ޚަބަރު

ޙަކަތައާބެހޭ ދިރާސާކުރުމަށް ކުންފުންޏަކާ ޙަވާލުކޮށްފި


ހަކަތަ އިޤްތިޞާދު ކުރެވޭނެ ގޮތްތަކެއް ދިރާސާކޮށް ފަރުމާ ކުރުމަށް ޔުޓިލިކޯ ޕްރިވެޓް ލިމިޓެޑާއި ޙަވާލުކޮށްފިއެވެ. 

މިކަމާބެހޭ އެއްބަސްވުމުގައި ސޮއިކުރީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަބްދުﷲ މަޖީދެވެ. 

އަދި ޔުޓިލިކޯ ޕްރިވެޓް ލިމިޓެޑްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލީ އަޙްސަނެވެ. 

މިއެއްބަސްވުމުގެ މައިގަނޑު މަޤްސަދަކީ ޢިމާރާތްތަކުގައި ހަކަތަ ބޭނުންކުރާ ގޮތް ދެނެގަނެ، ޢިމާރަތްތައް ފަރުމާކުރުމާއި، ސަރުކާރުގެ އޮފީސްތަކުގައި ހަކަތަ ބޭނުންކުރުމުގެ އުސޫލުތައް ހަރުދަނާކުރުމެވެ. އެގްރީމަންޓްގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ މަޖީދު ވިދާޅުވީ މިއީ ޢިމާރާތްކުރުމުގައި ހަކަތަ ބޭނުންކުރުމުގައި ވީހާވެސް އިސްރާފުކުޑަކުރެވޭނެ ގޮތްތައް ހޯދުމަށް ކުރެވޭ މަސައްކަތެއްކަމަށާ، މީގެ ސަބަބުން އެންމެ އެކަށީގެންވާ ގޮތެއްގައި ހަކަތަ ބޭނުންކުރުމަށް ބާރުއެޅޭނެކަމަށެވެ. 

ފަސްމަސް ދުވަހުގެ ތެރޭގައި ނިންމުމަށް ޙަވާލުކުރި މި މަސައްކަތަކީ އެއްމިލިއަން ނުވަލައްކަ ހަތްދިހަ އަށްހާސް ހަތްސަތޭކަ ތިރީސް އަށްރުފިޔާ ސައްބީސް ލާރިއަށް ޙަވާލުކުރެވުނު މަސައްކަތެކެވެ. 

މި މިސައްކަތަކީ މިނިސްޓްރީން ކުރިއަށްގެންދާ ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢަކީ މިނިސްޓްރީއާއި އދ.ގެ ތިމާވެށްޓާއިބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެެވެ.