ޚަބަރު

13.5 ބިލިއަން ރުފިޔާ ދައުލަތަށް ލިބެންޖެހޭ- ހޯމް މިނިސްޓަރ


ދައުލަތުން ބަލަމުންގެންދާ މައްސަލަތަކާއި ބަލައި ނިމިފައިވާ ކޮރަޕްޝަންގެ މައްސަލަތަކަށް ބަލާއިރު، ކޮރަޕްޝަންގެ ގޮތުގައި ހިމެނޭ އަދި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ޢަދަދު 13.5 ބިލިޔަން ރުފިޔާއަށް އަރާކަމަށް ކޮމިޝަން އޮން ސްޓޭޓް އެސެޓް ރިކަވަރީ އިން ވިދާޅުވެއްޖެއެވެ. 

ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފައްދަވާފައިވާ ކޮމިޝަން އޮން ސްޓޭޓް އެސެޓް ރިކަވަރީން ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ ފުރަތަމަ އިސްކަންދީގެން ކޮމިޝަނުން ބަލަމުން ގެންދަނީ ފަސް މިލިއަން ރުފިޔާއަށްވުރެ ގިނަ އަދަދެއްގެ ފައިސާ ހިމެނޭ މައްސަލަތައްކަމަށެވެ. އަޒްލީން ވިދާޅުވީ އެއް އަހަރު ދުވަސް ވަންދެން ފަސް މިލިއަން ރުފިޔާއަށް ވުރެ ބޮޑެތި މައްސަލަތައް ބެލުމަށްފަހު އެއަށްވުރެ ކުދި މައްސަލަތައް ބަލަން ފަށާނެ ކަމަށެވެ. މީގެ އިތުރުން ކޮމިޝަނުގެ ފަރާތުން ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ހަލުވިކަމާއެކު ކުރިޔަށް އެބަގެންދާކަމަށެވެ.

ފައިސާގެ ބޮޑެތި އަދަދުތަކުން ޚިޔާނާތުގެ ޢަމަލުތައް ހިންގާފައިވާ ފާރަތްތަކުން އެފައިސާ ހޯދުމަށް ކުރީގެ ސަރުކާރުތަކުން އެދެވޭ މަސައްކަތް ކޮށްފަނުވާކަންވެސް އަޒްލީން ފާހަގަކުރެއްވިއެވެ. ކޮމިޝަނުން ބަލާ މައްސަލަ ތަކުގެތެރޭގައި 1991 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާ ހަމައަށް ހިންފައިވާ ޚިޔާނާތުގެ މައްސަލަތައް ހިމެނެއެވެ.