ކްރިސްޓިއާނޯ ރޮނަލްޑޯ ހެދި ރެކޯޑާއެކު ޗެމްޕިއަންސް ލީގުގައި ރޭ އަޕޮއެލް އަތުން 6-0 ން ރެއާލް މެޑްރިޑް ކުރި ހޯދައިފިއެވެ.
މި މެޗުގައި ރެއާލްގެ ފަހު ދެ ގޯލު ފަހު ހާފުގައި ޖަހައިދިނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ރޮނާލްޑޯއެވެ. މި ދެ ގޯލާއެކު މި އަހަރު އޭނާ މި މުބާރާތުގައި ޖެހި ގޯލުގެ އަދަދު ވަނީ 18 އަށް އަރައިފައެވެ. މިއީ އެއް އަހަރުތެރޭގައި ޗެމްޕިއަންސް ލީގުގައި ކުޅުންތެރިއަކު ޖެހި އެންމެ ގިނަ ގޯލެވެ.
ރޭގެ މެޗުގައި ރެއާލް އަށް ކަރީމް ބެންޒެމާ ދެ ގޯލު ޖަހައިދިން އިރު، ލޫކާ މޮޑްރިޗް ވަނީ ސީޒަނުގައި އޭނާގެ ފުރަތަމަ ގޯލު ޖަހައިދީފައެވެ. އަނެއް ގޯލު ޖެހީ ނަޗޯ ފާނަންޑޭޒެވެ.
މި މޮޅާއެކު ރެއާލް އަށް ލިބިފައިވަނީ 10 ޕޮއިންޓާއެކު ޓޭބަލުގެ ދެ ވަނައެވެ. އެއްވަނާގައި ވަނީ 13 ޕޮއިންޓާއެކު ޓޮޓެންހަމެވެ. ރޭ އެ ޓީމު މޮޅުވީ ބޮރޫޝިޔާ ޑޯޓްމުންޑް އަތުން 2-1 ނެވެ.
މެޗަށް ފަހު ފޯވަޑް ހެރީކޭން ބުނީ ރެއާލް މެޑްރިޑާއި ޑޯޓްމުންޑް ހިމެނޭ ގްރޫޕެއްގައި އޮވެ ޓޮޓެންހަމަށް ކުރި ހޯދިދާނެތޯ އެންމެ ފުރަތަމަ މީހުން ސުވާލު ކުރި ކަމަށާއި، އޭނާގެ ޓީމުން މިހާރު އެ ސުވާލުތަކަށް ޖަވާބު ދީފި ކަމަށެވެ.
ކޯޗު މައުރީސިއޯ ޕޮޗެޓީނީ ބުނީ ޓޮޓެންހަމުގެ އަމާޒަކީ މިހާރު ބޮޑެތި މުބާރާތްތަކުން ކާމިޔާބު ހޯދުން ކަމަށާއި އެކަމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުޅުންތެރިން ފުރިހަމަކޮށްދެމުންދާ ކަމަށެވެ.