މުނިފޫހިފިލުވުން

"އޯލްޑް އިޒް ގޯލްޑް"ގެ ދެވަނަ ޝޯ ގެ ޕާޓްނަރުންނާއެކު ސޮއިކޮށްފި


"އޯލްޑް އިޒް ގޯލްޑް" ބޭންޑުގެ ހުނަރުވެރި ފަންނާނުންގެ ހުށައެޅުންތަކާއެކު އަންނަ ޑިސެމްބަރު  ބާއްވާ "ރަން ޒަމާން" ޝޯ ގެ ޕާޓްނަރުންނާއެކު ސޮއިކޮށްފިއެވެ.

ޕްރެންޑްޝިޕް އެސޯސިއޭޝަން އޮފް އިންޑިއާ މޯލްޑިވްސް، ފެއިމުން އިންތިޒާމްކޮށްގެން އިންޑިއަން ކަލްޗްރަލް ސެންޓަރ، އައި.ސީ.ސީ އާއި ގުޅިގެން އަންނަ ޑިސެމްބަރ 7 އަދި 8 ގައި އޮލިމްޕަހުގައި ބާއްވާ މި ޝޯގެ އިވެންޓް ކޯޑިނޭޓަރާއި، ޗެރިޓީ ޕާޓްނަރ، އަދި ޓީވީ ޕާޓްނާރާއި، އޮންލައިން ޕާޓްނާގެ އިތުރުން ސެލޫންޕާޓްނަރާއި އަދި ކޭޓްރިންގ ޕާޓްނަރާއެކު ރޭވަނީ ސޮއިކޮށްފައެވެ.

މިކަމަށްޓަކާ ވިލެޖް ކޮފީސް އެން ޓީ ކެފޭގައި ރޭ ބޭއްވި ޚާއްސަ ހަފްލާއެއްގައި ޝޯ ހުށައަޅައިދޭ އޯލްޑް އިޒް ގޯލްޑް ގައި ހިމެނޭ ގިނަ އަދަދެއްގެ ކުރީގެ ފަންނާނުން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން ރޭވަނީ ރަންޒަމާން ޝޯގެ އޮފިޝަލް ޕޯސްޓަރުވެސް ނެރެފަ. އޯލްޑް އިޒް ގޯލްޑްގެ 23 ލަވަކިއުންތެރިންގެ ހުށައެޅުންތައް ރަންޒަމާނުގައި ފެނިގެންދާނެއެވެ.

މިހަޕްލާގައި ވާހަކަދައްކަމުން ފެއިމް ޖަމްޢިއްޔާއިން ބުނީ އޯލްޑް އިޒް ގޯލްޑްގެ އިތުރު ޝޯތައް އަތޮޅުތަކުގައިވެސް ކުރިއަށްގެންދަން ރާވާފައިވާކަމަށެވެ.

މި ޝޯގައި ލަވަ ކިޔާ ފަންނާނުންގެ ތެރޭގައި ކުރީގެ މަޝްހޫރު ލަވަކިއުންތެރިން ކަމުގައިވާ ފާތުމަތު ރައޫފް، ޢަބްދުﷲ ރާމިޒް، ޢަލީ މޫސާ، އާއި މަޝްހޫރު ބޭންޑް "އޮލިމްޕިއަންސް" ގެ ކުރީގެ ލަވަކިއުންތެރިޔާ  މަހްމޫދާ ޝަކީބްގެ އިތުރުން ޝިފާ ތައުފީގް، މަރިޔަމް ޝެހެނާޒް އާއި މަރިޔަމް ވަހީދާ ފަދަ ފަންނާނުން ހިމެނެއެވެ.

މިޝޯގެ ޓިކެޓް ވިއްކުން މިމަހުގެ ދިހައަކުން ފެށިގެން ކުރިއަށްދާނެކަމަށް ޕްރެންޑްޝިޕް އެސޯސިއޭޝަން އޮފް އިންޑިއާ މޯލްޑިވްސް އިން ބުނެއެވެ.

ކުރީގެ "ނަޒާރާ" ބޭންޑް އުފެއްދުމުގައިވެސް އިސްކޮށް އުޅުނު އަބްދުﷲ ރާމިޒްގެ އިސް ނެގުމާއެކު އުފެއްދި "އޯލްޑް އިޒް ގޯލްޑް" ބޭންޑުގެ ފުރަތަމަ ޝޯބާއްވާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.