ޚަބަރު

ކުނި އަންދައިގެން ކަރަންޓް ފޯރުކޮށްދޭ ފުރަތަމަ ރަށަކަށް ވަންދޫ!


ރ. ވަންދޫއަކީ ކުނި އަންދައިގެން އުފެދޭ ހޫނުން ކަރަންޓް ފޯރުކޮށްދޭ ރާއްޖޭގެ ފުރަތަމަ ރަށަށް ހައްދަވާނެ ކަމަށް އެންވަރަންމެންޓް މިނިސްޓަރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ. 

ރ. ވަންދޫގައި އިންސްޓޯލްކުރުމަށް ހަމަޖެހިފައިވާ ހަކަތަ އުފައްދާ ކޮންޕޯނެންޓުން ކުނި އަންދައިގެން ލިބޭ ހޫނުން އެރަށަށް ބޭނުންވާ ކަރަންޓް ފޯރުކޮށްދިނުމަށް މަސައްކަތްތަކެއް ކުރައްވަމުން އަންނަކަން ފާހަގަކުރައްވާ މިނިސްޓަރު ޠާރިޤް ވިދާޅުވީ ވަންދޫގައި ޤާއިމްކޮށްފައިވާ އިންސިނިރޭޓަރުގައި އަލަށް އިންސްޓޯލްކުރާ ކޮންޕޯނެންޓް އިންސްޓޯލްކޮށް ނިމުމުން ދުވާލަކަށް ފަސްސަތޭކަ ކިލޯ ވޯޓު ނުވަތަ ޕޮއިންޓް ފަހެއް މެގަވޮޓުގެ ކަރަންޓް އުފެއްދިގެންދާނެ ކަމަށެވެ. އެއާއެކު އެރަށަށް ބޭނުންވާ ކަރަންޓަކީ ތެލަށް ބަރޯސާނުވެ އަންދާލެވޭ ކުނީގެ ހޫނުން ލިބިގެންދާނެ އެއްޗަކަށް ވެގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. 

މިނިސްޓަރު ވިދާޅުވީ ވަންދޫއަކީ ކުނި ހިފައިގެން އަންނަ އޮޑި ދޯނިފަހަރަށް ފަސޭހަވާނެ ގޮތަށް ރަނގަޅު ފެންވަރެއްގެ ބަނދަރެއް ހަދާފައިވާ ރަށެއް ކަމަށާ އެރަށަށް ގެންނަ ކުނި އެންދުމަށްފަހު އެތަކެތި ރަނގަޅުގޮތުގައި ނައްތާލެވޭ ފެންވަރުގެ ޒަމާނީ ވަސީލަތްތަކެއް ޤާއިމުކުރެވިފައިވާ ރަށެއް ކަމަށެެވެ. އެގޮތުން އެރަށުން މިހާރުވެސް ދުވާލަކަށް ސާޅިސް ޓަނުގެ ކުނި އެންދޭވަރުގެ އިންސިނިރޭޓަރެއް ޤާއިމުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަންދޫގައި ޤާއިމްކޮށްފައިވާ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ ހަކަތަ އުފައްދާ ކޮންޕޮނެންޓް ޑެލިވަރކޮށް އިންސްޓޯލް ކުރުމަށް ހަވާލުކޮށްފައި ވަނީ ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ ސޯ އިންޖިނިއަރިންގ ލިމިޓެޑާއެވެ. 

މި މަޝްރޫއަށް ތިނެއް ޕޮއިންޓް ހަތަރެއް މިލިއަން އެމެރިކާ ޑޮލަރު ހަރަދުވެގެންދާއިރު، މިއީ އަބޫދާބީ ފަންޑް ފޯރ ޑިވޮލޮޕްމެންޓާއި އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އޭޖެންސީގެ ލޯނެއްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް އެންވަޔަރަންމެންޓް މިނިސްޓްރީން ބުނެއެވެ.

ވަންދޫގައި މިހާރުވެސް އަންނަނީ ހަލާކުވާ ޒާތުގެ ކުންޏާއި ހަލާކުނުވާ ޒާތުގެ ކުނި ވަކިވަކިން އެންމެ ފުރިހަމަ ގޮތުގައި ނައްތާލަމުންނެވެ. އަދި އެރަށަކީ ސަރުކާރުން ސަރަޙައްދީ ފެންވަރުގައި ކުނި ނައްތާލުމަށް ގިނަ މަޝްރޫއުތަކެއް ހަމަޖައްސަމުން އަންނަ ރަށެކެވެ.

ވަންދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް މިހާރުވެސް ނ.ރ.ބ.ޅ މިއަތޮޅުތަކުގެ މީހުން ދިރިއުޅޭ ރަށްރަށުންނާއި އިންޑަސްޓްރިއަލް މަސައްކަތްތައް ކުރަމުންދާ ރަށްރަށުން އަންނަނީ ކުނި ޖަމާކޮށް ނައްތަމުންނެވެ.