ހުޅުމާލޭގައި ރޭ ކުއްލިގޮތަކަށް މަރުވި 2 ޒުވާނުންގެ މަރާއި ގުޅިގެން 4 މީހަކު ހައްޔަރުކޮށް އެ މައްސަލަ ތަހްގީގްކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ ރޭގެ ހާދިސާއާއި ގުޅިގެން ހައްޔަރުކުރި ހަތަރު މީހުން ތިބި ސަރަހައްދުން ޕާޓީ ޑްރަގްސް ފެނިފައިވާކަމަށެވެ. އަދި ކޯޓް އަމުރެއްގެ ދަށުން ތަނެއް ބަލާ ފާސްކުރަމުން އަންނަކަމަށްވެސް ފުލުހުން ބުނެއެވެ. އެހެންނަމަވެސް ހައްޔަރުކުރި މީހުންނާއި ބެހޭ އިތުރު ތަފްސީލެއް ފުލުހުންނެއް ނުދެއެވެ.
ހުޅުމާލޭގައި ރޭ ކުއްލި ގޮތަކަށް މަރުވެފައިވަނީ އުމުރުން ބާވީސް އަހަރުގެ ޒުވާން ފިރިހެނަކާއި އުމުރުން އަށާރަ އަހަރުގެ އަންހެން ކުއްޖެކެވެ. މި ދެމީހުންގެ ހަށިގަނޑު އަދިވެސް އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށާއި އެ ދެމީހުންގެ ހަށިގަނޑުވެސް ތަހްލީލުކުރަމުން އަންނަކަމަށެވެ.
ރޭ މަރުވި ބާވީސް އަހަރުގެ ޒުވާނާއާއި އެކު އެކާވީސް އަހަރުގެ ޒުވާނެއްވެސް ހޮސްޕިޓަލަށް ގެނައިކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ބުނެއެވެ. އަދި އެނާއަށް ފަރުވާދެމުން އަންނަކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
ރޭ މަރުވި ދެ ޒުވާނުންގެ ތެރެއިން ފުރަތަމަ މަރުވި ބާވީސް އަހަރުގެ ޒުވާނާ މަރުވީ ފުޓްބޯޅަ ކުޅެ ނިންމާލި ތަނުން މެޔަށް ތަދެއް އަރައިގެން ހޮސްޕިޓަލަށް ގެންދިޔަފަހުން ކަމަށް އަޑުތައް ފެތުރިފައިވެއެވެ. އަދި އަށާރަ އަހަރުގެ އަންހެން ކުއްޖާ މަރުވީ މޫދަށް ގެނބިގެންކަމަށްވެސް ރޭ އަޑުތައް ފެތުރިފައިވެއެވެ. އެހެންނަމަވެސް މި ދެ ޒުވާނުންގެ މަރާއި ގުޅޭ އެއްވެސް ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.