ޓެކްނޮލޮޖީ

ޗައިނާގެ ސްޕޭސް ލެބޯރެޓަރީ ބިމަށް ވެއްޓެނީ


ޗައިނާއިން 2011 ވަނަ އަހަރު ޖައްވަށް ފޮނުވާލި "ޓިއާންގޮންގ 1" ސްޕޭސް ލެބޯރެޓަރީއަކީ އެޤައުމުން ފަށާފައިވާ ޖައްވީ ޕްރޮގްރާމްގެ ދަށުން މުހިއްމު މަސައްކަތްތަކެއް ކުރުމަށް ޖައްވަށް ފޮނުވި ލެބޯރެޓަރީއެކެވެ.

އިންސާނަކާ ނުލައި އޮޕަރޭޓްކުރާ މިއުޅަނދުގެ އެންމެ ބޮޑު މަސައްކަތަކީ ޗައިނާއިން 2020 ގައި ޤާއިމްކުރުމަށް މަސައްކަތްކުރާ "ސްޕޭސް ސްޓޭޝަން" ނުވަތަ ޖައްވީ އުޅަނދުގެ ޤާއިމްކުރުމުގެ ކުރިން ވާންޖެހޭ ތައްޔާރީތައްވުމެވެ. މިގޮތުން ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ކުރުމަށްފަހު، މިހާރު މިއުޅަނދުގެ ބޭނުން ވަނީ ކެނޑިފައެވެ. އުޅަނދުގެ ބޭނުން ކެނޑުނީ، އުޅަނދާއި މުވާސަލާތުކުރެވޭނެ ގޮތެއް ނެތުމުންނެވެ. އަނެއްކޮޅުން މިއުޅަނދު ޖައްވުގައި ދަތުރުކުރަމުންދަނީ އެއްވެސް ހަމައެއް ނެތި، ކޮންޓްރޯލުން ނެއްޓިގެނެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި 8.5 ޓަނުގެ މިއުޅަނދު ބިމަށް ވެއްޓޭނެކަމަށްވެސް ތަޖުރިބާކާރުން ލަފާކުރެއެވެ.

ނަމަވެސް މިއުޅަނދު ބިމަށް ވެއްޓެން އަޔަސް، އޭގެ ސަބަބުން މާބޮޑު ނުރައްކަލެއް ނެތްކަމަށްވެސް ސައިންސްވެރިން ބުނެއެވެ. ނަމަވެސް މިއީ ޗައިނާއިން ކުރިއަށްގެންދާ ޖައްވީ ޕްރޮގްރާމަށް އެޅިދާނެ ހިޔަންޏެއްކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.

"މިކަމުގެ ސަބަބުން ނުރައްކަލެއް ކުރިމަތިވުމަކީ ވަރަށް ދުރުކަމެއް.. އެކަމަކު މިޒަމާނުގައި މިގޮތަށް ޖައްވީ އުޅަނދުތައް ބިމަށް ވެއްޓުމަކީ މިކަން ކުރާ ގޮތެއް ނޫން.. މިއީ އަސްލު (ޗައިނާއިން) ލަދު ގަންނާނެކަމެއް" އޮސްޓްރޯފިޒިސްޓެއްކަމަށްވާ ޖޮނަތަން މެކްޑަވެލް ބުންޏެވެ.

ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ޗައިނާގެ ޖައްވީ އުޅަނދު ދުނިޔޭގެ ވައިގެ ފަށަލަތަކުގެ ތެރެއިން ބާރު ސްޕީޑުގައި އެތެރެވާއިރު، އޭތި އަނދައިގެން ގޮސް ކުދިކުދި ވެގެންދާނެއެވެ. އަދި މިކަމުގައި ކުރިމަތިވެދާނެ އެންމެ ނުރައްކާތެރި ޙާލަތަކަށްވާނީ، މީހުން ގިނަ ސަރަޙައްދަކަށް، އުޅަނދުގެ ބޮޑު އެތިގަނޑެއް ވެއްޓުންކަމަށްވެސް ތަޖުރިބާކާރުން ލަފާކުރެއެވެ. ނަމަވެސް މިއީ ވަރަށް ދުރުކަމެއްކަމަށާއި، މިދިޔަ 60 އަހަރު ތެރޭގައިވެސް މިފަދަ ކަމެއް ނުހިނގާކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ޗައިނާއިންވެސް ލަފާކުރަނީ، ދުނިޔޭގެ ވައިގެ ފަށަލަތަކުގެ ތެރެއަށް އުޅަނދު ވަދެގެން އަންނައިރު، އުޅަނދު އެއްކޮށް އަނދާ ހުލިވެ، ނެތިގެންދާނެކަމަށެވެ. އަދި މިކަމުގެ ސަބަބުން ނުރައްކަލެއް ކުރިމަތިވުމަކީ ވަރަށް ދުރުކަމެއްކަމަށް ޗައިނާއިންވެސް ބުނެއެވެ.

ޗައިނާއިން ލަފާކުރަނީ އަންނަ މާޗުމަހުގެ ފަހުކޮޅު މިއުޅަނދު ދުނިޔޭގެ ވައިގެ ފަށަލަތަކުގެ ތެރެއަށް ވަންނާނެކަމަށެވެ. ބައެއް ފަރާތްތަކުން ފެބްރުއަރީމަހަށްވެސް ލަފާކުރެއެވެ. ނަމަވެސް ވެއްޓޭނީ ސީދާ ކޮންއިރަކު، ކޮން ދިމާލަކަށް ކަމެއް އެއްވެސް ފަރާތަކަށް ބުނާކަށް ނޭނގެއެވެ. ބައެއް ފަރާތްތަކުން މިހާރު ވަނީ މިއުޅަނދު ވެއްޓިދާނެކަމަށް ލަފާ ކުރެވޭ ސަރަޙައްދުތައްވެސް ފާހަގަކޮށްފައެވެ. 

img:http://s4.psmnews.mv/images/660x400/15153284329612.jpg|ޗައިނާގެ "ޓިއާންގޮންގ 1" ސްޕޭސް ލެބޯރެޓަރީ ބިމަށް ވެއްޓޭނެކަމަށް ލަފާ ކުރާ ސަރަޙައްދުތައް ފާހަގަކޮށްފައި

ނަމަވެސް މިއުޅަނދު ވެއްޓޭއިރު، އޭތި ކުދިކުދި ވެގެންދާތީ، އާއްމުންނަށް އެކަން މާބޮޑަށް ފާހަގަނުވާނެކަމަށްވެސް ތަޖުރިބާކާރުން ބުނެއެވެ.

ޗައިނާއިން ކުރިއަށްގެންދާ ޖައްވީ ޕްރޮގްރާމް ދަށުން މިހާތަނަށް ނުރައްކާތެރި ހާދިސާއެއް ކުރިމަތިވެފައި ނުވިނަމަވެސް، ކުދިކުދި ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. މިގޮތުން ޗައިނާއިން ޖައްވަށް ފޮނުވި މޫސުމާބެހޭ ސެޓްލައިޓެއް 2007 ވަނަ އަހަރު، ދުނިޔޭގެ 853 ކިލޯމީޓަރު މަތިން ޖައްވުގެ ތެރެއަށް ގޮއްވާލިއެވެ. މިކަމުގެ ސަބަބުން ޖައްވުތެރެއަށް ވިއްސިވިހާލިވި އެތިކޮޅުތަކުން އެހެން ޤައުމުތަކުގެ ޖައްވީ އުޅަނދުތައް ރެކެން ގިނަ މަސައްކަތްތަކެއް ކުރަންޖެހުނެވެ.

މިފަހަރު އެފަދަ ކަމެއް ހިނގުން ދުރުނަމަވެސް، ޗައިނާއިން ސޮއިކޮށްފައިވާ މުޢާހަދާތަކުގެ ދަށުން އެފަދަ ކަމެއް ހިނގައިފިނަމަ، އެކަމުގެ ފުރިހަމަ ޒިންމާ ޗައިނާއިން ނަގާނެއެވެ.

ޖައްވީ އުޅަނދުތަކުގެ ބައިތައް ދުނިޔެއަށް ވެއްޓެން އައުމަކީ ޢާއްމުކަމެކެވެ. މިދިޔަ އަހަރުވެސް މިފަދަ 5 އެއްޗެއް ދުނިޔެއަށް ވެއްޓުނެވެ. ނަމަވެސް ދުނިޔޭގެ ވައިގެ ފަށަލަތަކުގެ ތެރެއަށް ވަނުމާއެކު، އެތަކެތި ވަނީ އަނދާ ހުލިވެ، ނެތިގެންގޮސްފައެވެ.

1979 ވަނަ އަހަރު އެމެރިކާގެ އެންމެ ފުރަތަމަ ޖައްވީ އުޅަނދު ކޮންޓްރޯލުން ނެއްޓިގެން އައިސް، ބިމަށް ވެއްޓުނެވެ. 74 ޓަނުގެ އުޅަނދު ވެއްޓުނު ހާދިސާގައި ބައެއް ތަކެތި އޮސްޓްރޭލިއާގެ ހުޅަނގުގެ މީހުން ކޮންމެވެސް ވަރަކަށް އުޅޭ ސަރަޙައްދުތަކަށް ވެއްޓުނެވެ. ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ޖައްވީ ޕްރޮގްރާމްތަކުގައި ބޭނުންކުރާ މިފަދަ 5400 މެޓްރިކްޓަނުގެ ތަކެތި މިދިޔަ 50 އަހަރު ތެރޭގައި ބިމަށް ވަނީ ވެއްޓިފައެވެ. ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް ނެތެވެ. މީގެ ތެރެއިން ގިނަ ތަކެތި އާއްމުކޮށް ވެއްޓެނީ، ނުވަތަ ވައްޓާލަނީ ދަތުރުފަތުރުކުރުން މަދު، ދެކުނު ޕެސިފިކް ކަނޑަށެވެ.