ސިއްހަތު

އައު ޢިމާރާތް ނިމުމުން އެނދުގެ އަދަދު އެތައް ގުނައެއް އިތުރުވާނެ


ރާއްޖޭގައި މިވަގުތު ޚިދުމަތްދެމުންދާ އެންމެބޮޑު އަމިއްލަ ހޮސްޕިޓަލް އޭޑީކޭގެ އައު ޢިމާރާތް ނިމުމާއެކު ބަލި މީހުން އެޑްމިޓް ކުރުމަށް ބޭނުންވާ އެނދުގެ ޢަދަދު މިހާރަށްވުރެ އެތައް ގުނައެއް އިތުރުވާނެކަމަށް އެ ހޮސްޕިޓަލްގެ މެނޭޖިންގ ޑިރެކްޓަރު އަޙުމަދު ޢައްފާލް ވިދާޅުވެއްޖެއެވެ.

އޭޑީކޭގެ ދިހަ ބުރީގެ އައު ޢިމާރާތުގެ މަސައްކަތް ކުރިއަށްދާ ގޮތާއި ބެހޭ ގޮތުން ޢައްފާލް ވިދާޅުވީ މިހާރު ކުރިއަށްދަނީ ތަފާތު އެކި ސާޖަރީތަކާއި އޮޕަރޭޝަންތައް ކުރުމަށްފަހު އެޑްމިޓްކުރެވޭ ބަލި މީހުންނަށް ބޭނުންވާ ވަރޑްތަކުގައި އެނދު އިތުރުކުރުމަށް ކުރާ މަސައްކަތް ކަމަށެވެ. އެގޮތުން މިހާރު ހުރި ވަރޑްތަކަށްވުރެ ޢަދަދު އިތުރުވެ، އެ ވަރޑްތަކުން ރަނގަޅު ފެންވަރެއްގައި ޚިދުމަތް ލިބޭނެކަމަށް ޢައްފާލް ވިދާޅުވިއެވެ.

އޭޑީކޭގައި މިހާރު ބަލި މީހުންނަށް އަށްޑިހަ އެނދާއެކު ޚިދުމަތް ދެމުން އަންނައިރު، މި މަޝްރޫޢު އެއްކޮށް ނިމުމުން ސަތޭކަ ފަސްދޮޅަސް އެނދުން އެއްފަހަރާ ޚިދުމަތް ލިބިގެންދާނެ ކަމަށް ޢައްފާލް ވިދާޅުވިއެވެ.

އައު ޢިމާރާތުގައި ހަދާ ވަރޑްތަކުން ބަލި މީހާއަށާއި އޭނާގެ އެހީތެރިޔާއަށް ފުރިހަމަ ޕްރައިވަސީ ލިބިގެންދާނެކަން ފާހަގަ ކުރައްވަމުން ޢައްފާލް ވިދާޅުވީ ކުރިން ހުރި ވޯޑްތަކުގައި ބަލި މީހުން ތިބޭ ގޮތާއި ޚިލާފަށް އަލަށް ހަދާ ކޮންމެ ވޯޑެއްގައި ވެސް އެއްބަޔަކު އަނެއް ބަޔަކަށް ނުފެންނާނެ ގޮތަށް ތަން ފަރުމާކުރެވިފައިވާނެ ކަމަށެވެ.

އޭޑީކޭއިން ޚިދުމަތްތައް ދެމުން އަންނަނީ ޚިދުމަތް ލިބިގަންނަ މީހުންދޭ ޚިޔާލާއި ލަފާގެ މަތިންކަން ފާހަގަކުރަމުން ޢައްފާލް ވިދާޅުވީ ބަލި މީހުންނަށް ބޭނުންވާ ވޯޑްތަކުގައި އެމީހުންނަށް ބޭނުންވާ ޕްރައިވެސީ ލިބޭނެ ގޮތަށް ފަރުމާ ކުރަން ނިންމީ ވެސް މިހާރު ދެމުންދާ ޚިދުމަތަށްވުރެ ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.

އޭޑީކޭއިން އެންމެ ބޮޑު އިސްކަމެއްދޭނީ އެއްވަރެއްގައި އަގުތަށް ހިފެހެއްޓުމަށް ކަމަށް ޢައްފާލް ވިދާޅުވިއެވެ.

ރާއްޖޭގެ އަމިއްލަ އެންމެ ބޮޑު ހޮސްޕިޓަލް، އޭޑީކޭއިން އަންނަނީ އެތަން އިތުރަށް ތަރައްޤީކޮށް ޚިދުމަތްތައް ފުޅާކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ތިއޭޓަރު ކޮމްޕްލެކްސްއަކާއި އެކު ކެތު ލެބެއް ޤާއިމުކޮށް ހިތުގެ ބޮޑެތި ބަލިތަކަށް ފަރުވާ ދިނުމަށްވެސް އެ ހޮސްޕިޓަލް އަންނަނީ ތައްޔާރުވަމުންނެވެ.

އޭޑީކޭއިން ހަދާ ދިހަ ބުރީގެ މި މަޝްރޫއަށް އަށާރަ މިލިއަން ޑޮލަރަށް ވުރެ ބޮޑު ޢަދަދެއް ޚަރަދު ވާނެ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.