ދެކުނު އޭޝިޔާގެ ސަރަހައްދަކީ ވިޔަފާރިއަށް ފަހި ސަރަހައްދަކަށް ހެދުމަށް މިހާރަށް ވުރެ ބޮޑަށް ޤައުމުތަކުގެ މެދުގައި މައުލޫމާތު ހިއްސާކުރަންޖެހޭ ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި މިހާރު ކުރިއަށްދާ 10 ވަނަ ސައުތު އޭޝިޔާ އިކޮނޮމިކް ސަމިޓްގައި ވާހަކަ ދައްކަވަމުންނެވެ. ދެކުނު އޭޝިޔާ ސަރަހައްދަކީ ވިޔަފާރިއަށް ފަހި ސަރަހައްދަކަށް ހެދުމަށް ހުރި ގޮންޖެހުންތަކާއިބެހޭ ގޮތުން ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ ދެކުނު އޭޝިޔާ ސަރަހައްދަކީ ވިޔަފާރިއަށް ފަހި ސަރަހައްދަކަށް ހެދުމުގައި ކަސްޓަމްސްއަށް މުހިއްމު ދައުރެއް އަދާކުރެވިދާނެ ކަމަށެވެ. އެގޮތުން ދޭ ދޭ ޤައުމުތަކުގެ ކަސްޓަމްސްގެ މެދުގައި މިހާރުވެސް ބަދަހި ގުޅުމެއް އެބައޮތް ކަމަށާއި އެގުޅުމުގެ ތެރެއިން ވިޔަފާރި ކުރިއެރުވުމުގައި ހުރި ގޮންޖެހުންތައް ނައްތާލެވިދާނެކަމަށެވެ. އަދި އެކަން އެންމެ ފަސޭހައިން ކުރެވޭނީ މިހާރަށް ވުރެ ބޮޑަށް ޤައުމުތަކުގެ މެދުގައި މައުލޫމާތު ބަދަލުކޮށްގެން ކަމަށް ޝަރީފް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިބޭނުން ކުރަނީ ޑަބްލިއުސީއޯ ޑޭޓާ މޮޑެލް 6، އެމީހުންވެސް މިބޭނުންކުރަނީ ޑަބްލިއުސީއޯ ޑޭޓާ މޮޑެލް 6. އެހެންވީމަ ދެޤައުމުގެ ކަސްޓަމްސްގެ މެދުގައި މައުލޫމާތު ހިއްސާކުރުމުގައި ފަންނީ އުދަގުލެއް ނެތް. އެގޮތަށް ޑޭޓާ ހިއްސާކުރެވޭނަމަ އިތުރަށް އެމައުލޫމާތު ޔަޤީން ކުރާކަށް ނުޖެހޭނެ. މައުލޫމާތު ޔަޤީންކުރުމަށް ނަގާ ވަގުތު އެއްކޮށް ދާނެ. އެހެން ނަމަވެސް މައުލޫމާތު ހިއްސާކުރުމުގައި ޤާނޫނީ ދަތިތައް ހުރީމަ މައުލޫމާތު ހިއްސާއެއް ނުކުރެވޭ." ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގެ ކަސްޓަމްސްގެ ޚިދުމަތް ޒަމާނީ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތަފްސީލް ހިއްސާކުރެއްވިއެވެ. އެގޮތުން މިހާރު ކަސްޓަމްސްގެ މަސައްކަތް ޑިޓިޓަލްކޮށް ޚިދުމަތް ދިނުމުގައި އެއްވެސް ވަރަށް ކަރުދާސް ބޭނުން ނުކުރާކަމަށް ޝަރީފް ވިދާޅުވިއެވެ.
" ރާއްޖެއިން ވަނީ 'އަސީކުޑާ' ފުރިހަމައަށް ޤާއިމްކޮށްފަ. އަޅުގަނޑުމެން މިހާރު އެއްވެސް ވަރަކަށް ކާރުދާހެއް ބޭނުމެއް ނުކުރަން. މިސިސްޓަމް ޤާއިމްކުރީމަ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ ޚިދުމަތް ދިނުމަށް ނަގާ ވަގުތު ގާތްގަޑަކަށް 75 އިންސައްތައަށް ދަށް ކުރެއްވިއްޖެ." ޝަރީފް ވިދާޅުވިއެވެ.
ދެކުނު އޭޝިޔާގެ ސަރަހައްދުގެ ޤައުމުތަކުގެ މެދުގައި ވިޔަފާރި ފުޅާކުރުމާއި ބެހޭ ގޮތުން ބޭއްވި ޕެނަލް ޑިސްކަޝަންގައި މިސަރަހައްދުގެ ޤައުމުތަކުގެ ތަފާތު ދާއިރާތަކުގެ ތަޖުރިބާ ކާރުން ބައިވެރިވެ ވާހަކަ ދެއްކެވިއެވެ.
ދިހަވަނަ ސައުތު އޭޝިޔާ އިކޮނޮމިކް ސަމިޓަކީ ދެކުނު އޭޝިޔާ ސަރަހައްދުގެ ޤައުމުތަކަށް ދިމާވެފައިވާ އިޤްތިސާދީ މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮންމެ އަހަރު ބާއްވާ މަތީ ފެންވަރުގެ ސަރަހައްދީ ބައްދަލުވުމެކެވެ. މިފަހަރުގެ ބައްދަލުވުމުގައި 200 އަށްވުރެގިނަ ތަޖުރިބާކާރުން ބައިވެރިވެ ތަފާތު ދާއިރާތަކުން ދަނީ މަޝްވަރާކުރަމުންނެވެ. މިމަހުގެ 14 އިން ފެށިގެން 16 އަށް ކުރިއަށްދާ މިބައްދަލުވުމުގައި ރާއްޖޭ 6 ބޭފުޅުން ބައިވެރިވެއެވެ.