ޚަބަރު

ދައުލަތުގެ އިސްވެރިޔަކު ރިސޯޓެއްގައި ހުމާމުއާ ބައްދަލުކުރި


ޑރ.އަފްރާޝީމް ޢަލީގެ ޤާތިލް ޙުސައިން ހުމާމް މާފުށީ ޖަލުގައި ޙުކުމް ތަންފީޒްކުރަމުން ދަނިކޮށް، ދިވެހި ދައުލަތުގެ ވަރަށް އިސް ބޭފުޅަކު ހުމާމް ރިސޯޓަކަށް ގެންގޮސް އޭނާއާ ބައްދަލުކުރި މައްސަލަ ތަޙްޤީޤްކުރަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. 

ސްޓެލްކޯ ޖަލްސާކުރާ މާލަމުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، ދިވެހި ރައްޔިތުންނަށް މީގެ ކުރިން ނޭނގޭ ބައެއް ވާހަކަތައް ކަމަށް ވިދާޅުވެ، ބައެއް ކަންކަމުގެ ތަފްޞީލް ރައްޔިތުންނާ ޙިއްޞާކުރައްވަމުން ރައީސް ޔާމީން ވަނީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ.އަފްރާޝިލް ޢަލީގެ މަރުގެ މައްސަލއިގެ އިތުރު ތަޙްޤީޤެއް ފަށްޓަވާފައިވާކަން ހާމަކުރައްވާފައެވެ. 

ޑރ. އަފްރާޝީމްގެ މައްސަލައިގެ އާ ޞަފުޙާގެ ތަފްޞީލް ޙިއްޞާ ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، ޑރ.އަފްރާޝިމްގެ މަރުގެ މައްސަލަ ސުޕްރީމް ކޯޓުން ނިމިގެން އަންނައިރު އަދިވެސް އިތުރު ތަޙްޤީގެއް އެއާ ގުޅިގެން ކުރަންޖެހޭކަމަށެވެ. އަފްރާޝީމްގެ މަރު ހިނގާދިޔައީ ކިތަންމެހާވެސް ރަޙުމްކުޑަކޮށްކަން ފާހަގަކުރައްވަމުން، ރައީސް ޔާމީން ވިދާޅުވީ، މި މައްސަލާގައި، އެއިރުވެސް ފުލުހުންގެ މުއައްސަސާ ހުރެ، އެމައްސަލައާ ގުޅޭ ކަންކަން ބެލެންޖެހޭނެކަމަށެވެ. އެމައްސަލާގައި ޖަވާބުދާރީ ވެވެންޖެހޭނީ މިހާރު ނޫންކަމަށާއި، އެއިރުވެސް ޖަވާބުދާރީ ވެވިފައި އޮންނަންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަފްރާޝިމްގެ މަރުގެ މައްސަލާގައި ލިބިފައިވާ މަޢުލޫމާތުގެ އަލީގައި ތަޙްޤީޤްކުރަންޖެހޭ ކަންކަން އަދިވެސް އެބަހުރިކަމަށް ރައީސް ޔާމީން ވިދަޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ދިވެހި ދައުލަތުގެ ވަރަށް އިސް ބޭފުޅަކު މާފުށީ ޖަލުގައި ހުރި، އަފްރާޝިމްގެ ޤާތިލް ޙުސައިން ހުމާމް ޖަލުން ނެރެ ރިސޯޓެއްގައި ބައްދަލުކޮށްފައިވާކަމަށެވެ. ނަމަވެސް އެއީ ސަރުކާރުގެ ކޮން އިސް ބޭފުޅެއްކަން އަދި ކޮން ތާރީޚެއްގައިކަން ރައީސް ހާމައެއް ނުކުރައްވައެވެ. 

img:http://s3.psmnews.mv/images/660x400/15020180266088.jpg|ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް - ފޮޓޯ: ޕީއެސްއެމް

މާފުށީ ޖަލުގެ ދެ ގާޑުންގެ ތެރެއިން އެއްގާރޑު އެކަމުގެ ބަޔާން މިހާރު ދީފައިވާކަމަށާއި، އެކަން ހިނގިކަން އެނގިގެން އޭނާގެ ބަޔާން ފުލުހުން މިހާރު ނަގާފައިވާކަމަށް ވިދާޅުވެ، ރައީސް ވަނީ އެކަން ތަފްޞީލްކުރައްވާފައެވެ. 

"އެހެންކަމުން ދައުލަތުގެ އެވަރުގެ އިސް މީހަކު ގައިދީއަކު ބަންދުގައި ހުއްޓާ ޤަވާއިދާއި ޚިލާފަށް ނެރެ އޭނާއި ބައްދަލުކުރި ކީއްވެގެން ބަލަންޖެހޭ. އެ ބަލައިގެން ހަޤީގަތުގައި ހުމާމް މަރާލަން އެންމެ ޝައުގުވެރިކަން ހުރީ ކޮން ބައެއްކަން އެނގޭނެ. އެކަމުގެ މަޢުލޫމާތު ހުރީ ކޮން ބައެއްގެކަން އެނގޭނެ. އެކަން ބެލެންވާނެ. އެ ތަހްޤީޤް ކުރިއަށް އެބަދޭ އެކަމުގެ ދެވަނަ ގާޑުގެ ބަޔާންވެސް ނަގާނެ. އެ ލިބުމާއެކު ދިވެހި ދައުލަތުގައި އެކަން ކުރި އިސް ބޭފުޅަކާ ތަހްޤީޤްކޮށް ބެލޭނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، މިފަދަ ކަންކަމަކީ ބެލެންޖެހޭނެ ކަންކަން ކަމަށާއި، މިއީ ކުރިން ރައްޔިތުންނަށް އެނގޭ ކަންކަން ނޫންކަމަށެވެ. މިއަދުގެ ޙާލަތު މިހާ ހިސާބަށް ދިއުމުން ސިޔާސީ ލީޑަރުން އެމީހުންގެ އަމިއްލަ ކަންކަން ކުރިއެރުވުމަށްޓަކައި ނުކޮށް ދޫކޮށްލާނެ އެއްވެސް ކަމެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. އަފްރާޝިމް ޢަލީ އަވަހާރަކޮށްލިކަމަށް ބުނެ، ޝަރީޢަތުގެ މަޖިލީހުގައި އެއްފަހަރަށްވުރެ ގިނަ ފަހަރު ޙުސައިން ހުމާމް އިޢުތިރާފްވެފައިވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވެފައިވެއެވެ.