ވަކި ސިޔާސީ ޕަޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވުމަށްފަހު، އެ އިންތިޚާބުވި ދައުރުގެ ތެރޭގައި އިންތިޚާބުވި ޕާޓީ ބަދަލުކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭގޮތަށް ހުށައެޅި އެންޓި-ޑިފެކްޝަންގެ ބިލް މަޖިލީހުން ފާސްކޮށްފިއެވެ. ޕީޕީއެމް ޕާލިމަންޓްރީ ގްރޫޕް ލީޑަރު އަޙްމަދު ނިހާން ޙުސައިން މަނިކު ހުށައެޅުއްވި މި ބިލް މަޖިލީހުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 36 މެންބަރުންގެ އިއްތިފާގުންނެވެ.
އެންޓި-ޑިފެކްޝަންގެ ބިލް މިއަދު ފާސްކުރިއިރު ބިލަށްވަނީ ކޮމިޓީ މަރުޙަލާގައި ބޮޑެތި އިޞްލާޙުތަކެއް ގެނެސްފައެވެ.
އެންޓި-ޑިފެކްޝަންގެ ބިލަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުން އިންތިޚާބުކުރާ ބައެއްކަށްވާއިރު، ރައްޔިތުންގެ މަޖިލީހަކީ ތަފާތު ސިޔާސީ އަދި މާލީ ނުފޫޒުން އެއްކިބާވެފައިވާ އަދި ޢާންމު ރައްޔިތުންގެ މެދުގައި އިތުބާރާ ޔަޤީންކަން ލިބިގެންވާ ތަނަކަމަށް ހެދުމަށް ހުށެހެޅި ބިލެކެވެ. ބިލްގައި ބުނެފައިވަނީ، ރާއްޖޭގައި ހިންގަމުންދާ މަލްޓި-ޕާޓީ ނިޒާމްގެ ދަށުން ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށް ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވުމަށްފަހު، އެ އިންތިޚާބުވި ދައުރުގައި އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން ވަކިކޮށްފިނަމަ، ނުވަތަ އަމިއްލައަށް ވަކިވެއްޖެނަމަ ނުވަތަ އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެކަމަށެވެ.
މި ބިލްގައި މަޖިލީހުގެ ގޮނޑި ނުގެއްލޭނެ ޙާލަތްތަކެއްވެސް ކަނޑައަޅާފައިވެއެވެ. އެގޮތުން ވަކި ޕާޓީއަކަށް ނިސްބަތް ނުވާގޮތަށް މަޖިލީހުގެ މެންބަރުކަމަށް ވާދަކޮށްގެން މިނިވަން މެންބަރެއްގެ ގޮތުގައި އިންތިޚާބުވި މެންބަރަކު، އެ މެންބަރަކު އިންތިޚާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުމުން ގޮނޑި ނުގެއްލޭނެއެވެ. އަދި މެމްބަރަކު އެ މެމްބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީއެއްގެ ވިޕް-ލައިނާ ޚިލާފުވުމާއި އެ މެމްބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީއަކުން އެ މެމްބަރަކާމެދު ސުލޫކީފިޔަވަޅު އެޅުމަކުން އެ މެމްބަރެއްގެ ގޮނޑި ނުގެއްލޭނެކަމަށް ބިލްގައި ބަޔާންކޮށްފައި ވެއެވެ.
މި ބިލަށް ކޮމިޓީ މަރުޙަލާގައި ގެނެސްފައިވާ ބޮޑެތި އިޞްލާހުތަކުގެ ތެރޭގައި ރެޓްރޯސްޕެކްޓިވް އުސޫލު މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ފަހުން ފެށޭގޮތަށް ވަނީ ހިމަނާފައެވެ. މިމާއްދާގެ ސަބަބުން އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާކަމަށް މީގެ ކުރިން ކަނޑައަޅާފައިވާ 12 މެންބަރުންގެ ގޮނޑި މި ބިލް ޤާނޫނަކަށް ވުމުން ގެއްލޭނެއެވެ. މި ބިލަށް ގެނެސްފައިވާ އިތުރު އިޞްލާހުތަކުގެ ތެރޭގައި، މި ބިލް ޤާނޫނަކަށްވުމުން ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާއިދު ހެދުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިދީފަ އޮތް އޮތުން ވަނީ އުނިކޮށްފައެވެ. އެންޓި-ޑިފެކްޝަން ބިލާއިބެހޭ ގޮތުން ވާހަކަ ދެއްކި މެމްބަރުންވަނީ ބިލަށް ތާާޢީދުކުރާކަން ހާމަކޮށްފައެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމެއްގައި ބުނެފައިވަނީ ރާއްޖެއަށް އެންޓި ޑިފެކްޝަން ޤާނޫނެއް ބޭނުންވާ ކަމަށެވެ. އަދި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް އެ ޤާނޫނަކީ ވަރަށް މުހިންމު ޤާނޫނެއް ކަމަށްވެސް އެ ޙުކުމުގައި ބަޔާންކޮށްފައިވެއެވެ.