ސިއްހަތު

ރާއްޖެއިން ޑެންގީ ނައްތާލުމަށް ޚާއްޞަ މަސައްކަތްތަކެއް ފަށައިފި


ދިވެހިރާއްޖެއިން ޑެންގީ ނައްތާލުމަށް އަމާޒުހިފާ އެކަމަށް މަސައްކަތްކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ "ޓްރޭނިންގ ވޯރކްޝޮޕް ފޯރ ހެލްތް ކެޔަރ ޕްރޮވައިޑާރސް އޮން ކްލިނިކަލް ރިކޮގްނިޝަން އެންޑް މެނޭޖްމަންޓް އޮފް ޑެންގީ"ގެ ނަމުގައި ޑޮކްޓަރުންނާއި ނަރުހުންނަށް އަމާޒު ކޮށްގެން ބޭއްވި މަސައްކަތު ބައްދަލުވުން ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރ އިތުރަށް ވިދާޅުވީ މިހާރު ސިއްހީ ދާއިރާގެ އެންމެ ބޮޑު އެއް އަމާޒަކީ ރާއްޖެއިން ޑެންގީ ނައްތާލުންކަމަށާއި އެހެންނަމަވެސް ވޭތުވެ ދިޔަ ދެ އަހަރުވެސް ދެހާހަށް ވުރެ ގިނަ މީހުންނަށް ޑެންގީ ޖެހިގެން ރެކޯޑް ކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި މަހުގެ 25 ން 27 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މިމަސައްކަތު ބައްދަލުވުމަކީ ޑެންގީ ބަލި ހުރިކަން ދެނެގަތުމަށް މިހާރު ހެދެން ހުންނަ ޓެސްޓުތަކުގެ ބޭނުން ހަރުދަނާ ގޮތެއްގައި ހިފުމާއި އެހީތެރިކަން ފޯރުކޮއްދިނުމާއެކު ޑެންގީ ޖެހިފައިވާކަން ކަށަވަރު ކުރެވޭ މީހުންނަށް ފަރުވާ ކުރުމުގެ ކަންކަން ހަރުދަނާ ކުރުމާއިބެހޭ ގޮތުން ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ނެޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޮލޮޖީ އާއި ގުޅިގެން ހިންގި މި ވޯކްޝޮޕްގައި ރާއްޖޭގެ ހުރިހާ އަތޮޅު ރީޖަނަލް ހޮސްޕިޓަލް އަދި އެން.ސީ.އައި.ޓީ ގެ ފަރާތުން އީ.ސެންޓަރުތައް ޤާއިމް ކޮށްފައިވާ ރަށްރަށުގެ ޑޮކްޓަރުންނާއި ނަރުހުން ބައިވެރިވިއެވެ.