އަންނަ އަހަރު ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރާނެކަމުގެ އިޝާރާތެއް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްވައިފިއެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ސިވިލް ސަރވިސް މުވައްޒަފުންނަށް އުފާވެރި އުންމީދީ ކަންތައްތަކެއް ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ.
ޕީޕީއެމްގެ މައި ޖަގަހަ "ރުމާލު ދޭއް" ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓަކީ ސިވިލް ސާރވިސް މުވައްޒަފުންނަށާއި ދައުލަތުގެ ހުރިހާ މުވައްޒަފުންނަށް އުންމީދީ ބަޖެޓަކަށް ވެގެންދާނެކަމަށެވެ. އަދި އެކަމަށްޓަކައި ސިވިލް ސާވިސްގެ އޮނިގަނޑު ދިރާސާކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، އެކަމަށްޓަކާ ޕޭ ކޮމިޝަނުންވެސް މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށެވެ. މި މަސައްކަތުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވެ ވަޑައިގަންނަވަނީ ފިނޭންސް މިނިސްޓަރކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވެފައިވާއިރު ޕީޕީއެމް ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަޙްމަދު ނިޙާން ޙުސައިން މަނިކު ވަނީ ރައްޔިތުންގެ މަޖިލީހުން އެންމެ މުހިންމު މަސައްކަތަކަށް ދެންކުރައްވާނީ ސިވިލް ސާރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުންކަމަށް ވިދާޅުވެފައެވެ.
ރައީސް ޔާމީންގެ ވާހަކަފުޅުގައި ވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ދައުރުގައި ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ އުނިކުރިކަން ފާހަގަކުރައްވާފައެވެ. އަދި އުނިކުރި މުސާރަ ދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރެއްވިކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ސިވިލް ސާރވިސްގައި 24،516 (ސައުވީސް ހާސް ފަސްސަތޭކަ ސޯޅަ) މުވައްޒަފުން މަސައްކަތްކުރަމުން ގެންދެއެވެ. އެއީ 13705 (ތޭރަ ހާސް ހަތް ސަތޭކަ ފަސް) އަންހެނުންނާއި 10811 (ދިހަ ހާސް އަށްސަތޭކަ އެގާރަ) ފިރިހެން މުވައްޒަފުންނެވެ.