އޭއެފްސީ ކޮލިފިކޭޝަންގައި ތިން މެޗުންވެސް މަދުވެގެން ޕޮއިންޓެއް ހޯދުމަކީ 16 އަހަރުން ދަށުގެ ގައުމީ ޓީމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް 16 ކޯޗް މުހައްމަދު ޝާޒްލީ ބުނެފިއެވެ.
ތަޖަކިސްތާންގައި އޮންނަ އޭއެފްސީ 16 އަހަރުން ދަށުގެ ކޮލިފިކޭޝަނަށް ފުރުމުގެ ކުރިން ޕީއެސްއެމް ސްޕޯޓްސްއާއި ވާހަކަދައްކަމުން ކޯޗު މުހައްމަދު ޝާޒްލީ ބުނީ ނިމިގެންދިޔަ ސާފް ޗެންޕިއަންޝިޕްގައި ވާދަކުރި އިންޑިޔާ އަދި ނޭޕާލް ޓީމަކީ ކޮލިފިކޭޝަންގައި ވާދަކުރާ ޓީމްތަކާ އެއް ފެންވަރެއްގެ ޓީމްތަކެއްކަމަށާއި ސާފް ޗެންޕިއަންޝިޕްގެ ތަޖްރިބާގެ އަލީގައި އޭއެފްސީ ކޮލިފިކޭޝަންގެ މެޗުތަކުގެ ނަތީޖާ ރަނގަޅު ކުރުމަށް މަސައްކަތް ކުރާނެކަމަށެވެ.
އޭއެފްސީ 16 އަހަރުން ދަށުގެ ކޮލިފިކޭޝަންގެ ގުރޫޕް ބީގައި ރާއްޖެއާ ވާދަކުރާ އޮމާން ތަޖަކިސްތާން އަދި ސީރިޔާއަކީ އަރަބި ސަރަހައްދުގެ ޤައުމުތަކަށްވެފަ، އެޓީމްތަކުގެ މައްޗަށް ކުރި ހޯދުމަކީ ވަރަށް އުނދަގޫކަމެއްކަމަށް ޝާޒްލީ ބުންޏެވެ. މިސަރަހައްދުގެ ޓީމްތަކަށް ވުރެ އޭއެފްސީގައި ވާދަކުރާ ޓީމްތަކަށް މާ އޮގަނައިޒްވާނެކަމަށާއި މިޓީމްތައް ކައިރީގައި ކުޅެންޖެހޭނީ ވަރަށް ވިސްނައިގެންކަމަށްވެސް ޝާޒްލީ ބުންޏެވެ. ޝާޒްލީ ބުނީ ކޮލިފިކޭޝަންގެ މެޗުތަކާއި ކުރިމަތިލާއިރު، ތިން މެޗުންވެސް މަދުވެގެން ޕޮއިންޓެއް ހޯދުން ނުވަތަ ބައިކޮޅަށް ވަންނަ ގޯލް މަދުކުރުމަކީވެސް މުހިންމުކަމެއްކަމަށެވެ.
"މިއުމުރުފުރާގައި ވާދަކުރާއިރު، ނަތީޖާއަށް ވުރެ ބޮޑަށް ބަލަނީ ކުދިންގެ ޕާފޯމަންސްއަށާއި އެޓީމްތަކާއި ވާދަކުރާއިރު އަޅުގަނޑުމެންނަށް ނަތީޖާ ނެރުމަށް ދަތިތައް މިދިމާވަނީ ކިހިނެއްތޯ. އަޅުގަނޑުމެންގެ މެޗު އެކްސްޕީރިއަސް ދަށްވުމާއި އަޅުގަނޑުމެންނަށް ވުރެ އެޓީމްތަކުގެ މެޗް އެކްސްޕީރިއަސް އިތުރީތޯ، ނޫނީ އަޅުގަނޑުމެން ފިޒިކަލް ދަށީތޯ. މިކަހަލަ ކަންތައްތަކަށް ބަލާފަ، އަޅުގަނޑުމެންނަށް އެނގޭނީ ކުރިއަށް އޮތްތާނގައި ޓީމް ބައްޓަންކުރަން. މިގޮތްގޮތަށް ބަލާފަ، އަޅުގަނޑުމެން އުއްމީދު މިކުރަނީ ރަނގަޅު ނަތީޖާއެއް ނެރެވޭނެކަމަށް." ޝާޒްލީ ބުންޏެވެ.
އޭއެފްސީ 16 އަހަރުން ދަށުގެ ކޮލިފައިންގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ތަޖަކިސްތާންގައެވެ. ކޮލިފިކޭޝަންގައި ރާއްޖެ ކުޅުމަށް ހަމަޖެހިފައިވާ ފުރަތަަމަ މެޗްގައި މިމަހުގެ ވިހިވަނަ ދުވަހު ނިކުންނާނީ އޮމާނާ ދެކޮޅަށެވެ. ބާވީސްވަނަ ދުވަހު ތަޖަކިސްތާން އަދި ސައުއްވީސް ވަނަ ދުވަހު ރާއްޖޭގެ ޓީމް ނިކުންނާނީ ސީރިޔާއާއި ދެކޮޅަށެވެ. ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ތަޖިކިސްތާނުގެ ޑުޝާންބޭގައެވެ.