ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ 3 ވަނަ ސީޒަންގެ އޮޑިޝަން ފަށައިފިިއެވެ.
2016 ވަނަ އަހަރުން ފެށިގެން ޕީ.އެސް.އެމްގެ ދިވެހިރާއްޖޭގެ އަޑުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތަކީ ރޭޑިއޯ ޕްރެޒެންޓިންގެ ދާއިރާއަށް ހުނަރުވެރި ޒުވާނުން ތަޢާރަފުކޮށް މި ދާއިރާއިން އިތުރަށް ކުރިއަށްދެވޭނެ މަގުފަހިކޮށްދިނުމަށް ބާއްވަމުން އަންނަ މުބާރާތެކެވެ. މި އަހަރު ތިންވަނަ ސީޒަންގެ އޮޑިޝަންތައް ފެށިއިރު ރޭޑިއޯ ޕްރެޒެންޓިންގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ 16 އަހަރުން މަތީގެ ކުދިންނަށާއި، ޒުވާނުންނަށް ބައިވެރިވޭވޭނެއެވެ. މި މުބާރާތުގެ އޮޑިޝަން ފަށާފައިވާއިރު މި ފަހަރުގެ އޮޑިޝަންގައި ދުއިސައްތައަށްވުރެ ގިނަ ބައިވެރިން ބައިވެރިވާކަމަށް ބެސްޓް ރޭޑިއޯ ޕްރެޒެންޓަރގެ ޕްރޮޑިއުސަރ ފާތިމަތު ޒީނަތު ވިދާޅުވިއެވެ. އެނާ ވިދާޅުވީ އެހެން އަހަރު ތަކާ ޚިލާފަށް މި އަހަރު ގިނަ ބަޔަކަށް މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ދިނުމުގެ ގޮތުން އުމުރުފުރާ ބަދަލުކޮށްފައިވާކަމަށެވެ.
ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ މި ސީޒަންގައި ފަނޑިޔާރުކަން ކުރަނީ ދިވެހިރާއްޖޭގެ އަޑަށް ގިނަ ދުވަހު ޙިދުމަތް ކޮށްދެއްވާފައިވާ މޫމިނާ އިބްރާހިމާއި މުހައްމަދު ޒަހީންގެ އިތުރުން ހަސަން ހަލީމެވެ. ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ 3 ވަނަ ސީޒަންގެ އެއްވަނަ ހާސިލްކުރާ ފަރާތަކަށް 20 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވެއެވެ.
މި މުބާރާތް ކުރިއަށްދާގޮތަށް ބަލާއިރު އޮޑިޝަންގެ ތެރެއިން ދެވަނަ ބުރަކަށް ކުދިން ހޮވަމަށްފަހު މީގެ ތެރެއިން ގަދަ ދިހަ ބައިވެރިން ހޮވާނެއެވެ. އަދި ދެން ކޮންމެ ހަފްތާއަކު އޮންނަ ޝޯގައި ކުއްޖަކު ވަކިވަމުން ގޮސް ފައިނަލްގައި ގަދަ ތިން ބައިވެރިން ގެ ތެރެއިން ބެސްޓް ރޭޑިއޯ ޕްރޒެންޓަރ ހޮވާނެއެވެ. ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ހޮވަން ހަމަޖެހިފައިވަނީ ޖަޖުންގެ 60 އިންސައްތަ މާކްސް އާއި އެސްއެމްއެސް މެދުވެރިކޮށް ލިބޭ 40 އިންސައްތަ ޕޮއިންޓުންނެވެ.
މިމުބާރާތުގެ ކުރީގެ 2 ސީޒަނަށްވެސް ގިނަ ބައެއްގެ ތަރުހީބު ލިބުނުއިރު ފަންނުވެރި ޒުވާނުންތަކެއް މިދިޔަ 2 ސީޒަންގައިވެސް އަމަލީ މައިދާނަށް ނެރެފައިވާކަން ފާހަގަކޮށްލެވެއެވެ.