ޚަބަރު

ވ.އަންބަރާގައި ރިސޯޓެއް ތަރައްޤީކުރަނީ


ސްރީލަންކާގެ ސިލޯން ހޮޓެލްސް ކޯޕަރޭޝަން (ސީ.އެޗް.ސީ)އިން ރާއްޖޭގައި 50 މިލިއަން ޑޮލަރުގެ ރިސޯޓެއް ތަރައްޤީކުރުމުގެ މަޝްރޫއެއް ހިންގަން ތައްޔާރުވަމުން އެބަދެއެވެ. ވާވު އަތޮޅު އަންބާރާގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ މިރިސޯޓަކީ ސީ.އެޗް.ސީއާ ޗައިނާގެ ޒެން ހުއާ އިންޖިނިއަރިން ގްރޫޕް ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.

ޒެން ހުއާ އިންޖިނިއަރިންއަކީ ޗައިނާ ހާބަރ އިންޖިނިއަރިން ކޮންޕެނީ، ސީ.އެޗް.އީ.ސީގެ ދަށުން ހިންގާ ކުންފުޏެކެވެ. 

ވާވު އަތޮޅު އަންބާރާގައި ހިންގާ މިމަޝްރޫގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ މަތީ ފަންތީގެ މާރކެޓްތަކަށް ޚާއްޞަ 85-100 ކޮޓަރީގެ ރިސޯޓެކެވެ. ވާވު އަތޮޅަކީ ރާއްޖޭގެ އެންމެ ރީތި ޑައިވިންގް ސްޕޮޓްތައް ހުންނަ އެއް ޞަރަޙައްދެވެ. 50 މިލިއަން ޑޮލަރުގެ މިމަޝްރޫގެ ދަށުން ތަރައްޤީކުރާ ރިސޯޓު ހުޅުވުމަށް ހަމަޖެހިފައިވަނީ 2020 ވަނަ އަހަރެވެ. 

ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢާބެހޭ ގޮތުން ސީ.އެޗް.ސީގެ ޗެއަރމަން ސަންޖީވް ގާޑިނާ ވިދާޅުވީ މިއީ ރާއްޖެގައި ހިންގާ ބޮޑު މަޝްރޫއެއްކަމަށާ، މިއީ ރާއްޖޭގައި އެކުންފުނިން އިތުރު އިންވެސްޓްމަންޓްތައް ކުރުމަށް ހުޅުވޭ ދޮރެއްކަމަށެވެ. ސީ.އެޗް.ސީއަކީ ލަންކާގައި ހިންގާ ހޮޓެލް އަދި ލަގްޒަރީ ޕްރޮޕަޓީޒްގެ 20 އިންސައްތަ ހިއްސާކުރާ ކުންފުންޏެކެވެ.

އެގޮތުން ލަންކާގެ އެންމެ ދުވަސްވީ ހޮޓާ ކަމަށްވާ ގޯލް ފޭސް ހިންގާ ގޯލް ފޭސް ހޮޓެލްސް ގްރޫޕުގެ ބައެކެވެ. އަދި ސީއެޗްސީން ވަކިން ވެސް ލަންކާގެ އެކި ހިސާބުތަކުގައި ޓޫރިސްޓް ހޮޓާ ހިންގަ އެވެ. 

ސީއެޗްސީގެ މައި ކުންފުނިން މިހާރުވެސް ރާއްޖޭގައި ރިސޯޓެއް އޮޕަރޭޓް ކުރެ އެވެ. ލަންކާގެ ގިނަ ކުންފުނިތަކަކުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި އިންވެސްޓްކޮށްފައިވާއިރު، އަދާރަން ބްރޭންޑުގެ ދަށުން ހިންގާ ރިސޯޓުތައް ފާހަގަކޮށްލެވެއެވެ. 

ރާއްޖޭގެ އިޤްތިސާދު ކުރިއެރުވުމަށްޓަކައި ގިނަ ރިސޯޓްތަކެއް ހުުޅުވަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، މިދިޔަ ހަތަރު އަހަރުދުވަހުގެ ތެރޭގައި ގިނަ ޢަދަދެއްގެ ރިސޯޓްތައް ތަރައްޤީކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ހަމައެކަނި މިދިޔަ އަހަރުވެސް 20 ރިސޯޓެއް ވަނީ ހުޅުވާފައެވެ.