ޚަބަރު

ބިދޭސީ މަސައްކަތްތެރިންގެ ހައްޤުތައް ލިބެންޖެހޭ - އެޗްއާރސީއެމް


ބިދޭސީ މަސައްކަތްތެރިންގެ ހައްޤުތައް ތަފާތު ކުރުމެއްނެތި ލިބެންޖެހޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ބުނެފިއެވެ. އެކޮމިޝަނުން މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤުވާމީ ހިޖުރަކުރާމީހުންގެ ދުވަސް ނުވަތަ އިންޓަރނޭޝަނަލް މައިގްރެންޓްސް ޑޭ އާއި ގުޅުވައިިގެން ނެރުނު ބަޔާނެއްގައެވެ. 

އެޗް.އާރު.ސީ.އެމްއިން ބުނީ ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތައް ގެއްލިފައިވާކަމަށް ބުނެ މިއަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް އެކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު ބިދޭސީ މަސައްކަތްތެރިންގެ ޕާސްޕޯޓާއި އެހެނިހެން ޒާތީ ލިޔެކިއުންތައް މަސައްކަތްކުރުވާ ފަރާތުން ހިފެހެއްޓުމާއި މުސާރަ ނުދީ މަސައްކަތް ކުރުވުމާއި ނޯޓިސް ދިނުމަކާނުލާ ވަޒީފާއިން ވަކިކުރުމާއި މަސައްކަތުގެ މާހައުލުގައި ފުރައްސާރަ ކުރުމާއި ހިއުމަން ޓްރެފިކިންގގެ މައްސަލަތަކާއި މަސައްކަތުގެ މާހައުލުގައި ބިދޭސީ މަސައްކަތްތެރިންނާ މެދު ތަފާތުކުރުން ގެންގުޅުމުގެ މައްސަލަތަކާއި ޝަރީއަތުގެ މަރުހަލާގައި ތަރުޖަމާނުން ނުލިބުމުގެ މައްސަލަތަކާއި ޝަރީއަތް ލަސްވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތަކާއި ޤާނޫނާ ޚިލާފަށް ހައްޔަރުކޮށްފައިވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތައް ހިމެނޭ ކަމަށެވެ.

އެހެންކަމުން، ޤާނޫނުއަސާސީއާއި ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ބިދޭސީ މަސައްކަތްތެރިންނަށްވެސް ލިބޭ އެންމެހާ ހައްޤުތައް އެއްވެސް ތަފާތުކުރުމެއް ނެތި ފޯރުކޮށް ދިނުމަށާއި، އެޙައްޤުތައް ފޯރުކޮށް ދިނުމުގައި އިހްމާލުވާ ފަރާތްތަކަށް ޤާނޫނުގެ ތެރެއިން ފިޔަވަޅު އެޅުމުގެ މުހިންމުކަން އެޗް.އާރު.ސީ.އެމްއިން ވަނީ ފާހަގަކޮށްފައެވެ. އަދި ބިދޭސީ މަސައްކަތްތެރިންގެ ނާޖާއިޒު ފައިދާ ނަގާ، ހިއުމަން ޓްރެފިކިންގ ފަދަ ދަށު ދަރަޖައިގެ އަމަލުތަކުގެ ޝިކާރައަކަށް ބިދޭސީ މަސައްކަތްތެރިން ހަދާ ފަރާތްތަކަށް ޙައްޤު އަދަބުދޭން ޖެހޭކަމަށާއި މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ޤާނޫނު އޭގެ އެންމެ ފުރިހަމަ މާނައިގައި ތަންފީޛުކުރުމަށް ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކަށް އެޗް.އާރު.ސީ.އެމްއިން އިލްތިމާސްކުރިއެވެ.

އެޗް.އާރު.ސީ.އެމްއިން ބުނީ ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތަކާމެދު މުޖުތަމަޢު ހޭލުންތެރިކުރުވުމަށް ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތް މިހާރަށްވުރެ އިތުރުކޮށް، ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތަކަށް ރައްޔިތުން ހޭލުންތެރިކުރުމުގައި މީޑިއާގެ ދައުރު މިހާރަށްވުރެ ފުޅާކުރަންޖެހޭ ކަމަށެވެ. ބިދޭސީ މަސައްކަތްތެރިންނަކީވެސް އިންސާނުންކަމަށްވީތީ، އެފަރާތްތަކާ މުޢާމަލާތްކުރުމުގައި ޤަދަރުވެރިކަމާއި އިޙްތިރާމާއެކު ޢަމަލު ކުރުމަށް އެންމެހާ ފަރާތްތަކަށް އެކޮމިޝަނުން އިލްތިމާސްކޮށްފައެވެ.



އދގެ އާންމު މަޖިލީހުން ބައިނަލްއަޤްވާމީ ފެންވަރެއްގައި ޑިސެންބަރު މަހުގެ 18ވަނަ ދުވަހަކީ މައިގްރޭންޓްސް ދުވަހުގެގޮތުގައި ފާހަގަކުރުމަށް ނިންމާފައިވަނީ 2000ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 4ގައެވެ. އެއީ 1990ވަނަ އަހަރުގެ ހަމަ މިދުވަހު "އިންޓަރނެޝަނަލް ކޮންވެންޝަން އޮން ދަ ޕްރޮޓެކްޝަން އޮފް ދަ ރައިޓްސް އޮފް އޯލް މައިގްރެންޓްސް އެން މެމްބާރޒް އޮފް ދެއަރ ފެމިލީޒް" މުޢާހަދާއަށް އަމަލުކުރަންފެށި ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ. މިފަދަ ދުވަހެއް ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރުމުގެ ބޭނުމަކީ ޤައުމުތަކުގެ އިޤްތިޞާދު ކުރިއެރުވުމުގައި ބިދޭސީ މަސައްކަތްތެރިންގެ ޙިއްޞާ ފާހަގަކޮށް، ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތަކާމެދު މުޖުތަމަޢު ހޭލުންތެރިކުރުވާ އެފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކޮށް އިޙުތިރާމްކުރުމުގެ ޘަޤާފަތެއް އަށަގެންނެވުމެވެ. މިއަހަރުގެ މިދުވަހުގެ ޝިއާރަކީ "ސޭފް މައިގްރޭޝަން އިން އަ ވޯލްޑް އޮން ދަ މޫވް" ނުވަތަ ބަދަލުވަމުންދާ ދުނިޔޭގައި ހިޖުރަކުރުމަށް ރައްކާތެރިކަމަކަށް ހެދުމެވެ.