2015ވަނަ އަހަރު ތައުލީމީ ނިޒާމުގައި އަލަށް އަމަލު ކުރަން ފެށި އާ މަންހަޖަށް، ދަރިވަރުންނާއި ބެލެނިވެރިން އިތުރަށް ހޭލުންތެރި ކުރަންޖެހޭކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް އިން ގެނެސްދޭ ޒިންމާ ޕްރޮގްރާމްގައި ބެލެނިވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު ޝިހާމް ވިދާޅުވީ އަލަށް ތަޢާރަފްކޮށް އަމަލުކުރަމުންދާ އާމަހަޖަށް ދަރިވަރުންނާއި ބެލެނިވެރީން ހޭލުންތެރިކުރުމުގެ މަސައްކަތް އަދިވެސް ވަރުގަދަށްކޮށް އިތުރުކުރަންޖެހޭ ކަމަށެވެ. އެގޮތުން އާމަންހަޖުގެ ތަފާތު ބައިތަކުގެ އިތުރުން މިހާރު ކިޔަވާދޭ މުޤައްރަރާއިބެހޭ މައުލޫމާތު ބެލެނެވެރީންނަށް ދެއްވާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ޒިންމާ ޕްރޮގްރާމުގައި ބެލެނިވެރިއަކުވަނީ، އަހަރު ނިމިގެންދާއިރު ފޮތްތަކުގައި ހުންނަ ބައެއް ފިލާވަޅުތައް ކަވަރ ނުވަނީ ކީއްވެތޯ މިނިސްޓަރ ސުވާލުކޮށްފައެވެ. މިކަމާއިގުޅޭ ގޮތުން މިނިސްޓަރ ވިދާޅުވީ ފޮތްތަށް މިހާރު ތައްޔާރުކޮށްފައިވަނީ ދަރިވަރުންނަށް ބޭނުންވާ އިތުރު މައުލޫމާތާއެކުކަމަށެވެ.
އާމަންހަޖާއި މުޤައްރަރަށް ހެލުންތެރިކުރުމަށް މިހާރުވެސް މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާ، އަދިވެސް އެމަސައްކަތް އަދިވެސް ކުރަންޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ޒިންމާ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ވަނީ ތަޢްލީމީ ދާއިރާ ހަރުދަނާ ކުރުމަށް ކުރައްވަމުންދާ މަސައްކަތް ފާހަގަކޮށް ވަކިވަކި ދާއިރާތަކުން ހޯދާފައިވާ ކުރިއެރުންތައް ހާމަކުރައްވާފައެވެ. އެގޮތުން ވަސީލަތްތައް ޤާއިމްކުރުމަށާއި އެއްވެސް ކުއްޖަކު ބާކީނުނުރުމުގެ ސިޔާސަތުގެ އިތުރުން ސޮކްލާޝިޕް ފުރުސަތުގެ މައްޗަށް އަލި އަޅުއްވާލެއްވިއެވެ.
ތަޢްލީމީ ދާއިރާ ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ފާއިތުވި 3 އަހަރު ދުވަހު މީގެ ކުރިން ޚަރަދުކޮށްފައިވާ އަދަދުގެ 2 ގުނަ އިތުރަށް ޚަރަދު ކޮށްފައިވާކަން އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސް ހިސަބުތަކުން ދައްކައެވެ. އަދި މިއަހަރު އިތުރަށް 300 މިލިއަން ރުފިޔާ ތަޢްލީމީ ދާއިރާގެ ކަންކަމަށް ޚަރަދުކުރުމަށް ހަމަޖެހިފައިވެއެވެ. ރާއްޖޭ އެކި ކަންކޮޅުތަކުގައި ސަރުކާރުގެ 212 އަށްވުރެ ގިނަ ސްކޫލްގައި 78 ހާހަށްވުރެ ގިނަ ދަރިވަރުން ތަޢްލީމް ހާސިލްކުރަމުންދެއެވެ.