ޚަބަރު

ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް މަދުވެއްޖެ


މިދިޔައަހަރާ އަޅާ ބަލާއިރު، މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ފުލުހުންނަށް ހުށަހަޅާފައިވާ ކުށުގެ މައްސަލަތައް ނިސްބަތުން ދަށްވެފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އަހަރުން އަހަރަށް ބަލާނަމަ ވޭތުވެދިޔަ ހަތަރު އަހަރު ދުވަހަށް ބަލާއިރު ފުލުހުންނަށް ހުށަހެޅޭ ކުށުގެ މައްސަލަތަކުގެ ޢަދަދު ވަނީ ދަށްވެފައެވެ.

މުޖްތަމަޢުގެ އަމަންއަމާންކަން ދަމަހައްޓައި، ސަލާމަތްތެރިކަމާއެކު އެންމެންނަށް އުޅެވޭނެ ފަދަ ތަނަކަށް މުޖްތަމައު ހެދުމަށްޓަކައި ފުލުހުން ގެންދަނީ ތަފާތު އޮޕަރޭޝަންތައް ހިންގަމުންނެވެ. އެގޮތުން ވަކި ޚާއްސަ ދުވަސްތަކަށް އަމާޒުކޮޒުކޮށްގެން އޮޕަރޭޝަންތައް ހިންގާއިރު، އެކުވެރި އަމާން މުޖްތަމަޢެއް ބިނާކުރުމަށްވެސް ތަފާތު ޕުރޮގްރާމްތައް ފުލުހުން ހިންގައެވެ.

ވޭތުވެދިޔަ ތިން އަހަރު ދުވަހަށް ބަލާއިރު އެއްއަހަރަށްވުރެ އަނެއްއަހަރު ފުލުހުންނަށް ހުށަހެޅޭ ކުށުގެ މައްސަލަތަކުގެ ޢަދަދު އަންނަނީ ދަށްވަމުންނެވެ. ދެހާސް ސޯޅަ ވަނަ އަހަރު އޮގަސްޓް މަހާ ހަމައަށް ފުލުހުންނަށް ނުވަހާސް ތިންސަތޭކަ ސާޅީސް ނުވަ މައްސަލަ ހުށަހަޅާފައިވެއެވެ. އެހެންނަމަވެސް މިއަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށް ފުލުހުންނަށް ހުށަހަޅާފައިވަނީ އަށްހާސް ތިންސަތޭކަ ތިން މައްސަލައެވެ. ދެހާސް ސޯޅަވަނަ އަހަރުގެ ނިޔަލަށް ފުލުހުންނަށް ތޭރަހާސް ފަސްސަތޭކަ އަށްޑިހަ މައްސަލަ ހުށަހަޅާފައިވެއެވެ.

ވަކި ވަކި މައްސަލަތަކަށް ބަލާއިރު މި އަހަރުގެ މިހާތަނަށް ފަސްސަތޭކަ ސޯޅަ މާރާމާރީއެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ. މިދިޔަ އަހަރުގެ އޮގަސްޓްގެ ނިޔަލަށް މި ޢަދަދު އުޅެނީ ފަސްސަތޭކަ ސާޅީސް ހަތަރެއްގައެވެ. ވައްކަމުގެ މައްސަލަތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް ދެހާސް އެއްސަތޭކަ މައްސަލަ ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް މިދިޔަ އަހަރުގެ މިހާތަނަށް ދެހާސް ފަސްސަތޭކަ ތިރީސް މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވެއެވެ. ފޭރުމުގެ މައްސަލަތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް ހަތަރު ސަތޭކަ ސާޅީސް އަށް މައްސަލަ އެއް ހުށަހަޅާފައިވެއެވެ. އެހެންނަމަވެސް މިދިޔަ އަހަރުގެ މިހާތަނަށް ހަތަރުސަތޭކަ ނުވަދިހަ ނުވަ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ. މަސްތުވާތަކެތީގެ މައްސަލަތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް އެއްހާސް ތިންސަތޭކަ ސާދަ މައްސަލަ އެއް ރިޕޯޓްކޮށްފައިވެއެވެ. 

މިދިޔަ އަހަރުގެ މިހާތަނަށް މަސްތުވާތަކެތީގެ އެއްހާސް ފަސްސަތޭކަ އަށްޑިހަ ދެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވެއެވެ. އެކްސިޑެންޓްތަކަށް ބަލާއިރު، މިއަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށް އެއްހާސް ހަތަރުސަތޭކަ ހަތްދިހަ ނުވަ މައްސަލަ ހުށަހަޅާފައިވެއެވެ. މިދިޔަ އަހަރު މި އަދަދު އުޅެނީ އެއްހާސް ފަސްސަތޭކަ އަށްޑިހަ އަށެއްގައެވެ. 

ޖިންސީ އަނިޔާގެ ކުށުގެ ދުއިސައްތަ އަށްޑިހަ ތިން މައްސަލަ އެއް ހުށަހަޅާފައިވާއިރު، މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ތިންސަތޭކަ އަށާވީސް މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ.

ވަކިވަކި އަހަރުތަކަށް ބަލާއިރު، ދެހާސް ތޭރަވަނަ އަހަރު އަށާރަހާސް ހަތްސަތޭކަ ހަތްދިހަ ތިން މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ. ދެހާސް ސާދަވަނަ އަހަރު މި ޢަދަދު ފަނަރަހާސް ހަތްސަތޭކަ ސާޅީސް ފަހަކަށް ހުރި އިރު ދެހާސް ފަނަރަވަނަ އަހަރު ފުލުހުންނަށް ހުށަހަޅާފައިވަނީ ތޭރަހާސް ހަތްސަތޭކަ ހަތްދިހަ ހަތަރު މައްސަލަ. ނިމިގެން ދިޔަ ދެހާސް ސޯޅަވަނަ އަހަރުގެ ނިޔަލަށް ފުލުހުންނަށް ތޭރަހާސް ފަސްސަތޭކަ އަށްޑިހަ މައްސަލަ ހުށަހަޅާފައިވެއެވެ. 

އަހަރުން އަހަރަށް ބަލާނަމަ ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކުގެ ޢަދަދު ދަށްވަމުންދާކަން ފާހަގަކޮށްލެވެއެވެ.