ކުރި ފަސްވަނަފަހަރު އަދި ސާދަ އަހަރުން ދަށުގެ އަންހެން ތަށި ކާމިޔާބުކުރި ހަތަރުވަނަ ފަހަރެވެ.