ކުނި މެނޭޖްކުރުމުގެ މަސައްކަތުގައި ބޭނުންކުރުމަށް ބަންނަ ކޮޅުވެއްޓިތައް އަންނަ މަހު ރާއްޖެ އަންނާނެކަމަށް އެންވަޔަރމަންޓް މިނިސްޓްރީން ބުނެފިއެވެ. އެއްފަހަރާ 400 ޓަނުގެ ކުނި އުފުލޭ ފަސް ކޮޅުވެއްޓި ބަންނަމުން ގެންދަނީ އިންޑިއާގައެވެ.
އިންޑިޔާގެ ވިޖެއި މެރިން ޝިޕްޔާޑް ގޯއާ ކުންފުންޏާއި ޙަވާލުކޮށްގެން ބަންނަމުންދާ ފަސް ކޮޅުވެއްޓީގެ ތެރެއިން 2 ކޮޅުވެއްޓީގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށް އެންވަޔަރމަންޓް މިނިސްޓްރީން ބުނެއެވެ. މި ކޮޅުވެއްޓިތަކުގެ ތެރެއިން 3 ކޮޅުވެއްޓި ޚާއްސަ ކުރެވޭނީ މާލެ ސަރަޙައްދަށެވެ. އަނެއް 2 ކޮޅުވެއްޓިއަކީ ދެކުނު ސަރަޙައްދުގެ ކުނި މެނޭޖްކުރުމުގެ މަޝްރޫޢުގައި ބޭނުންކުރުމަށް ޚާއްސަ ކޮޅުވެއްޓިތަކެކެވެ. މިއީ އެއްފަހަރާ 400 ޓަނުގެ ކުނި އުފުލުމުގެ ޤާބިލްކަން ލިބިފައިވާ އުޅަނދުތަކެކެވެ. ކޮންމެ ޓަގު ބޯޓެއް ބަނުމަށް 9 މިލިއަން ރުފިޔާ ޚަރަދުވެއެވެ.
އެންވަޔަރމަންޓް މިނިސްޓަރގެ ނައިބު އަލީ އާމިރު ވިދާޅުވީ ކޮޅުވެއްޓިތަކުގެ މަސައްކަތް ދާދި އަވަހަށް ނިމި، އަންނަ މަހު ރާއްޖެ ގެނެވޭނެކަމަށެވެ. މާލެ ސަރަޙައްދަށް ޚާއްސަކުރެވޭ 3 ކޮޅުވެއްޓި، ވެމްކޯގެ އޮޕަރޭޝަންތަކުގައި ބޭނުންކުރަން ފެށުމުން ވެމްކޯގެ ޚަރަދުތައް ކުޑަވާނެ ކަމަށް ސަރުކާރުން ބުނެއެވެ.
" 3 ކޮޅުވެއްޓި ބޭނުންކުރެވޭނީ މާލެއިން ތިލަފުއްޓަށް ކުނި ގެންދިއުމަށް. އެއީ ވެމްކޯގެ އޮޕަރޭޝަންތަކަށް ޚާއްސަކުރެވޭ އުޅަނދުތަކެއް. ވެމްކޯއިން މިހާރު ކުނި އުފުލަމުންދަނީ ކުއްޔަށް ހިފައިގެން. ކުއްޔަށް ހިފައިގެން ކުނި އުފުލުމަކީ ވަރަށް ބޮޑު ހަރަދެއް ހިނގާ ކަމެއް. ނަމަވެސް އަލަށް ގެންނަ އުޅަނދުތައް ބޭނުންކުރަން ފެށުމުން، ކުއްޔަށް ކުރަންޖެހޭ ހަރަދު ސަލާމާތްވާނެ. އަޅުގަނޑުމެންގެ އަމާޒަކީ މިއަހަރުގެ ތެރޭ ވެމްކޯއަކީ ސަރުކާރުން އިތުރަށް ޚަރަދުކުރަން ނުޖެހޭ ކުންފުންޏަކަށް ހަދާ، އަމިއްލަ ފައިދާގައި ހިންގާ ކުންފުންޏަކަށް ވެގެންދިއުން. " ޢަލީ އާމިރު ވިދާޅުވިއެވެ.
ވެމްކޯއިން ބުނީ އަލަށް ގެންނަ ކޮޅުވެއްޓިތައް އޮޕަރޭޝަންތަކުގައި ބޭނުންކުރަން ފެށުމުން ދެމެހެއްޓެނިވި ގޮތަކަށް ކުނި ބޭރު ކުރުމުގެ މަސައްކަތްތައް ކުރެވޭނެ ކަމަށެވެ. ސަރުކާރުން މިހާރު ދަނީ ގއ، ގދ، ޏ، އަދި ސ އަތޮޅު ހިމެނޭ ދެކުނު ސަރަޙައްދުގެ ކުނި މެނޭޖްކުރުމުގެ ނިޒާމް ތަރައްޤީ ކުރުމުގެ މަސައްކަތްތައް ބާރު ސްޕީޑްގައި ކުރަމުންނެވެ. ސ.ހިތަދޫގައި ސަރަހައްދީ ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމްކުރުމަށް ނިންމާފައިވާއިރު، ޢަމަލީ މަސައްކަތްތައް ކުރިއަށް އޮތް ހަތަރު މަސްތެރޭ ފެށޭނެ ކަމަށް ސަރުކާރުން ބުނެއެވެ. ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމްކުުރުމުގެ ކުރިން، ކުނި އުފުލުމަށް ބޭނުންކުރާ ކޮޅުވެއްޓިތައް ލިބިފައި ހުރުމަކީ ކުނި މެނޭޖްކުރުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށުމަށް ލިބޭ ބާރެއްކަމަށް ސަރުކާރުން ބުނެއެވެ.