ޚަބަރު

"ޒުވާނުންގެ މެނިފެސްޓޯގެ އަށްޑިހަ އިންސައްތަ ޙާސިލް ވެއްޖެ"


ކުޅިވަރާއި ޒުވާނުންގެ މެނިފެސްޓޯގެ އަށްޑިހަ އިންސައްތަ ޙާސިލް ވެއްޖެކަމަށް މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. 

މިނިސްޓަރ އިރުތިޝާމް ވިދާޅުވީ ޒުވާނުންގެ ކުރިއެރުވުމަށް ދިވެހި ތާރީޚް ދުވަހަކުވެސް ދެކެފައިނުވާފަދަ ބޮޑެތި ކުރިއެރުންތައް ހޯދާ އެކަމަށް މަގުފަހި ކޮށްދީފައިވާ ކަމަށެވެ. އެގޮތުން ފުޓްސަލް ދަނޑުތަކާއި ބަށިކޯޓުތަކާއި ވޮލީ ކޯޓުތައްފަދަ ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކޮށްފައިވާކަން ފާހަގަ ކުރެއްވިއެވެ. ފާއިތުވި ހަތަރު އަހަރަކީ ކުޅިވަރުގެ ރޮނގުން އެންމެ ކާމިޔާބު 4 އަހަރުގެ ގޮތުގައި ސިފަކުރައްވާ މިނިސްޓަރ ވިދާޅުވީ ދިވެހި ތާރީޚްގައި އެންމެ ގިނަ ރަން މެޑެލް ހޯދާފައިވަނީ ރައީސް ޔާމީންގެ ޒަޢާމާތުގައި ކަމަށާއި މިހަތަރު އަހަރު ދުވަހުގެ ތެރޭގައި 6 ރަން މެޑެލް ހޯދާފައިވާކަށެވެ.

img:http://s1.psmnews.mv/images/660x400/15117143671797.jpg|ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވަނީ-

"މިފަޚްރުވެރި ކާމިޔާބީ ހޯދުމަށް މި ސަރުކާރުން މަގުފަހިކޮށްދެއްވީ ކުޅުންތެރިންޕްރޮފެޝަނަލް ކޮށްގެން. ޤައުމީ ޓީމްތަކުގެ ކުޅުންތެރިންނަކީ މުސާރަ ލިބޭކުޅުންތެރިންގެ ގޮތުގައި ހަމަޖެއްސެވީ މިސަރުކާރުން. މިފުރުސަތުގައި 250 އަށްވުރެގިނަ ކުޅުންތެރިންނަށް މުސާރަ ދެވިގެންދާކަން އުފަލާއެކު ފާހަގަކުރަން" - މިނިސްޓަރ އިރުތިޝާމް ވިދާޅުވިއެވެ. 

އަތޮޅުތަކުގެ ރަށްރަށުގައި ޒުވާނުންގެ މަރުކަޒުތައް ޤާއިމުކުރެއްވެމުށް ކުރައްވާ މަސައްކަތް ފާހަގަ ކުރައްވާ، ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި މުޅިން އަލަށް 34 ޒުވާނުންގެ މަރުކަޒު ޤާއިމުކުރައްވާފައިވާކަމަށް ވިދާޅުވިއެވެ. ޒުވާނުންގެ ޤައުމީ އިނާމް ދެއްވުމަށް މިރޭ ބޭއްވި ޚާއްސަ ޖަލްސާގައި މިނިސްޓަރ އިރުތިޝާމް ވަނީ ކުޅުންތެރިންނާއި ކުޅިވަރުގެ މައިދާނުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ އަގުވަޒަންކޮށް، ހޯދާ ކާމިޔާބީ ފާހަގަކުރުމަށްޓަކައި އަންނަ އަހަރުގެ ކުރީކޮޅު 'ސްޕޯޓްސް އެވޯޑް' ޙަފްލާއެއް ބޭއްވުމަށް ނިންމާފައިވާކަން އިއުލާން ކުރައްވާފައެވެ. 

މިއަހަރު، ޤައުމީ ޒުވާނުންގެދުވަހުގެ ޝިޢާރަކީ " ޒުވާނުންގެ ހިއްސާ – ޤައުމުގެ ކުރިމަގު" އެވެ.