ކުޅިވަރު

އެއްވަނަ އެތްލީޓަކަށް ނުވިޔަސް ސިފަންނާއެކު ސާއިދަށް ކާމިޔާބު


އެއްވަނަ އެތްލީޓްގެ މަޤާމް ގެއްލުނަސް، ސިފައިންންނަށް ވިދިވިދިގެން ބާރަ ވަނަފަހަރަށް ޤައުމީ ކަސްރަތު މުބާރާތް ކާމިޔާބުކޮށްދޭން ހަސަން ސާއިދު މުޙިއްމު ދައުރެއް އަދާކޮށްފިއެވެ. 

ޤައުމީ އެތުލެޓިކްސް މުބާރާތުގެ ފިރިހެން ޗެމްޕިއަންކަން ވިދިވިދިގެން 12 ވަނަ ފަހަރަށް ދިވެހި ސިފައިންގެ ކްލަބް ހޯދިއިރު ސާއިދު ވަނީ އޭނާގެ ރަސްމީ އިވެންޓްތަކުން އެއްވަނަ ހޯދާފައެވެ. ނޭޕާލްގެ އެތްލީޓުންނާއެކު ދެ ވަނަ ހޯދީ އައިލެންޑް ރަނާސްއެވެ. ތިން ވަނަ ހޯދީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންއެވެ. 

ފިރިހެން ޑިވިޝަންގެ ތިންވަނަ ހޯދި ޓްރެކް އެންޑް ފީލްޑް ވަނީ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދާފައެވެ. މި ބައިންވެސް ދެވަނަ ހޯދީ އައިލެންޑް ރަނާސްއެވެ. ފިރިހެން ޑިވިޝަންގެ އެއްވަނަ ސިފައިންގެ ކްލަބަށް އަންހެން ބައިން ލިބުނީ ތިން ވަނައެވެ. މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމް ހޯދީ 10000 މީޓަރު ދުވުމާއި 5000 މީޓަރު ދުވުން އަދި 1500 މީޓަރު ދުވުމުން ރަން މެޑަލް ހޯދި އައިލެންޑް ރަނާސް މޯލްޑިވްސްގެ ނޭޕާލް ދުވުންތެރިއާ ލާލް ބަހާދުރް ތާޕާއެވެ. ރާއްޖޭގެ އެންމެ ބާރު ދުވުންތެރިއާ ހަސަން ސާއިދު ވަނީ އޭނާގެ ރަސްމީ އިވެންޓް 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުން ރަން މެޑަލް ހޯދާފައެވެ. އަދި ސިފައިންގެ ޓީމާ އެކު އޭނާ ވަނީ 100 މީޓަރު އަދި 400 މީޓަރު ދުވުމުގެ ރިލޭ އިންވެސް ރަން މެޑަލް ހޯދާފައެވެ. 

img:http://s1.psmnews.mv/images/660x400/15080528577566.jpg|މުބާރާތުގެ އެއްވަނަ ފިރިހެން އެތްލީޓް

އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމް ހޯދީ 5000 މީޓަރު ދުވުމާއި 1500 މީޓަރު ދުވުން އަދި 800 މީޓަރު ދުވުމުން ރަން މެޑަލް ހޯދި އައިލެންޑް ރަނާސް މޯލްޑިވްސްގެ ނޭޕާލް ދުވުންތެރިއާ ސަރަވަސްތީ ބަޓްރާއީއެވެ. ފިރިހެނުންގެ 400 މީޓަރު ދުވުން ކާމިޔާބުކުރީ އައިލެންޑް ރަނާސްގެ ސޮމް ބަހާދުރްއެވެ. އަންހެނުންގެ 400 މީޓަރު ދުވުމުގެ ރޭސް ކާމިޔާބުކުރީ ޓްރެކް އެންޑް ފީލްޑުގެ މިރުފަތު އަހުމަދެވެ. ފިރިހެނުންގެ 1500 މީޓަރު ދުވުމުން އެއްވަނަ ހޯދީ ނޭޕާލުގެ ލާލް ބަހާދުރުއެވެ. 1500 މީޓަރުގެ އަންހެން ބައިން އެއް ވަނަ ހޯދީ އައިލެންޑް ރަނާސްގެ ނޭޕާލް ދުވުންތެރިއާ ސަރަސްވަތީއެވެ. 

img:http://s2.psmnews.mv/images/660x400/15080528943089.jpg|މުބާރާތުގެ އެއްވަނަ އަންހެން އެތްލީޓް

މި މުބާރާތުގައި 10 ޓީމަކުން ވާދަކުރިއެވެ. މުބާރާތުގެ އަންހެން ބައިން 15 އިވެންޓް ކުރިޔަށް ދިޔަ އިރު ފިރިހެން ބައިން 16 އިވެންޓެއް ވަނީ ކުރިޔަށްގެންގޮސްފައެވެ.

މިއީ އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކުރިޔަށްގެންދިޔަ 27 ވަނަ ގައުމީ އެތްލެޓިކްސް މުބާރާތެވެ