ކުޅިވަރު

ޔޫތް ޗެމްޕިއަންޝިޕް ފައިނަލުގެ ފުރަތަމަ ޖާގަ މާޒިޔާއަށް


ޔޫތް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ މާޒިޔާ ހޯދައިފިއެވެ.

 ފައިނަލުގެ ފުރަތަމަ ޖާގަ މާޒިޔާ ކަށަވަރުކުރީ މިއަދު ހަވީރު ގދ.ތިނަދޫގެ މައްޗަށް 5-1 ލަނޑުން ކުރި ހޯދައިގެންނެވެ. މިނަތީޖާއާއެކު ތިނަދޫ ވަނީ މުބާރާތުން ކަޓާފައެވެ. މާޒިޔާގެ އިބްރާހިމް އަތީގް ވަނީ މިއަދުގެ މެޗުގައި ތިން ލަނޑު ކާމިޔާބުކޮށް، ހެޓްރިކް ހަދާފައެވެ. މާޒިޔާގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ ހަސަން ފުވާދުއާއި މުހައްމަދު ސަހާހުއެވެ. މި މެޗުގައި ގދ.ތިނަދޫއަށް ވަނީ ގޯލް ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ހާއްސަކޮށް ފުރަތަމަ ހާފުގައި ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ތިނަދޫގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒިލާލް މުހައްމަދެވެ. 

މެޗަށް ފަހު ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗު އަހުމަދު ސުޒައިރު ބުނީ މިވަރުގެ ނަތީޖާއަކުން މޮޅުވެ، ފައިނަލަށް ދިއުމަކީ ކުޅުންތެރިންނަން ލިބޭނެ އިތުރު ކޮންފިޑެންސެއްކަމަށެވެ. ސުޒައިރު ބުނީ ފައިނަލުގައި ކޮންމެ ޓީމަކާ ޖެހުނަސް އަމާޒަކީ މި މުބާރާތުގެ ތަށި ހޯދުންކަމަށެވެ.

"1-5 ލަނޑުގެ ބޮޑު ތަފާތަކުން މޮޅުވީމާ އެއީ އަނެއްކާ ކުޅުންތެރިންނަށް ލިބޭނެ އިތުރު ކޮންފިޑެންސެއް އަދި ކުރިޔަށް އޮތް ފައިނަލް މެޗަށް ތައްޔާރުވާން ލިބުނު އިތުރު ހިތްވަރެއް" ސުޒެއިރު ބުންޏެވެ.

މިއަދުގެ މެޗުން ބަލިވެ މުބާރާތުން ކެޓި ގދ.ތިނަދޫ ޓީމުގެ ކޯޗް އަހުމަދު ނިޔާޒު ބުނީ ޖުމްލަކޮށް މިއަދުގެ މެޗު ދިޔައީ ވަރަށް ދަށްކޮށް ކަމަށާއި، ކައިރިކައިރީގައި މެޗުތައް ކުޅެން ޖެހުމުން ރިކަވަރީގެ މައްސަލަތައްވެސް ދިމާވި ކަމަށެވެ.

"މިއަދުގެ މެޗުގައި ޓީމުގެ ކުޅުން ފެނިގެންދިޔައީ ވަރަށް ދަށްކޮށް، ސަބަބަކީ ކައިރިކައިރީގައި މެޗު ތަކެއް ކުޅެން ޖެހުމުން ކުޅުންތެރިން ރިކަވާ ނުވާތީ. މެޗުން ބަލިވުމުގެ ޒިންމާ އަހަރެން ނަގަން" ނިޔާ ބުންޏެވެ.

މާޒިޔާ ފައިނަލަށް ދަތުރުކުރީ ދެ މެޗުން މޮޅުވެ، އެއް މެޗން އެއްވަރުވެ 7 ޕޮއިންޓާއެކުއެވެ. ފައިނަލުގައި މާޒިޔާ އާއި ދެކޮޅަށް ކުޅޭނެ ޓީމެއް ކަށަވަރު ވާނީ މިރޭ އީގަލްސް އާއި ޔުނައިޓެޑް ވިކްޓްރީ ބައްދަލުކުރާ މެޗު ނިމުމުންނެވެ.