މިރޭ ހިފާ ހަނދުކޭތަ ފުރިހަމަ ހަނދުކޭތައެއްގެ ގޮތުގައި ރާއްޖެއަށް ފެންނާނެއެވެ.
ފަލަކީ ހިސާބުތަކުން ދައްކާގޮތުން ދުނިޔޭގެ ގިނަ ޤައުމުތަކަށް މިރޭގެ ހަނދުކޭތަ ފެންނައިރު، މިއީ 150 އަހަރަށްފަހު ދުނިޔެއަށް ފެންނަ އެންމެ ތަފާތު ހަނދުކޭތައަށް ވާނެ ކަމަށް ނާސާއިން ބުނެއެވެ.
މިރޭ ހިފާ ހަނދުކޭތަ ރާއްޖެއަށް ފެންނަން ފަށާނީ، ހަވީރު ފަސްގަޑި ފަންސާސް އެކެއްގައެވެ. ކޭތަ ވީއްލާނީ އިރުއޮއްސި ހަތްގަޑި ސާޅީހުގައެވެ. ކޭތަ ފުރިހަމަވާނީ އިރުއޮއްސި 18:29 ގައެވެ.
ފުރިހަމަ ހަނދުކޭތައަކީ ދުނިޔޭގެ ހިޔަނިން ހަނދު މުޅިން ނިވާވެ، އިރުގެ ސީދާ އަލި ހަނދަށް ނުލިބުމުން ހިފާ ކޭތައެކެވެ.
ކޭތަ ހިފުމުން ކޭތަ ނަމާދުކުރުމަކީ މުސްލިމުންނަށް ސުންނަތަކެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިރޭ ހިފާ ހަނދުކޭތައާ ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއްގެ ކޮންމެވެސް އެއް މިސްކިތެއްގައި މިރޭގެ މަޣްރިބް ނަމާދަށްފަހު ކޭތަ ނަމާދު އޮންނާނެ ކަމަށެވެ. ކޭތަ ނަމާދުގައި ޚާއްސަ ޚުުތުބާއެއް އިއްވުމަށްވެސް ހަމަޖެހިފައިވެއެވެ. މާލޭގައި ކޭތަ ނަމާދުކުރަން ނިންމާފައިވަނީ އިސްލާމީ މަރުކަޒުގައެވެ.
މިރޭ ހިފާ ހަނދުކޭތައަށް ސައިންސްވެރިން ދީފައިވާ ނަމަކީ " ސުޕަރ ބްލޫ ބްލަޑް މޫން" އެވެ. މިރޭ ހިފާ ހަނދު ކޭތަ އެންމެ ޚާއްސަވަނީ ތިން ކަމެއް އެކުލެވިގެން ކޭތަ ހިފުމާއެކު، 150 އަހަރު ފަހުން މިފަދަ ސިފަތަކާއެކު ކޭތައެއް ހިފާތީއެވެ. މިރޭގެ ހަނދުކޭތައިގެ ޚާއްސަ ތިން ކަންތަކަށް ބަލާއިރު، އެމެރިކާގެ ޖައްވީ އިދާރާ، ނާސާއިން ބުނެފައިފައިވަނީ ދުނިޔެއާ ވަރަށް ކައިރިން ފުރިހަމަ ހަނދެއް މިރޭ ފެނުމާއެކު، ނޫކުލައިގައި ދުނިޔެއަށް ހަނދު ފެނުމާއި، ފުރިހަމަ ހަނދުކޭތައެއް ހިފާނެކަމަށެވެ.
މިހުރިހާ ސިފައެއް އެކުލެވިގެން މިފަދަ ކޭތައެއް އެންމެ ފަހުން ދުނިޔެއަށް ފެނިފައިވަނީ 1866 ވަނަ އަހަރުއެވެ. އެފަހަރު ކޭތަ ފެނުނީ އުތުުރު އެމެރިކާގެ ޤައުމުތަކަށެވެ. އެހެން ޤައުމުތަކަށް އެފަހަރުގެ ކޭތައެއް ނުފެނެއެވެ. ނަމަވެސް މިރޭ ހިފާ ހަނދުކޭތަ އޮސްޓްރޭލިޔާއިން ފެށިގެން ހުޅަނގަށް ގޮސް، އެމެރިކާއާ ހިސާބަށް ފެންނާނެ ކަމަށް ނާސާއިން ބުނެފައިވެއެވެ.
މިތިން ސިފަ އެކުލެވިގެން މިރޭ ހިފާ ހަނދުކޭތަ ބެލުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ތައްޔާރުވަމުންނެވެ. ހަނދުކޭތައިގެ މަންޒަރުތައް ލައިވް ސްޓްރީމް ކުރާނެ ކަމަށް ނާސާއިން ބުނެއެވެ.