ދުނިޔެ

މެކްސިކޯ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 226އަށް އަަަރައިފި


މެކްސިކޯގެ މެދުތެރޭގެ ސަރަހައްދަށް އަންގާރަ ދުވަހުގެ ވަގުތެއްގައި އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 226 އަށް އަރައިފިއެވެ. 

ރެކްޓަރ މިންގަނޑުން 7.1 ގެ ބާރު މިނުގައި އައި މި ބިންހެލުން އައިސްފައި ވަނީ އިމާރާތްތައް ގިނަ އާބާދީ ބޮޑު ސަރަހައްދަކަށް ކަމަށާ މި ބިން ހެލުމުގެ ސަބަބުން އެންމެ ގިނަ ގެއްލުންތައް ލިބިފައިވަނީ މެކްސިކޯގެ ވެރިރަށް މެކްސިކޯ ސިޓީއަށް ކަމަށް މެކްސިކޯގެ ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ. 

މެކްސިކޯގެ ރައީސް އެންރީކޭ ޕެންޔާ ނެއިޓޯ ވިދާޅުވީ، ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ ތެރޭގައި 20 ކުޑަކުދިން ވެސް ހިމެނޭ ކަމަށާ ބިންހެލުމުގައި ސްކޫލެއް ވެއްޓި 30 ކުދިން ގެއްލިފައިވާ ކަމަށެވެ. މީގެ އިތުރުން ވެސް އެތަށް ބަޔަކު ގެއްލިފައިވާ ކަމަށާ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް މެކްސިކޯގެ ރައީސް ވިދާޅުވިއެވެ. އެހެން ކަމުން މި ޙާދިސާގައި މަރުވި މީހުން އަދަދު އިތުރުވުމަކީ އެކަށިގެންވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނެއިޓޯ ވިދާޅުވީ، ބިންހެލުމުގެ ސަބަބުން ގެއްލުން ލިބިފައިވާ ސަރަހައްދުތަކުގައި ކުއްލި ހާލަތު އިއުލާނުކޮށްފައިވާ ކަމަށާ މީހުން ހޯދުމާ އިންސާނީ އެހީގެ ސާމާނު ފޯރުކޮށް ދިނުމުގެ މަސައްކަތްތައް ކުރުމުގައި އެހީވުމަށް މެކްސިކޯގެ އަސްކަރިއްޔާއިން ވެސް ބައިވެރިވާނެ ކަމަށެވެ.

އަންގާރަ ދުވަހުގެ މި ބިންހެލުމުގައި އެންމެ ގިނަ ގެއްލުންތައް ލިބިފައިވަނީ މެކްސިކޯގެ އެންމެ އާބާދީ ބޮޑު މެކްސިކޯ ސިޓީއަށް ކަމަށާ ބިން ހެލުން އައިސްފައިވަނީ މީގެ 32 އަހަރު ކުރިން އެސަރަހައްދަށް އައި ބިންހެލުމުގެ ސަބަބުން ބިންހެލުމެއް އަތު ވެއްޖެނަމަ ކަންކަން ކުރާ ގޮތުގެ ހަރަކާތްތަކުގައި އެރަށުގެ މީހުން ބައިވެރިވަމުން ދަނިކޮށް ކަމަށް ރޮއިޓަރސްއިން ވަނިީ ބުނެފައެވެ. އަދި މިކަމުގެ ސަބަބުން އަސްލު ބިން ހެލުން އައި އިރު މިކަމާ ބެހޭ އިންޒާރުތަކަށް މެކްސިކޯ ސިޓީގެ މީހުން އެކަށީގެންވާ އަހައްމިޔަތުކަން ދީފައި ނުވާ ކަމަށް ރޮއިޓަރސްއިން ވަނީ ރިޕޯޓްކޮށްފައެވެ.

މިމަހުގެ ކުރީކޮޅު މެކްސިކޯގެ ކަނޑުގެ ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމެއްގައި 90 މީހުން ވަނީ މަރުވެފައެވެ.