ޕްރެޒިޑެންޓްސްކަޕް ރެކްރިއޭޝަނަލް ފުޓްސަލް މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން އެސްޓީއޯ ހޯދައިފިއެވެ.
އެސްޓީއޯ ޗެމްޕިއަންކަން ހޯދީ މިރޭ ކުޅުނު ފައިނަލްގައި މޯލްޑިވްސް އެއޕޯރޓްސް ކޮމްޕެނީގެ ޓީމާ ވާދަކޮށް ތިނެއް ސުމަކުން ކުރި ހޯދައިގެންނެވެ. މެޗުގައި އެސްޓީއޯއިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑުޖެހީ ކެޕްޓަން މުޙައްމަދު އިމްރާންއެވެ. އަނެއް ލަނޑު ޖެހީ މުޙައްމަދު އިސްމާއީލްއެވެ.
މުބާރާތުގައި އެންމެ ރަނގަޅަށް ސަޕޯރޓް ކުރި ޓީމަކަށް ހޮވުނީ މިފްކޯއެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ އެސްޓީއޯގެ ކެޕްޓަން މުޙައްމަދު އިމްރާން، އެމްއޭސީއެލްގެ އަހުމަދު ޒައިދު، ސްޓެލްކޯގެ އަލީ މާއިޝް، ޕޮލިހުގެ އަލީ ފަހުމީ އަދި އެސްޓީއޯގެ އަބުދުﷲ ނާސިހުއެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް ތަށި ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމްއެވެ. ފައިނަލް މެޗަށްފަހު ޗެމްޕިއަން އެސްޓީއޯގެ ކެޕްޓަން މުޙައްމަދު އިމްރާން ބުނީ ފުރަތަމަ އަހަރު މުބާރާތް ކާމިޔާބުކުރެވުމަކީ ވަރަށް ބޮޑު އުފަލެއްކަމަށާއި، މިއީ އުނދަގޫ މަސައްކަތެއްކަމަށެވެ.
" ފުރަތަމަ އަހަރު މިމުބާރާތް ކާމިޔާބުކުރެވުނީމަ ވަރަށް ބޮޑަށް ހިތްހަމަޖެހޭ، މިއީ މުޅި ޓީމް ކުރި މަސައްކަތް " ފައިނަލް މެޗުގައިވެސް މޮޅަށް ކުޅެ ދެގޯލް ޖެހި ކެޕްޓަން ބުންޏެވެ.
ފައިނަލްގައި ބަލިވި އެއަޕޯރޓްގެ ކެޕްޓަން މުޙައްމަދު ޝާހު ބުނީ ދިމާވި މައްސަލައަކީ އާ ކުޅުންތެރިން ގިނަވުމުން ކުޅުންތެރިން ފިނިވުންކަމަށެވެ. ތަށި ހޯދަން ނިކުއިން ނަމަވެސް ފައިނަލްގައި އެދެވޭ ކުޅުމެއް ނުދެއްކުނުކަމަށްވެސް އޭނާ ބުންޏެވެ.
" ކުރިއަށް ހުރި މުބާރާތްތަކަށްވެސް ވިސްނައިގެން އާ ކުޅުންތެރިންނަށް ފުރުޞަތުދީގެން ނިކުތީ. އެކުޅުންތެރިން މާބޮޑަށް ފިނިވީ. ތަށި ހޯދަން ނިކުތީ، އެކަމަކު އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނު " ޓީމްގެ ކެޕްޓަން އަދި ކީޕަރު ބުންޏެވެ.
މިމުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ އެމްޕީއެލްއެވެ.