ކުޅިވަރު

އިތުރު ވަގުތުގައި ތިނަދޫ އަތުން މާޒިޔާ ސަލާމަތްވެއްޖެ


އެކެއް ސުމަކުން ތިނަދޫ މޮޅުވާން ދަނިކޮށް، މެޗުގެ އިތުރު ވަގުތުގައި މާޒިޔާ ސަލާމަތްވެއްޖެއެވެ.

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މިރޭ މާޒިޔާ ސަލާމަތްކޮށްދިނީ ޢާއްމުކޮށް މިހާރު ޓީމުން ފުރުޞަތު ނުލިބޭ ހުސެއިން ނިޔާޒު މުޙައްމަދެވެ. ފަހު 15 މިނިޓްގެ ތެރޭގައި ކުޅެން ނިކުމެ އޭނާ މާޒިޔާ ބަލިނުވެ ސަލާމަތްކޮށްދިނީ ބޮލުން ގޯލްގެ މަތީ ދާ ގަނޑަށް ފޮނުވާލި ރީތި ބޯޅައިންނެވެ.

މެޗުގައި ގިނަ ފުރުޞަތުތަކެއް ތަނަވަސްކޮށް، ގިނަ ހަމަލާތަކެއް އުފެއްދި ތިނަދޫ ޓީމަށް ފަހު ދިހަ މިނިޓަށް އެޅުނު ފަހުން ލަނޑު ޖަހާ ކުރި ހޯދައިދިނީ ތަޖުރިބާކާރު މިޑްފީލްޑަރ އަހުމަދު ނިޔާޒެވެ. އަރިމަތިން އަހުމަދު ރިޒްވާން ހުރަސްކޮށްދިން ބޯޅަ ނިޔާ ޕެނަލްޓީ އޭރިޔާ ރޮނގުމަތީ ހުރެ އެއް ފަހަރުން ޖަހާ ފޮނުވާލީ ގޯލްގެ ތިރީ ކަނަށެވެ. އޭގެ ކުރިން މެޗުގެ ދެހާފްގައިވެސް ފުރަތަމަ ޑިވިޝަންގެ ކުޅުންތެރިންތަކެއްގެ މައްޗަށް ބިނާވެފައި އޮތް ތިނަދޫން ގިނަ ހަމަލާތަކެއް އުފެއްދިއެވެ.

ފުރަތަމަ ހާފްގައި އަހުމަދު ނޫމާން ފޮނުވާލި ބާރު ބޯޅަ ގޯލާ އަމާޒެއް ނުވިއެވެ. ރިޒުވާނާއާއި، މުބީންއަށް ލިބުނު ފުރުޞަތުވެސް ބޭނުމެއް ނުކުރެވުނެވެ. ދެވަނަ ހާފް ފަށައިގެން ގާތް ގާތުގައި ރިޒުވާން ފޮނުވާލި ނުރައްކާތެރި ދެ ބޯޅަވެސް އުނދަގުލުން ސަލާމަތްކުރީ މާޒިޔާގެ ކީޕަރު ޔޫސުފެވެ. ނިޔާގެ ލަނޑަށްފަހު ތިނަދޫގެ ބިދޭސީ ފޯވާޑް ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ހުރަސް ދަނޑިއަށެވެ.

ފުރަަތަމަ ތިން މެޗުން މޮޅުވެފައިވާ މާޒިޔާއަށް، މިރޭ ތިން ޕޮއިންޓް ގެއްލުނު އިރު ފޯވާޑް އަސަދުﷲ އަބުދުﷲ ހުރީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައެވެ.