ތިން ސެޓް އެއް ސެޓުން ސީލައިފް ބަލިކޮށް، ވޮލީ ބޯޅަ އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން މޯލްޑިވިއަން ރެކްރިއޭޝަން ކްލަބް ހޯދައިފިއެވެ.
ރޭގެ މެޗުގެ ފުރަތަމަ ސެޓު މޯލްޑިވިއަން ރެކްރިއޭޝަން ކްލަބް ކާމިޔާބުކުރީ 25-19 ނެވެ. ދެވަނަ ސެޓުގައި ސީލައިފް ޓީމުން ކުޅުން ރަނގަޅުކޮށް ދެވަނަ ސެޓު ކާމިޔާބުކުރިއެވެ. ދެވަނަ ސެޓު ސީލައިފް ކާމިޔާބކުރީ 21-15 ނެވެ. އެހެންނަމަވެސް ހަމަ މިނަތީޖާއިން ތިން ވަނަ ސެޓު އެނެއްކާވެސް ކާމިޔާބުކޮށް މެޗުގައި ދެވަނަ ފަހަރަށް މޯލްޑިވިއަންއިން ލީޑް ނެގިއެވެ. މުބަރާތުގެ ޗެމްޕިއަންކަން މޯލްޑިވިއަން ޓީމުން ކަށަވަރު ކުރީ ހަތަރު ވަނަ ސެޓު ފެށިގޮތަށް ނެގި ލީޑް ގެއްލުވާނުލާ ސެޓު ކާމިޔާބުކޮށްގެންނެވެ. އެއީ 25-22 ނެވެ.
ފައިނަލް މެޗު މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ މޯލްޑިވިއަން ޓީމުގެ އިސްމާއިލް ސާޖިދެވެ.
މުޅި މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ މޯލްޑިވިއަން ރެކްރިއޭޝަން ކްލަބްގެ ޕާކިސްތާން ކުޅުންތެރިއާ މުރާދް ޖީހަންއެވެ.
ރޭގެ ފައިނަލް މެޗަކީ ސީލައިފް ސްޕޯރޓްސް ކްލަބުން ވޮލީ ބޯޅަ މެޗެއްގައި ބަލިވި ފުރަތަމަ ފަހަރެވެ. ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން އެއްވެސް މެޗަކުން ބަލިނުވެ ހޯދި އިރު ފުރަތަމަ ޑިވިޝަންގައި ފައިނަލް މެޗުގެ ކުރިން ކުޅުނު ހުރިހާ މެޗެއްވެސް ސީލައިފް ޓީމުން ވަނީ ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި މޯލްޑިވިއަންއާ ވާދަކުރި މެޗުވެސް ހިމެނެއެވެ.
މުބާރާތުގެ ބެސްޓް އައުޓްސައިޓް އެޓޭކަރަކީ މޯލްޑިވިއަންގެ އިސްމާއީލް ސާޖިދެވެ. ސެކަންޑް ބެސްޓް އައުޓްސައިޑް އެޓޭކަރަކީ ސީލައިފްގެ އަލީ ހުޒާމެވެ. ބެސްޓް މިޑްލް ޕްލޭޔަރަކީ ސީލައިފްގެ އަލީ އާމިރެވެ. ސެކަންޑް ބެސްޓް މިޑްލް ޕްލޭޔަރަކީ މޯލްޑިވިއަންގެ އާދަމް ފައިރޫޒެވެ. އެންމެ މޮޅު ސެޓަރަކީ މޯލްޑިވިއަންގެ ހުސެއިން ވިޝާމެވެ. އެންމެ މޮޅު އޮޕޮސިޓް ޕްލޭޔަރަކީ ސީލައިފްގެ ހުސެއިން ނިލާމެވެ. އެންމެ މޮޅު ލިބަރޯއަކީ ތަޖުރިބާކާރު ކުޅުންތެރިޔާ އިބްރާހީމް އާދިލެވެ. އެންމެ މޮޅު ކޯޗަކީ މޯލްޑިވިއަންގެ އަބުދުﷲ ނަޝީދެވެ. އެންމެ މޮޅު ޒުވާން ކުޅުންތެރިއަކީ ޕޮލިހުގެ ޝުއައިބު އަބުދުއްލަތީފެވެ.