ސިއްހަތު

"ދަމަނަވެށިން ދަނީ މުހިންމު ޚިދުމަތްތަކެއް ދެމުން"


ވޭތުވެދިޔަ ތިން އަހަރުދުވަހުގެ ތެރޭގައި ދަމަނަވެށީގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން އަލަށް ގިނަ ޚިދުމަތްތަކެއް ތަޢާރަފްކޮށް، ޢާންމުންނަށް މިކަމުގެ ފައިދާކުރަމުންދާކަމަށް ހެލްތް މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ މިހެން ވިދާޅުވީ ދަމަނަވެށީގެ ޚިދުމަތްތައް ފުޅާކޮށްފައިވާ މިންވަރާގުޅޭ މަޢުލޫމާތު ދިނުމަށްބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. 

ދަމަނަވެށީގެ ޚިދުމަތްތައް ދޭން ފެށިފަހުން އެތަނަށް ލިބިފައިވާ ކުރިއެރުންތަކާ ބެހޭ މަޢުލޫމާތު މީޑިއާއަށް ދިނުމަށް ބޭއްވި ބައްދަލްވުމުގައި ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ދަމަނަވެށީގެ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ރައްޔިތުންނަށް މުހިންމު ޚިދުމަތްތަކެއް ތަޢާރަފްކޮށްފައިވާކަމަށެވެ. އެގޮތުން ސިއްހީ ޚިދުމަތް ފުޅާކުރުމުގައި ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަންކަމަށާ، ދަމަނަވެށީގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށްވެސް ޖާގައިގެ ދަތިކަމުގެ ސަބަބުން ހުރަސްތަކެއް ކުރިމަތިވެފައިވާކަމަށެވެ. މިކަމަށް ހައްލެއް ގެނައުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

"މާލެ ސަރަހައްދުގައި މިފަދަ އެންމެ މަރުކަޒެެއް ހުރެގެން ޞިއްޙީ ފަރުވާ އެންމެ އެކަށޭނަ ގޮތުގައި ފޯރުކޮށްދެވޭކަށް ނެތް. އަޅުގަނޑުމެން ޔޫތް ސިޓީ ތަރައްޤީކުރާއިރު، ޔޫތް ސިޓީގައި ދަމަނަވެށީގެ ޚިދުމަތް ތަޢާރަފްކުރުން މުހިންމު. ދަމަނަވެށީގެ ޖާގައިގެ ދަތިކަން އެބަހުރި. މިކަން ހައްލުކުރުމަށް ސަރުކާރުގެ މުއައްސަސާތަކާއެކު މަޝްވަރާކުރަމުން މިދަނީ" ހެލްތު މިނިސްޓަރު ވިދާޅުވިއެވެ. 

ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ދަމަނަވެށިން ވަނީ އާސަންދައިގެ ދަށުން މުޅިން ހިލޭލިބޭ ގިނަ ޚިދުމަތްތަކެއް ތައަރަފްކޮށްފައެވެ. މީގެ ތެރޭގައި ކައުންސިލިންގެ ޚިދުމަތާއި، ޓޮބޭކޯ ސިޒޭޝަންގެ ޚިދުމަތާއި ދުވަސްވީ މީހުންނަށް ސިއްޙީ ފަރުވާ ދިނުމަށް ހޯމްވިޒިޓް ނުވަތަ ދޮށީ ޢުމުރުގެ ބަލިމީހުންގެ ގާތަށް ޒިޔާރަތްކުރުމުގެ ޚިދުމަތްދިނުންވެސް ހިމެނެއެވެ. 

ވޭތުވެދިޔަ ތިންއަހަރު ދަމަނަވެށިން ދީފައިވާ ޚިދުމަތްތަކުގެ ބައެއް ތަފާސްހިސާބަށް ބަލާއިރު، ދުވަސްވީ މީހުންނަށް ސިއްޙީ ޚިދުމަތް ދިނުމަށް ގެއަށްގޮސް ޑޮކްޓަރަށް ދެއްކުމާއި، ލެބޯޓަރީ ޓެސްޓަށް ބޭނުންވާ ސާންޕަލް ނެގުމާއި، ސިއްޙީ އެހެނިހެން ބައެއް ޚިދުމަތްވެސްވަނީ ދީފައެވެ. މިގޮތުން 2015ވަނަ އަހަރު ދަމަނަވެށިން 131 ހޯމް ވިޒިޓް ފުރިހަމަކޮށްފައިވާއިރު، 2016ވަނަ އަހަރު 178 ހޯމް ވިޒިޓް އަދި 2017ގައި 224 ހޯމް ވިޒިޓްވަނީ ކޮށްފައެވެ.

ދަމަނަވެށިން ދޭ އިތުރު މުހިންމު ޚިދުމަތަކަށް ބަލާއިރު، ދުންފަތުގެ އިސްތިއުމާލްކުރާ މިހުންގެ ތެރެއިން މިއާދައާ ދުރަށްދާން އެދޭ ފަރާތްތަކަށް ސިޒޭޝަން ހިދުމަތް ފާހަގަކޮށްލެވެއެވެ. މިގޮތުން 2015ވަނަ އަހަރު 21 ފަރާތަކުން ސެޒޭޝަން ޚިދުމަތް ހޯދައި 8 ފަރާތެއް ދުންފަތާ ދުރުވެފައިވެއެވެ. 2016ވަނަ އަހަރު 24 ފަރާތެއް މިޚިދުމަތް ހޯދައި 8 ފަރާތެއް ދުންފަތާ ދުރުވެފައިވޭ އަދި 2017ވަނަ އަހަރު 155 ފަރާތެއް ސިޒޭޝަންގެ ޚިދުމަތް ހޯދާފައިވާއިރު މީގެ ތެރެއިން 61 ފަރާތެއް ވަނީ ދުންފަތާ ދުރުވެފައެވެ. 

ނަފްސާނީ އެކިއެކި މައްސަލައިގައި 2015ވަނަ އަހަރު ދަމަނަވެށިން 21 ފަރާތަކަށް ކައުންސިލިން ދީފައިވާއިރު، 2016ވަނަ އަހަރު 43 ފަރާތަކަށް އަދި 2017 ވަނަ އަހަރު 449 ވަނީ މިޚިދުމަތްތައްދީފައެވެ.

1984 ވަނަ އަހަރު މާލެގެ ސިއްޙީ މަރުކަޒުގެ ނަމުގައި ޚިދުމަތް ދޭންފެށި މަރުކަޒުގެ ނަން ދަމަނަވެއްޓަށް ބަދަލްކޮށްފައިވަނީ 2013ވަނަ އަހަރުއެވެ. އެއީ ކުރީގެ ސިއްޙީ މަރުކަޒުގެ ޚިދުމަތްތައް އިބްތިދާއީ ސިއްޙީ ނިޒާމެއްގެ ދަށުން ޕްރައިމަރީ ހެލްތް ކެއަރގެ ހުރިހާ ސިފަތަކެއް ހިމެނޭގޮތަ އާބަން ހެލްތްކެއަރގެ ކޮންސެޕްޓަށް ފެތޭގޮތަށް ބައްޓަންކުރުމުގެ މަޤްސަދުގައި ސަރުކަރުން ގެނައި ބަދަލެކެވެ.