ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި ނިއުރޭޑިއަންޓް ހަމަޖައްސާ، އުރީދޫ މޯލްޑިވްސްއިން ނިއުރޭޑިއަންޓް ސްޕޯރޓްސް ކްލަބު ސްޕޮންސަރކޮށްފިއެވެ.
ގަޠަރުގެ ކުންފުންޏެއްކަމަށްވާ އުރީދޫއާއި ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބާ ދެމެދު ޕާރޓްނާޝިޕް އެއްބަސްވުމުގައި ނިއުގެ ފަރާތުން ސޮއި ކުރެއްވީ ކްލަބްގެ ޗެއާރމަން މުހައްމަދު ޒިޔާދެވެ. އަދި އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ނަޖީބް ޙާންއެވެ.
މި ޕާޓްނާޝިޕްގެ ދަށުން އުރީދޫއާއި ނިއުރޭޑިއަންޓްގެ އެކަޑެމީ ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުޑަކުދިންނާއި ޒުވާނުންނަށް ޚާއްޞަ ކޯޗިންގ ކޭމްޕްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް ނިއުގެ ޗެއާރމަން މުހައްމަދު ޒިޔާދު ވިދާޅުވިއެވެ. އަދި އުރީދޫއަކީ އަބަދުވެސް ފުޓްބޯޅައަށް ލޯބިކުރާ ކުންފުންޏެއްކަމަށާއި، އުރީދޫ މޯލްޑިވްސްއާއި ގުޅިގެން ކުރިއަށް އޮތްތާނގައި ނިއުގެ އެހީގައި ފުޓްބޯޅައަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެކަން ޒިޔާދު ފާހަގަކުރެއްވިއެވެ.
"އުރީދޫއާއި ގުޅިގެން ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކާއި ގުޅިގެން ދިވެހި ކުޅުންތެރިންނަށް އާ ތަޖުރިބާތަކެއް ހޯދައިދިނުމުގެ މަސައްކަތްތަކެއް ކުރެވިގެންދާނެ. އުރީދޫ އާއިއެކު ޕާޓްނާޝިޕް ޤައިމް ކުރުމަކީ، ނިއުއަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް. ރާއްޖޭގެ ރަށްތަކުގައި އަޅުގަނޑުމެން ޕްރޮޖެކްޓްތަކެއް ފަށާ، ކުރިމަގުގައި ދެވަނަ އަލީ އަޝްފާޤެއް އުފެއްދުމުގެ މަސައްކަތް ކުރާނަން. އުރީދޫއާއެކު ވެވުނު މިއެއްބަސްވުމުގެ ދަށުން ދެ ފަރާތަށްވެސް ފައިދާވާނެ، މިއީ ގެންލިގެންދާނެ ސްޕޮންސަރޝިޕް އެގްރީމެންޓެއް ނޫން." ޒިޔާދު ވިދާޅުވިއެވެ.
އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ހާން ވިދާޅުވީ ފުޓުބޯޅައަކީ ރާއްޖޭގައި އެންމެ ބޮޑު މަޤްބޫލުކަން ހޯދާފައިވާ ކުޅިވަރު ކަމަށާއި، ނިއުރޭޑިއަންޓަކީ ރާއްޖޭގެ ފުޓުބޯޅަ ތާރީޚުގައި އެންމެ ކާމިޔާބު ކްލަބަށްވާއިރު، އުރީދޫ މޯލްޑިވްސްގެ ބްރޭންޑް އެމްބެސެޑަރަކަށް ނިއު ހަމަޖެހިގެން ދިއުމަކީ އުރީދޫ މޯލްޑިވްސްއަށްވެސް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެއްކަމަށެވެ.
"ދިވެހި ރާއްޖެއަކީ ފުޓުބޯޅައަށް ލޯބިކުރާ ބަޔަކު ދިރިއުޅޭ ޤައުމެއް. އުރީދޫއަކީވެސް ފުޓުބޯޅަ ކުރިއެރުވުމަށް ލޯބިކުރާ ކުންފުންޏެއް. މީގެ ކުރިންވެސް އުރީދޫއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓުބޯޅަ ކުރިއެރުވުމުގައި ބައިވެރިއެއް. އުރީދޫއިން މިފަހަރު ޕާޓްނާޝިޕް މި ހެދީ ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބާ. ނިއުއާއި އުރީދޫ ގުޅިގެން ކުރެވޭ މަސައްކަތްތަކުގައި ރާއްޖޭގެ ހުނަރު ހުރި ޒުވާން ކުޅުންތެރިން އަދި އަރަމުން އަންނަ ފުޓްބޯޅަ ތަރިންނަށް އާ ފުރުސަތުތަކެއް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ." އުރީދޫގެ ސީއީއޯ ވިދާޅުވިއެވެ.
އުރީދޫއަކީ ވޭތުވެދިޔަ ތިން އަހަރުވެސް ދިވެހި ލީގުގެ މެއިން ސްޕޮންސަރއެވެ. އަދި އުރީދޫ ވަނީ ރާއްޖޭގެ ފުޓުބޯޅަ ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދީފައެވެ. އުރީދޫ މޯލްޑިވްސްއާއި ޕީއެސްޖީ ގުޅިގެން ރާއްޖޭގައިވަނީ ކޯޗިން ކޭމްޕްތަކެއްވެސް ހިންގާފައެވެ.