ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ޕިކް މޯލްޑިވްސް އިން ނެރޭ "ޕިކް މޯލްޑިވްސް ޕިކްޗާ ސްޓޯރީ ބުކް"ލޯންޗްކޮށްފިއެވެ.
ޖަރުމަނު ވިލާތުގެ ބާލިންގ ގައި މިހާރު ކުރިއަށްދާ އިންޓަރނޭޝަނަލް ޓޫރިޒަމް ބޯސޭ، (އައިޓީބީ)ގެ މިއަހަރުގެ ފެއާގެތެރެއިން މި ފޮތް ލޯންޗްކޮށްދެއްވީ ޖަރުމަނުގައި ހުންނަވާ ދިވެހި ސަފީރު ޖަމީލާ ޢަލީއެވެ. އެކަމަނާއަށް މި ފޮތް އެރުވީ ޕިކް މޯލްޑިވްސްގެ ފަރާތުން އެތަނުގެ ފައުންޑަރ ރިޢާޔަތު ޢަބްދުލްމަޖީދެވެ.
ފޮތް ނެރެދެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޖަމީލާ ޢަލީ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިސްތިހާރުކުރުމަށް ޒުވުން އިސްވެ މިފަދަ މަސައްކަތްތައް ކުރުމަކީ އެކަމަނާ އުފާފުޅުކުރައްވާކަމެއްކަމަށާއި މިފޮތުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުން ލިބޭނެކަމަށް އުންމީދުކުރައްވާކަމަށެވެ.
"އާދެ ވަރަށް އުފާވެއްޖެ ރިއާޔަތު އަޅުގަނޑަށް މިފުރުސަތުދެއްވީތީ މިފޮތް ހުޅުވަން. މިއީ ގާތްގަނޑަކަށް ދެއަހަރުދުވަހުގެ މަސައްކަތްކަމަށް މިވަނީ. ދެން އަޅުގަނޑު ވަރަށް ފަޚުރުވެރިކަމާއެކު ދަންނަވާލަން (ރިއާޔަތު) މިއީ އަޅުގަނޑުގެ ސްޓޫޑެންޓެއްކަމަށް މިވަނީ ޖަމާލުއްދީން ސްކޫލުގެ. އެހެންވެ އެކަމަށްޓަކައިވެސް އަޅުގަނޑު ވަރަށް އުފާވޭ. މިހާރުކުދިން އެހާ ރަނގަޅަށް މިކަހަލަ މަސައްކަތް ކުރަމުން ގެންދާތީ. ދެންމީ ޕިކްމީގެ ފުރަތަމަ އެޑިޝަންކަމަށް މިވަނީ. ދެން އިރާދަކުރެއްވިއްޔާ މިފޮތުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުން ލިބޭނެކަމަށް ޤަބޫލުކުރަން." ޖަމީލާ ޢަލީ ވިދާޅުވިއެވެ.
ޕިކް މޯލްޑިވްސްގެ ފައުންޑަރ ރިޢާޔަތު ޢަބްދުލްމަޖީދު ވިދާޅުވީ މި ފޮތުގެ މަސައްކަތް ކުރިއަށްދިޔައީ ވަރަށް ފުރިހަމަކޮށް އުންމީދުކުރި ގޮތަށްކަމަށެވެ. އަދި މީގެ އިތުރު އެޑިޝަނެއް ތަފާތުތަކާއެކު އަންނަ އަހަރުވެސް ނެރޭނެކަމަށް އޭނާ ވިދާޅުވިއެވެ.
"ކުރިންވެސް އަޅުގަނޑުމެން ރާވާފައި އޮތީ އައިޓީބީގެ މިފަހަރުގެ ފެއާގެ ތެރޭގައި އަޅުގަނޑުމެންގެ ޕިކްމޯލްޑިވްސްގެ ފުރަތަމަ އެޑިޝަން ލޯންޗްކުރަން. އެހެންވީމާ އެގޮތަށް މިކަން ކުރިއަށްދިޔައިމަ އަޅުގަނޑު ވަރަށް އުފާވޭ. ދެން މިފުރުސަތުގައި އަޅުގަނޑު ވަރަށްބޮޑަށް ފާހަގަކޮށްލަން ބޭނުންވޭ އަޑުގަނޑުމެންނަށް ސަޕޯޓްދެއްވި ހުރިހާ ފަރާތްތައް މިހާހިސާބަށް މި ގެނައުމުގައި. އަޅުގަނޑުމެންގެ މެއިން ޑިސްޓިބިއުޝަންއަކީ ފެއާ ތަކުގައި ޑިސްޓިބިއުޓުކުރުމެއްނޫން. އެހެންނަމަވެސް އައިޓީބީއަކީ ދުނިޔޭގެ އެންމެބޮޑު ޓުރެވަލް ފެއާ ކަމަށްވާތީ މިތަނުގައި ލޯންޗުކުރަން އަޅުގަނޑު ބޭނުންވީ. އެހެންނަމަވެސް އަޅުގަނޑުމެންގެ މެއިން ޓާގެޓަކީ އިންފުލުއެންސާސް އަށް ޑީއެޗްއެލް މެދުވެރިކޮށް ފޮނުވުން. އެހެންވީމާ އެޕްރޮސެސް އިރާދަކުރެއްވިއްޔާ އެޕްރީލްމަހުގެ ކުރީކޮޅުންފެށިގެން ކުރިއަށް ގެންދާނަން." ރިޢާޔަތު ވިދާޅުވިއެވެ.
ޕިކް މޯލްޑިވްސްގެ "ޕިކް މޯލްޑިވްސް ޕިކްޗާ ސްޓޯރީ ބުކް" އަކީ އުފެއްދުންތެރި ޚިޔާލުތައް ބޭނުން ކޮށްގެން ރާއްޖޭގެ ޓޫރިޒަމް އިސްތިހާރު ކުރަން "ޕިކް މޯލްޑިވްސް" އިން ނެރުނު ފޮތެކެވެ.
މިއީ ސީދާ ކަސްޓަމަރުންނަށް އަމާޒުކޮށް ތައްޔާރުކޮށްފައިވާ ފޮތެކެވެ. މިފޮތް ނެރެފައިވަނީ ފަތުރުވެރިކަމާ ގުޅުންހުރި ތަންތަނުގެ ފޮޓޯއާ އެކު، ރާއްޖެ އަށް ޒިޔާރަތް ކުރާ ފަތުރުވެރިން އެތަންތަނާމެދު ދެކޭ ގޮތް ބަޔާންކޮށްފައިވާ ރިވިއުތަކާ އެކުއެވެ.
ޕިކް މޯލްޑިވްސްގެ މީޑިއާ ޕާޓްނަރަކީ ޕަބްލިކް ސާވިސް މީޑިޔާ (ޕީއެސްއެމް)ގެ މޯލްޑިވްސް ޓީވީއެވެ.