ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުވަމުންދާކަން ފާހަގަކޮށް، އައު އަހަރަށް މަރުޙަބާކިޔުމަށްޓަކާ ކޮންމެ އަހަރަކުވެސް ސަރުކާރުން އަންނަނީ ޚާއްސަ ޝޯވއެއް ބާއްވަމުންނެވެ. އަހަރަކަށްވުރެ އަހަރަކު މި ޝޯވ ފުރިހަމަށްކުރުމަށްޓަކާ ގިނަ މަސައްކަތްތަކެއް ކުރެއެވެ. މިއަހަރުގެ ޝޯވ "ވެލްކަމް 2018" ގައި ބޮލީވުޑްގެ މަޝްހޫރު 2 ލަވަކިޔުންތެރިންގެ ފޯރިގަދަ ހުށައެޅުންތަކެއް ފެނިގެންދާއިރު، ޝޯވގެ އެންމެހާކަމެއް ވިހާވެސް ކުަލަގަދަކޮށް ކުރިއަށްގެންދިއުމަށް ކަމާގުޅުންހުރި އިދާރާތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ.
2017 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ފާހަގަކުރުމަށް ބާއްވާ "ވެލްކަމް 2018" ޝޯވގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ މަޝްހޫރު ފަންނާނުންގެ ހުށައެޅުންތަކެއް ފެންނާނެއެވެ. މީގެ ތެރޭގައި ބޮލީވުޑްގެ މަޝްހޫރު 2 ލަވަކިއުންތެރިންކަމުގައިވާ ރާހަތް ފަތަޙް ޢަލީ ޚާނާއި މިކާ ސިންގް ހިމެނެއެވެ.
1974 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 9 ވަނަ ދުވަހު އުފަންވި ފާކިސްތާނުގެ މިއުޒިކީ ފަންނާނު ރާހަތް ފަތަޙް ޢަލީ ޚާންގެ ލަވަތަކަކީ މިއަދު ދިވެހިންގެ މެދުގައިވެސް މަޤްބޫލު އަދި ދިވެހިން އެހާމެ ގަޔާވާ ލަވަތަކެކެވެ. 1985 ވަނަ އަހަރު މިއުޒިކީ ދުނިޔެއަށް ތަޢާރަފުވި ރާހަތްގެ ތަރި ބޮލީވުޑުގައި ވިދަން ފަށާފައިވަނީ 2003 ވަނަ އަހަރު ފިލްމް ޕާޕްއަށް އޭނާ ކިޔައިދިން "މަން ކީ ލަގަން" މި ލަވައިއިންނެވެ.
ކްލެސިކް މިއުޒިކްއަށް ލޯބިކުރާ ރާހަތް ބޮޑަށް އާއްމުންގެ މެދުގައި މަޤްބޫލްވެފައިވަނީ ޣައްވާލީ އާއި ޣަޒަލް ޖޯންރާގެ ލަވަތަކުންނެވެ. މީގެ ތެރޭގައި ފިލްމް އޯމް ޝާންތީ އޯމްގެ "ޖަގް ސޫނާ ސޫނާ ލަގޭ"، ޖޫމް ބަރާބަރް ޖޫމްގެ "ބޮލްނަ ހަލްކޭ ހަލްކޭ" އަދި ފިލްމް ބޮޑީގާޑްގެ "ތޭރީ މޭރީ" ފަދަ ލަވަތައް ހިމެނެއެވެ.
ރާހަތްގެ އިތުރުން ވެލްކަމް 2018 އިން ފެނިގެންދާ އަަނެއް މަޝްހޫރު ލަވަކިޔުންތެރިއަކީ އިންޑިއާއަށް ނިސްބަތްވާ މިކާ ސިންގެވެ. މީކާ ސިންގްއަކީވެސް މަޝްހޫރު އެތައް ލަވައެއް ކިޔާފައިވާ ފަންނާނެކެވެ. މިގޮތުން ސިންގް އިސް ކިންގް ފިލްމްގެ "ބަސް އެކް ކިންގް"، ޖަބް ވީ މެޓްގެ "މައުޖާ ހީ މައުޖާ" ފިލްމް އިޝްގިޔާގެ އިބްން-ބަތޫތާ ފަދަ ލަވަތައް މިކާ ކިޔާފައިވެއެވެ. އާއްމުންގެ މެދުގައި މީކާ ބޮޑަށް މަޝްހޫރުވެފައިވަނީ އަވަސް ލަވަތަކަށް ކިޔާ ފަންނާނެއްގެގޮތުގައެވެ.
މި ޝޯވއާއި ގުޅޭގޮތުން އެމް.އައި.ޓީ.ޑީ.ސީގެ އެޑްމިން އެންޑް އެޗް.އާރު އޮފިސަރ ޝަރްވާޒް އަބްދުﷲ ފާއިޒް ބުނީ ޝޯ ކުރިޔަށް ގެންދާނީ އަލިމަސް ކާނިވާގައިކަމަށާއި، މި ޝޯވ ބަލާލުމުގެ ފުރުޞަތު އާއްމުންނަށް ހިލޭ ލިބޭނެކަމަށެވެ.
"ޝޯގެ މަޤްސަދަކީ 2018ގެ ފެށުން ފާހަގަކުރުން. އަދި މިއަހަރަކީ ރާއްޖެއަށް ރިކޯޑް ޢަދަދަކަށް ފަތުރުވެރިން އައި އަހަރެއްކަމުން އެކަންވެސް ފާހަގަކުރުމަށް. މިޝޯ ރާވާފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް އިންޓްގްރޭޓެޑް ޓޫރިޒަމް ކޯޕަރޭޝަން. ޝޯ އޯގަނައިޒްކުރަނީ ދުބާއީގެ ޕޯޓްފޯލިއޯ މެނޭޖިން އިވެންޓްސް ކުންފުނިން. މިޝޯގައި ޕާކިސްތާނުގެ މަޝްހޫރު ލަވަކިއުންތެރިޔާ ރާޙަތް ފަތަޙް ޢަލީ ޚާން އަދި ބޮލީވުޑްގެ ޕޮޕް ލަވަކިއުންތެރިޔާ މިކާ ސިންގް ބައިވެރިވާނެ. އަދި ބޮލީވުޑްގެ މަޝްހޫރު ޑާންސް ގްރޫޕެއްވެސް ޕާރފޯމްކުރާނެ. ވީއައިޕީ މަދު ސީޓްތަކެއް ހުންނާނެ، އިންވަައިޓީޒްއަށް. ދެން ހުންނާނީ އާންމުންނަށް އޯފަންކޮށްފައި ހުންނަ އޭރިޔާ. ޝޯ ކުރިޔަށްދާނީ 8:30އިން ފެށިގެން 12:30އަށް. ޝޯގެ އެކި ހިސާބުތަކުން ހަވާ އެރުވުމުގެ ހަރަކާތްތައްވެސް ކުރިޔަށްދާނެ" ޝަރްވާޒް އަބްދުﷲ ފާއިޒް ބުންޏެވެ.
"ވެލްކަމް 2018" ފެށުމަށް ހަމަޖެހިފައިވަނީ 31 ޑިސެންބަރުގެ 8:30ގައެވެ. މި ޝޯވގެ މީޑިއާ ޕާރޓްނަރަކީ ޕަބްލިކް ސާރވިސް މީޑިއާގެ މޯލްޑިވްސް ޓީވީއެވެ.