ޚަބަރު

މުވާސަލާތީ ޚިދުމަތުގެ ދާއިރާ ދިވެހިންގެ އަތްމައްޗަށް ގެންނަންޖެހޭ


ދިވެހިރާއްޖޭގެ މުވާސަލާތީ ޚިދުމަތުގެ ދާއިރާ ދިވެހި ކުންފުނިތަކުގެ އަތްމައްޗަށް ގެނައުމަށްޓަކައި، އެ ސިޔާސަތުތައް ރިވިއުކުރަންޖެހޭކަމަށް ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑައިރެކްޓަރ އިބްރާހީމް ޚަލީލް ވިދާޅުވެއްޖެއެވެ.

އިބްރާހީމް ޚަލީލް މިހެން ވިދާޅުވީ ރާއްޖެ އޮންލައިންގެ ފްރަންޓް އޮފީސް ހުޅުއްވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ރާއްޖެ އޮންލައިނަކީ މީގެ ދިހަ އަހަރުން ކުރިން ފެށިގެން ފުޅާދާއިރާއެއްގައި ރާއްޖޭގެ ރައްޔިތުންނަށް އިންޓަރނެޓްގެ ޚިދުމަތްދެމުން އަންނަ ކުންފުންފުންޏެކެވެ. އެ ކުންފުނީގެ ޚިދުމަތް އެތައްހާސް ބަޔަކު އަންނަނީ ލިބިގަންނަމުންނެވެ.

އާރުއޯއެލްގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ދެވޭ ޚިދުމަތް ފަސޭހަކުރުމަށާއި އަވަސްކުރުމުގެ ގޮތުން ހުޅުވި އެ ކުންފުނީގެ އައު އައު ފްރޮންޓް އޮފީސް ހުޅުވާފައި ވަނީ އަމީރު އަޙްމަދު މަގުގައެވެ. މި އޮފީސް ރަސްމީ ގޮތުން ހުޅުވުމަށް ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް ވިދާޅުވީ، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލާއިރު މުއާޞަލާތީ ދާއިރާއަކީ ވަރަށް މުހިންމު ދާއިރާއެއްކަމަށެވެ. އެހެންނަމަވެސް ރާއްޖޭގެ މުއާޞަލާތީ ދާއިރާ މިއަދު އޮތީ ދިވެހިންގެ އަތްމަތީގައި ނޫންކަމަށާއި، ރާއްޖޭގެ މުއާޞަލާވީ ޚިދުމަތުގެ ދާއިރާ ދިވެހި ކުންފުނިތަކުގެ އަތްމައްޗަށް ގެނައުމަށް ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކުން ވިސްނަންޖެހޭކަމަށެވެ.

މުއާޞަލާތީ ޚިދުމަތުގެ ވިޔަފާރިއަކީ ވަރަށް މުހިއްމު، އަދި ފައިދާ ބޮޑު ވިޔަފާރިއެއްކަން ފާހަގަކުރައްވަމުން، އިބްރާހީމް ޚަލީލް ވިދާޅުވީ އާރް.އޯ.އެލް އަކީ ރާއްޖޭގައި ވަރަށް ފުޅާދާއިރާއެއްގައި ޚިދުމަތްދެމުން އަންނަ ކުންފުންޏެއްކަމަށެވެ.

މި ރަސްމިއްޔާތުގައި އާރުއެލްއޯގެ ސީ.އީ.އޯ އިބްރާހީމް ރިޔާޒް ވިދާޅުވީ އާރްއޯއެލް ގެ ކަސްޓަމަރުންނަށް ފަސޭހަ ޚިދުމަތްތަކެއް ދިނުމަށްޓަކައި އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. އަދި އެ ކުންފުނީގެ އަމާޒަކީ ކަސްޓަމަރުންނަށް ފަސޭހަ އަދި ރަނަގަޅު ޚިދުމަތެއް ދިނުންކަމަށެވެ.

އާރުއެލްއޯގެ ހެޑް އޮފް މާރކެޓިން މަނާލް ޢަބްދުއްލަޠީފް ވިދާޅުވީ އާރއޯއެލްގެ ފުރަންޓް އޮފީސް ހުޅުވާފައިވަނީ ގިނަ ކަސްޓަމަރުންނަށް ޚިދުމަތްދިނުމަށްކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު އައުޓްލެޓްތަކެއް ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ 10 އަހަރު ކުރިން ޚިދުމަތްދޭން ފެށި އާރުއޯއެލްއިން ހުޅުވި ފުރަންޓް އޮފީހުން ކަސްޓަމަރުން އެކުންފުނީގެ ގިނަ ޚިދުމަތްތަކެއް ފަސޭހަކާމާއެކު ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް އާރުއެލޯއިން ބުނެއެވެ. އެ ކުންފުނިން ބުނީ ދިވެހި މެނޭޖްމަންޓެއްގެ ދަށުން ހިންގަމުން އަންނަ ކުންފުންޏެއްކަމުން ފްރަންޓު އޮފީހުގައި މަސައްކަތްކުރުމަށް ދިވެހިންނަށް ފުރުޞަތު ދިނުމަށް އިސްކަންދީ އެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ.

ރާއްޖެ އޮންލައިންގެ އާ ވެބްސައިޓްވެސް މިރަސްމިޔާތުގައި ވަނީ އިފްތިތާޙްކޮށްފައެވެ. މައި އާރުއޯއެލްގެ ނަމުގައި އިފްތިތާޙްކުރި މި ވެބްސައިޓް އިފްތިތާޙްކޮށްދެއްވީވެސް ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ޚަލީލްއެވެ.