ޚަބަރު

މިއަހަރު ރާއްޖޭގެ ސަލާމަތީ ކަންކަން އަދަޔާ ޚިލާފަށް ބަލަހައްޓާނެ


މިއަހަރު ރާއްޖޭގެ ސަލާމަތީ ކަންކަން އާދަޔާ ޚިލާފަށް ރަނގަޅަށް ބަލަހައްޓާނެކަމަށާއި އެއްވެސް ހަމަނުޖެހުމަކަށް ފުރުޞަތު ނުދެއްވާނެކަމަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށްދެއްވި އިންޓަވިއުއެއްގައި ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ ރައްޔިތުންގެ ދިރިއުޅުމަށް އުނދަގޫވާ އެއްވެސް ކަމަކަށް ފުރުސަތު ނުދެއްވާނެކަމަށާއި އެއްބައެއްގެ ހައްޤުތައް ހޯދުމުގެ ނަމުގައި ދެންތިބި މީހުންގެ ހައްޤުތަކަށް އަރައިގަންނަން ފުރުސަތު ނުދެވޭނެކަމަށެވެ. ސިޔާސީ ހަމަނުޖެހުންތައް ހިންގާ ޤައުމު ހަލަބޮލިކޮށްލަން އެއްވެސް ބަޔަކަށް ފުރުސަތު ނުދެއްވާނެ ކަމަށާއި، ފުލުހުންނާ ސިފައިން ތިބޭނީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޕާޓީ ނިޒާމްގެ ތެރެއިން ވެރިކަމަށް ވަޑައިގެންނެވޭނީ މަގުމަތި ހަލަބޮލިކޮށްގެން ނޫންކަމަށް އިދިކޮޅު ފަރާތްތަކުން ޤަބޫލްކުރަންޖެހޭކަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވިއެވެ.

"މިއަހަރު ސިޔާސީހަމަނުޖެހުންތައް ހިންގައިގެން ޤައުމު ހަލަބޮލިކޮށްލަން އެއްވެސް ބަޔަކަށް ފުރުސަތެއްނުދެވޭނެ. އިދިކޮޅު ފަރާތްތަކުންވެސް ޤަބޫލްކުރަން އެބަޖެހޭ ޕާޓީ ނިޒާމްގެ ތެރޭގައި ވެރިކަމަށްވަޑައިގެންނެވޭނީ މަގުމަތި ހަލަބޮލިކޮށްގެން ނޫންކަމަށް. މިއަދު ވެރިކަމަށް ވަޑައިގެންނެވޭނީ ރައްޔިތުންގެ ލޯބި ހޯދައިގެން، ރައްޔިތުންނަށް ކަންތައްތައް ކޮށްދެއްވައިގެން ރައްޔިތުންނަށް އުފާވެރިކަން ލިބިދީގެން. އެނޫންގޮތަކަށް ވެރިކަމަކަށް ވަޑައެއްނުގަނެވޭނެ" މިނިސްޓަރ އަޒުލީން ވިދާޅުވިއެވެ.

ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ، މާލޭގެ ސަލާމަތީކަންކަން މިއަހަރު އަދަޔާ ޚިލާފަށް ވަރު ގަދަކޮށް ބަލަހައްޓާނެ ކަމަށެވެ. ޤައުމު ހަލަބޮލިކޮށް މަގުތައް ނާމާންކޮށް، ރައްޔިތުންގެ މެދުގައި އޮތް އެއްބައިވަންތަކަމާއި ގުޅުމަށް ބުރުއަރާ އެއްވެސް ކަމަކަށް ޖާގައެއް ނެތް ކަމަށެވެ. މީގެ އިތުރުން މިނިސްޓަރ ވަނީ ސިޔާސީ ހަރަކާތްތައް ހިންގުމުގައި އިދިކޮޅު ފަރާތްތަކުން ތަހުޒީބް ގޮތް ޚިޔާރުކުރުމަށް ގޮވާލައްވާފައެވެ.

"ފުލުހުންނާ ސިފައިން ތިބޭނީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް. އެއްގޮތަކަށްވެސް ޤައުމު ހަލަބޮލިކޮށް ގެއްލުންތަކެއްދީ މިކަންކަމެއް ނުކުރެވޭނެ. އެކަންކަމުގައި ޖެހޭނީ ތަހުޒީބް ގޮތްތައް ޚިޔާރުކުރައްވަން އެބޭފުޅުންވެސް. ތަހްުޒީބް ގޮތްތަކުގެ ތެރއިންލާފަ ރައްޔިތުންނަށް ކަންތައްކޮށްދޭން އާދެވޭތޯ މަސައްކަތްކުރަންޖެހޭނީ. ނާތަހުޒީބުކަންތަކާ ފައިސާއާއި ހަލަބޮލިކޮށްގެން ވެރިކަމަށް ވަޑައެއްނުގަނެވޭނެ." މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ އަންނަ ރިޔާސީ އިންތިޚާބަކީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ އަމާން އޮމާން އިންތިޚާބަށް ހެދުންކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ. އެގޮތުން މިއަހަރަކީ އަމާން އަހަރަކަށް ހެދުމަށް ހޯމް މިނިސްޓްރީއާއި ސަލާމަތީ ބަރުތަކުން ދަނީ މެދު ނުކެނޑި މަސައްކަތް ކުރަމުންނެވެ.