ޚަބަރު

ކުޑަކުދިންނާ ބެހޭ ސިއްޙީ ސްޓެރެޓަޖީ ނެރެފި


ކުޑަކުދިންނާ ބެހޭ ސިއްޙީ ސްޓެރެޓަޖީ ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ނެރެދެއްވައިފިއެވެ.

މި ސްޓްރެޓަޖީ ނެރެދެއްވާފައިވަނީ ދުވަސްނުފުރާ އުފަންވާ ކުދިންގެ ބައިނަލްއަޤްވާމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ރައްމިއްޔާތެއްގެ ތެރެއިންނެވެ.

ޗައިލްޑް ހެލްތް ސްޓްރެޓަޖީއަކީ އަލަށް އުފަންވާކުދިންގެ ޞިއްޙަތުގެ ކަންތައްތަކަށް ޚާއްސަ ބައިތަކެއް ހިމެނޭ ސްޓްރެޓެޖީއެކެވެ. މިސްޓްރެޓެޖީގައި ދުވަސްނުފުރާ އުފަންވާ ކުދިންނާއި ވިހެއުމުގެ ތެރޭގައި މަރުވާ ކުދިންގެ ޢަދަދު ދައްކުރުމަށް ޞިއްޙީ ދާއިރާގެތެރެއިން ކުރެވޭނެ މަސައްކަތްތައް ހިމަނާފައިވެއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.ޢާއިޝަތު ރަމީލާއާ ވަނީ ސަރަހައްދީ ފެންވަރެއްގައި ރާއްޖޭގެ ސިއްޙީ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާކަން ފާހަގަކުރައްވާފައެވެ.

އައިޖީއެމްއެޗްގެ، ޗައިލްޑް ޑިޕާޓްމަންޓްގެ ހެޑް ޑރ.ނިޔާޝާ އިބްރާހިމާ ވަނީ ޞިއްޙީ ދާއިރާގައި އަންހެހުންގެ ޞިއްޙަތައް ޚާއްސަކޮށްގެން އިންވެސްޓްމަންޓްތައް އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އައިޖީއެމްއެޗުގެ އޮބްސްޓިޓްރިކްސް އާއި ގައިނަކޮލޮޖީ ޑިޕާޓްމަންޓުގެ ހެޑް ޑރ.އަސީލް ޖަލީލް ވަނީ އެތަނުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ކުޑަކުދިންނަށް ފަރުވާ ދިނުމުގައި ދިމާވާ ދަތިތަކުގެ މައްޗަށް ބައްލަވާލައްވާފައެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ 25 ބުރީގެ ޢިމާރާތް ނިމުމުން މިކަމަށް ޙައްލު ލިބޭނެކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. 

މިރަސްމިއްޔާތުގައި މިނިސްޓަރު ނާޒިމް ވަނީ ދުވަސް ނުފުރާ އުފަންވާ ކުދިންގެ މައިންނަށް މަޢުލޫމަތު ޙިއްސާކުރުމަށް ތައްޔާރުކޮށްފައިވާ ޙާއްސަ ފޮތެއްވެސް ނެރެދެއްވާފައެވެ.