ޚަބަރު

ހުރަސް އެޅިޔަސް، ބަޖެޓް ފާސްކުރާނަން- މޫސަ


އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް އިދކޮޅު މެންބަރުން ހުރަސްއެޅިޔަށް ބަޖެޓް ފާސްކުރައްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު މިހެން ވިދާޅުވީ، ޕީޕީއެމްގެ ރުމާލު 2 ޖަގަހައިގަ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގެންނެވި މިޖަލްސާގައި މޫސާ މަނިކު ވިދާޅުވީ، އިދިކޮޅު މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ކުރަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ޤައުމަށްޓަކާއި ކުރައްވާ މަސައްކަތަށް ޖެއްސުން ކުރުންކަމަށެވެ. 

މޫސާ މަނިކު ވަނީ ވޭތުވެދިޔަ އަހަރުތަކަށްވުރެ އަންނަ ދެހާސް އަށާރަ ވަނަ އަހަރަކީ ތަރައްޤީއާއި އެހެނިހެން ޚިދުމަތްތައް އިތުރުވެ އައު ބޮޑެތި މަޝްރޫއުތަކެއް ބަޖެޓުން ފެންނާނެ އަހަރެއްކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުންވެސް އޭނާ ވަނީ އިދިކޮޅު ސިޔާސީ ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އިދިކޮޅު ސިޔާސީ ލީޑަރުން ރާއްޖެ އަޅުވެތިކުރުމަށް ކުރާ މަސައްކަތް ހުއްޓަލުމަށް ގޮވާލާ ގޮވާލުން މޫސަ ތަކުރާރުކުރެއްވިއެވެ. 

މޫސަގެ ވާހަކަފުޅުގައި ރާއްޖެއަކީ ހައްދުފަހަނައަޅާފައިވާ ތަނެއްކަމަށް ދެއްކުމަށް އިދިކޮޅު ލީޑަރުން މަސައްކަތްކުރާކަމަށާއި، ޔޫރަޕާއި އެނޫންވެސް ޤައުމުތަކުން ރާއްޖެއަށް ނުފޫޒުފޯރުވަން މަސައްކަތްކުރަނީ ބޭރުގައި މިވަގުތު ތިއްބެވި ސިޔާސީ ލީޑަރުންގެ މަސައްކަތުންކަމަށް ތުހުމަތުކުރައްވާފައެވެ. މޫސާ މަނިކު ވިދާޅުވި ގޮތުގައި ހައްދުފަހަނަ އަޅާގޮސްފައިވަނީ ރާއްޖޭގެ ރައްޔިތުން ނޫންކަމަށާއި ސިޔާސީ ގޮތުން ހައްދު ފަހަނައަޅަފައިވަނީ އިދިކޮޅު ސިޔާސީ ލީޑަރުންކަމަށެވެ.

މި ޖަލްސާގައި ވާހަކަ ދެއްކެވި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް ވަނީ އިދިކޮޅު ލީޑަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.